(އާދިއްތަ ދުވަހާ ގުޅޭ)
"ހިނގާބަލަ އޭނަގެ ބޮލުގަ ލަކުޑިބުރިޔަކުން ޖަހަމާ! މަށޭ ޖަހާނީ!" އާދަނު ބުންޏެވެ.
ދޮންމަނިކު ދިޔައީ ސިއްސައިގެންނެވެ. އާދަނަކީ ދުވަހަކު ވެސް އެ ކަހަލަ އެއްޗެއް ބުނި މީހެއް ނޫނެވެ.
"ބަލަ ތީ ބަސްއަހާ އާދަނެއްނު!" ދޮންމަނިކު ބުންޏެވެ. "ވެރިންނާ ނުތޮޅޭން، ވެރިންނަށް އަދަބުވެރިވާން އަހަންނަށް ވޮށުފިލާ އަޅައިދޭ މީހާ ކުއްލިއަކަށް ވަތު ފުށް މައްޗަށް މި ޖެހުނީ ކީއްވެ؟ ހަމަހޭގަތަ ތިހިރީ؟ މަ ހިތުން މިހާރު ބޮޑުއިސްޓޯރުން އަފިހުން ވިއްކުން ހުއްޓާލައިފި."
އާދަނުގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. އެ ވަގުތު ވާހަކަ ދައްކަން އުޅެފި ނަމަ ރޮވިދާނެތީ ހިތްވަރު ކޮށްލައިގެން ހުންނަން އާދަނު މަސައްކަތްކުރިއެވެ. އިސްޖަހައިލިއެވެ. އެކަމަކު އެއްޗެއް ނުބުނެއެއް ވެސް ނުހުރެވުނެވެ.
"ހަމީދަށް ކަނޑައެޅިގެން އެނގޭނެ ހަފީޒާ ދެކެ އަހަރެން ކިހާ ލޯބިވާކަން،" އާދަނު ބުންޏެވެ. "އަވަށުވެރިގެއަށް އަހަރެން ގެންގޮސް އެ ތަނުގަ ތަޅުވާފަ، ގޭބަންދުކޮށްފަ، އަށިގެއަށް ލާފަ، އެންމެ ފަހުން ހަފީޒާ އެ ފުރުވާލީ! ކޮބާ އަހަރެންގެ ކުށަކީ؟ ހަމީދުއާ ދެކޮޅަށް މުޅި މާލެ ކެކެނީ. މީހުން އެ ތިބީ ރުޅިއައިސް ރަތްވެފަ. އަހަރެން ކައިރީގަ ކިތައް މީހުން ބުނީ އެ މީހުންނާ ބައިވެރިވާން އަންނާށޭ. ނުދަމޭ! ނުބެހޭ ކަންތަކާ ކާޅު ކެޔަސް ސޮއް ނުގޮވައޭ ހުރީ. މިހާރު ވެސް މިހިރީ ހަފީޒާ ދެކިލާ ހިތުން މަރުވާ ވަރު ވެފަ. އަޅެ ފަގީރުންގެ ހިތެއް ނޯވޭތަ ދޮންމަނިކާ؟"
"ކީއްކުރާނީ؟ ހެދި ގޮތެއް ހެދިގެން ތިބުން ނޫން ގޮތެއް ނެތް،" ހިތާމައިގައި ބައިވެރިވަމުން ދޮންމަނިކު ބުންޏެވެ. "އަހަރެން މިހިރީ އާދަނުގެ ބަސް ގަބޫލުކޮށްގެން."
އާދަނުގެ ރުޅިގަނޑު ބޮގޮބޮގޮއަޅާފައި ކެކިގަތެވެ.
"އެހެން ދޮތަ؟" ލޮލުގައި ރޯކޮށްލި އަނގުރު އަލިފާނުން ކަރުނަތައް އާތްވަށް ހަދައިލަމުން އާދަނު ބުންޏެވެ. "ނޫނީ ބައިތުލްމާލުގަ ހުރި އަހަރުމެންގެ ފައިސާއިން ދޮންމަނިކުގެ ބައްޕަ ގަނެލީތަ؟ އަހަރެން އަޑުއެހިން، ތިލަދުންމަތިން ބައްތެލިތައް އައި ދުވަހު އެ މީހުން ފައްސާލަން ވައިސޫރިކުޑޭއަށް ބައިއެޅި ވާހަކަ."
އެ ކަމާ ދެކޮޅަށް އެއްޗެއް ބުނާކަށް ދޮންމަނިކު ބޭނުމެއް ނުވިއެވެ. އާދަނުގެ އެކުވެރިކަމަށް ބުރޫއަރާފާނެތީއެވެ.
"އާދަނު މި ވަގުތު ތިހިރީ ވަރަށް ރުޅިއައިއްސަ،" ނަސޭހަތުގެ ރާގެއްގައި ދޮންމަނިކު ބުންޏެވެ. "އެންމެ ރަނގަޅު ވާނީ..."
"ދެން އަހަރެން ހޭންވީ؟" އާދަނު އެހިއެވެ. "ނޫނީ ހަމީދުގެ ފައިންޕުޅުގަ ބޮސްދީފަ ބުނަންވީތަ މަނިކުފާނު އަޅުގަނޑުގެ ފުރާނައޭ ތިޔަ ލުހެލީ؟ ނިންޖޭ ތިޔަ ޖަހައިގަތީ؟ ނޭވަޔޭ ތިޔަ ބަންދުކޮށްލީ؟"
"އާދަނު އިހަށް އަޑުއަހާ..." ދޮންމަނިކަށް ބުނެވުނީ އެ ހިސާބަށެވެ.
"ދޮންމަނިކު އިހަށް އަޑުއަހާ!" އާދަނު ތަންކޮޅެއް ބާރަށް ބުންޏެވެ. "ގޮސް ނަންގަނޭ މި ފަހަރު ތިޔަ ގާއުކުނީ ކުޅަނދުރު ހަތަޔަކަށޭ!"
އާދަނުގެ ކޮނޑުގައި ދޮންމަނިކު ފިރުމާލަން އުޅުނު އަތް ފޮޅުވައިލާފައި އާދަނު ހިނގައިގަތެވެ. ދޮންމަނިކު ފަހަތުން ގޮސް އާދަނު ކުރިބެއްދިއެވެ.
"އަހަންނަކަށް މިހާރަކު ނެތް ތި ކަމުގަ ބައިވެރިވެވޭކަށް. ނުބުންޏަސް އާދަނަށް އެނގޭނެ ކީއްވެގެންކަން،" ދޮންމަނިކު އަސަރާ އެކުގައި ބުންޏެވެ. "އަހަރެން އެދެން އާދަނު ވެސް ރުޅިމަޑުކޮށް، ބުއްދީގެ ބޭނުންކުރަން. ހަމީދަކީ އާދަނަށް ކަމެއް ކުރެވޭ ވަރަށް ވުރެ މާ ބާރުގަދަ މީހެއް."
"ޝުކުރިއްޔާ!" ދޮންމަނިކުގެ ވާހަކަ އަޑުއަހަން ބޭނުންނުވާތީ އާދަނު ބުންޏެވެ. "ވަރަށް ސަލާން."
ހަފީޒާ ފުރި ފަހުން އާދަނުގެ ކަރަށް ހުންނަނީ ފާޑެއްގެ ގޮތެއްވެފައެވެ. ހިންދިރުވައިލަން އުނދަގޫވަނީއެވެ. އެހެނަސް، ހަފީޒާ ފުރައިގެން ދިއުން އެއީ އާދަނުގެ ނަޒަރުގައި ލިބުނު ހިތްވަރެއް ވެސްމެއެވެ. ބައްދަލުނުވެ، ކައިވެނި ނުކުރެވި ހަފީޒާ މާލޭގައި ހުރި ނަމަ އާދަނު މާ ހިތްދަތިވީހެވެ. އެއީ ދޫންޏެއް ހިފަން އުޅެނިކޮށް ކުއްލިއަކަށް އެ ދޫނި އުދުހިގެން ދިޔުމުން ކުރެވޭ ކަހަލަ އިހުސާސެކެވެ. ދިޔައިމަ ދިޔައީއެވެ. ދެން ކުރެވޭނެ ކަމެއް ނޯންނާނެއެވެ. ކިތަންމެ ދެރަވިޔަސްވެހެވެ. އާދަނު ވިސްނީ އެހެންނެވެ. ކޮންމެވެސް ހިތްވަރެއް ލިބެނީ އޭރުންނެވެ.
ރާއްޖޭގެ ވިޔަފާރިއާ ބެހޭ ވުޒާރާއަށް ކިޔަނީ ވުޒާރަތުއް ތިޖާރާ ވައްތަމްވީނެވެ. ތިޖާރާ ހުންނަނީ ދަތުރަށް އަރައިވަޑައިގަންނަވާ ދޮރޯށިން އަތިރިއަށް ފައިބާ އިރު ހުންނަ ދިގު އިމާރާތުގައެވެ. ދޮރުތައް ހުންނަނީ ޗާނދަނީމަގަށެވެ. އެއީ މަގުގެ އުތުރުކޮޅުން މޫދު ކައިރިއެވެ. ތިޖާރާއަށް ވަދެވެނީ ހަރުފަތަކަށް އަރައިގެންނެވެ. ބިމަށް ވުރެ ތަންކޮޅެއް މަތީގައި އިމާރާތް ހުންނާތީއެވެ.
އާދަނު ރަށު ތެރޭގައި އެނބުރެމުން ގޮސް ތިޖާރާއާ އަރައި ހަމަވި އިރު، އެތެރޭގައި ރައްޓެހި ތިބި ތަން ފެނިފައި ތިޖާރާގެ ދޮރުމައްޗަށް އެރިއެވެ. ސަރުކާރު އެހެން އޮފީސްތަކެކޭ އެއް ފަދައިން އެ ތަނުގައި ވެސް ހުންނަނީ ދިގު މޭޒެވެ. މޭޒުމަތީގައި އޮތީކަނޑިކި ފޮތިގަނޑެއް އަޅައިފައެވެ. މޭޒު ވަށައިގެން ހުރީ ގޮނޑިޖަހައިފައެވެ. ވެރިޔާ އިންނަވަނީ މޭޒުގެ ކޮޅުގައެވެ. ތިޖާރާގެ އެންމެ އިސް ވެރިޔަކީ އިބްރާހިމްދީއެވެ. އެ ވަގުތު ބޮޑުގޮނޑީގައި އިނީ ސަލީމެވެ. ސަލީމަކީ އިބްރާހީމްދީއާ ވަރަށް އަރިސްކޮށް އެ ތަނުގައި އިބްރާހީމްދީގެ ދަށުން ހުންނަ މީހާއެވެ. ގޮނޑީގެ ފަހަތުގައި ދިގުގޮނޑިއެއް ހުއްޓެވެ. އެ ގޮނޑީގައި ދިހަ ވަރަކަށް މީހުން ތިއްބެވެ. އެ މީހުންނަކީ ރަށަށް ސާފުތެޔޮ ހޯދަން ކުޑަސިޓީ ހައްދަން އައިސް ތިބި މީހުންނެވެ. ސިޓީ ހައްދައިގެން ކުޑައިސްޓޯރަށް ދިޔުމުން ރަށަށް ގެންދަން ތެޔޮ ލިބޭނެއެވެ. ޖެހިގެން ހުރި ދިގު ގޮނޑީގައި ތިބީ ތިޖާރާގެ ޕިޔޯނުންނެވެ. އެއީ ސިކުނޑި އަޙަންމަދުމަނިކާއި މާބަނޑޭރި މުހައްމަދުމަނިކާއި ވީރުހުސެއިންދީ އާއި ފުރަހަނި ޅަހުއްތެވެ. ބޮޑުމޭޒު ކައިރީގައި ހާޖަރާ ތައުފީގު ވެސް އިންނެވިއެވެ. އޭނައަކީ ކާތިބެކެވެ. މުހައްމަދު ނޫރައްދީން ވެސް އިންނެވިއެވެ. އެ އެންމެންނަކީ ވެސް އާދަނުގެ ރައްޓެހިންނެވެ. އެކަމަކު މީހަކަށް ގޮވައިލާކަށް އާދަނުގެ ޝައުގުވެރިކަމެއް ނެތެވެ. ވީމާ، ނުކުންނަން ހިނގައިގަތެވެ.
"އޭއޭ!" ސަލީމު ގޮވައިލިއެވެ.
އާދަނު ހުއްޓިފައި ބަލައިލުމުން ސަލީމު އަތުން ހަނާއަޅައިލިއެވެ.
"އާދެބަލަ އާދެބަލަ!" ސަލީމު ބުންޏެވެ.
"ނުވަނަކަސް ތި ބުނާ އެއްޗެއް ބުނެބަލަ!" އާދަނު ބުންޏެވެ.
"ތެދެއް ކަލެއަށް މާ ބިރުވެރި ހުވަފެނެއް ފެންނަނީއޭ؟" ސަލީމު އެއްސެވެ.
އެއީ އަސުރަށް ވުރެ އިރު ތިރިނުވި ހުވަފެންކަން އާދަނަށް ވިސްނުނެވެ. ކުރީ ރޭ ވެސް އެ ހުވަފެން ފެނުނެވެ. އެކަމަކު އެ ވާހަކަ ދައްކާ ހިތެއް ނުވިއެވެ.
"އެއީ އާ ކަމެއް ނޫނެއްނު!" އެހެން ބުނެފައި އާދަނު އަނެއްކާ ވެސް އުޅުނީ އެ ތަނުން ދާށެވެ.
"ނާނާ ތިޔަ ހެން ނުބުނެ އެ ހުވަފެން ކިޔައިދީބަލަ!" ސަލީމު އެދުނެވެ.
ދެން ތިބި އެހެން މީހުން ވެސް އެ ކަމަށް އެދެން ފެށިއެވެ. ރައްޓެއްސަކަސް ސަލީމަކީ އާދަނު މާ ގަޔާވާ މީހެއް ނޫނެވެ. ދީނީ ކަންކަމުގައި އޭނަ ދެކޭ ގޮތާއި އާދަނުގެ ވިސްނުމާ ދިމާނުވާތީއެވެ. އެހެނަސް، ގިނަ ބަޔަކު އެދުމުން އާދަނު ހުވަފެން ކިޔައިދިނެވެ. އާދަނު ކަންތައް ކުރި ގޮތުގެ ވާހަކަ ނުލައެވެ.
"އާދަނު ދެން ކިހިނެއް ހެދީ؟" އަނގަގޮއްވަން އަހާ ކަހަލަ ރާގެއްގައި ސަލީމު ސުވާލުކުރިއެވެ.
"އަހަރެން ވެސް ދެން ރޮމުން މިސްކިތަކަށްނު އަރާނީ. އެހެން ކޮން ގޮތެއް އޮންނާނީ؟" އާދަނު ބުންޏެވެ.
"އެއީ ދެން އެހާ ބިރުގަންނަ ވަރުގެ ކަމެއް؟" މަލާމާތުގެ ރާގެއްގައި ސަލީމު ބުންޏެވެ. "ދެން އިރު އެ އިން ތަނެއްގަ އިނދެދާނެއްނު!"
އޭނަ އުޅުނީ އާދަނު ރުޅި އަރުވައިލާށެވެ. އާދަނަށް އެ ކަން އެނގުނެވެ.
"ތިހިނެއް ނުވެއޭ!" ކުޑަކޮށް ހިތްހަމަނުޖެހިފައި އާދަނު ބުންޏެވެ. "ބާރުގުގުރިއެއް ޖެހިޔަސް ބިރުން މި ތިބެނީ ވިރިވިރި. ހުވަފެނުގަ އެއްބަޔަކު ހީކުރީ ގިޔާމަތްވަނީ ކަމަށް. ކިހާ ބިރެއް ގަންނާނެ؟"
"ތީ ކަލޭގެ ފިނޑިކަމެއްނު!" ޖެހިލުން ކުޑަ ރާގެއްގައި ސަލީމު ބުންޏެވެ.
އެންމެން ތިބީ ވާހަކަ އަޑުއަހާށެވެ. ވާހަކަ ދާ މިސްރާބު އެކަކަށް ވެސް ކަމުދިޔަ ހެނެއް ހިޔެއް ނުވެއެވެ.
"ފިނޑިއަކަށް ވިޔަސް ނުވިޔަސް އެއީ ހަމަ ވާ ގޮތެއް." އާދަނު ބުންޏެވެ.
"ތީ ދެން ކަލޭ ބިރުގަތީމަ ކިޔާ އެއްޗެއް،" ހީނގެންފައި ސަލީމު ބުންޏެވެ. "މަށެއް ބިރެއް ނުގަނޭ!"
"ކަލޭ ބިރެއް ނުގަނެއޭ ތި ބުނަނީ ކަލޭ ދަންނަމުތަ މާތް ކަލާނގެ ވޮޑިގެންވާކަން؟" އާދަނު އެހިއެވެ.
"ނުދަންނަން!" ސަލީމު ވަގުތުން ބުންޏެވެ.
"ކީކޭ ކަލޭ ތި ބުނީ؟" އާދަނު އިނގިލި ދިއްކޮށްލާފައި ހަރުއަޑުން އެހިއެވެ.
"ކަލޭ ދަންނަ މީހާ އަހަންނަށް ބުނެދީބަލަ!" ސަލީމު ބުންޏެވެ. "އަހަންނެއް ނުދަންނަން."
"އަހަރެން ކަލެއަށް ބުނެދޭނީކީ ނޫން،" އާދަނު ބުންޏެވެ. "ދެން ކަލޭ އެހެން ބުނެފިއްޔާ ހަމަ މަރާލާނީ. ނިކަން ބުނެބަލަ!"
އާދަނު ގޮންޖެހުމުން ސަލީމު ބަލައިލީ އެ ތަނުގައި ތިބި އެހެން މީހުންގެ މޫނަށެވެ. އާދަނަށް ޖަވާބު ނުދެވިގެން ފިނޑިއަކަށް ވާކަށް ސަލީމު ބޭނުމެއް ނުވިއެވެ.
"ވޮޑިގެންވާކަމެއް އަހަންނެއް ނުދަންނަމޭ، ކަލޭ ދަންނަ މީހާ ބުނެދޭށޭ!" ސަލީމު ބުންޏެވެ. "މި ބުނީ!"
އާދަނަކީ އަބަދު ވެސް ދީނީ ކަންކަމަށް ހާއްސަ އިސްކަމެއް ދޭ މީހެކެވެ. ސަލީމު ވިހަލާފައި ދޫކޮށްލި ތީރު ހެރުނީ އާދަނުގެ މެޔަށެވެ. އެ މޭގައި އޮތީ، ހަސްފަސްނެތިފައިވާ ހިތެކެވެ.
"ކަލޭ ތިހިރީ ކުފުރުވެފަ!" އާދަނު ބުންޏެވެ. "ހަމަ މިހާރު ތައުބާވޭ!"
ސަލީމު އަޑުގެކޮޅަށް ހީނގަތެވެ. އާދަނު ދިޔަ ގޮތަށް މޭޒުގައި އަތްއަޅާފައި ފުންމައިގެން ގޮސް ސަލީމު ކުރިމައްޗަށް ޖެހިގަތެވެ. އަދި ސަލީމުގެ ކަންފަތް މަތީގައި ފިސާރި ބާރު އެތިފަހަރެއް އަޅައިވިހެލިއެވެ. މެންދުރު ދަޅައިގައި ސަލީމު ލޯމަތިން ތަރިތައް ވިދައި ބަބުޅައިގަތެވެ.
"އައްދިއްޔޯއި!" ކަންފަތުގައި އަތްއަޅަމުން ސަލީމު ބުންޏެވެ.
އާދަނު އެއްލި އަތުން ސަލީމުގެ ގަމީހުގައި ހިފައި ދަމައިގަނެ، ވީދައިލައި، ތަޅުންގަނޑު މައްޗަށް ސަލީމު ވައްޓައިލިއެވެ. ތަޅައިގަތެވެ. އޭރު މޭޒުމަތީގައި، މަތިނަގާފައިވާ ގަލަމު ދެލި ފުޅިއެއް ހުއްޓެވެ. ސަލީމު އެއްލި އަތުން މޭޒުމަތީގައި އޮތް ފޮތިގަނޑުގައި ހިފި، ފޮތިގަނޑު ދަމައިގަތް ވަގުތު އެ ފުޅި ބަންޑުންވެ، އެ ތަނުގައި ހުރި ފޮތްތައް ވެސް ފޯވެ، މުޅި ތަން ހަރާބުވިއެވެ. އެ ތަނުގައި ތިބި ބައެއް މީހުން ބިރުން ދުވެފައި ނުކުންނަން އުޅެނިކޮށް އެކަކު ހަރުފަތުން ކައްސާލައިގެން ވެއްޓި ފައިފުރޮޅުނެވެ. ބަޔަކު އޭނަ ނަގައިގަނެގެން ގެންދިޔައެވެ. އާދަނު ދުރުކުރީ އޮފީހުގެ ޕިޔޯނުންނެވެ. ކަސްޓަމު މީހުން އާދަނު އަތުގައި ހިފައިގެން ދާހިލިއްޔާއަށް ގެންދިޔައެވެ. (ނުނިމޭ)