ތިމާވެއްޓަށް ވީހާ ވެސް ބޮޑަށް ހޭލުންތެރި ކުރުމަށްޓަކައި ސްވިޓްޒަލެންޑުގައި އިމާރާތުން ބޭރުގައި ކޮޓަރިތައް ހިމެނޭ ގެސްޓް ހަައުސްއެއް ހުޅުވައިފި އެވެ.
"ޒީރޯ ސްޓާ ހޮޓެލް"ގެ ނަމުގައި ހުޅުވި އެ ގެސްޓް ހައުސްއަކީ ދެ ކޮންސެޕްޓަކަށް ތައްޔާރުކޮށްގެން ނިންމާފައިވާ ތަނެކެވެ. އެ ތަނުގެ އާންމު ކޮޓަރިތައް ހުންނަނީ ގެސްޓް ހައުސްގެ ތެރޭގައި އެހެން ތަންތަނެކޭ އެއްގޮތަށެވެ.
ނަމަވެސް ދެ ވަނަ ކޮންސެޕްޓުގައި ހާއްްސަ ހަތަރު ކޮޓަރިއެއް ހިމެނެ އެވެ. އެ ހަތަރު ކޮޓަރީގެ ކޮންސެޕްޓުގައި ހިމެނެނީ ތަޅުންގަނޑާއި އެނދެވެ. އެ ދެ ބައި ވެސް ހިމެނޭނީ އިމާރާތުން ބޭރުގަ އެވެ.
އެއާއެކު މުޅި ބެޑްރޫމުން ފެންނާނީ ވަށައިގެންވާ މާހައުލެވެ.
އެ ކޮންސެޕްޓު އުފެއްދި އާޓިސްޓު ޕެޓްރިކް ރިކްލިން ބުނިގޮތުގައި އެއީ ފުރާޅެއް އަދި ފާރެއް ނެތް ކޮޓަރިތަކެކެވެ.
އޭނާ ބުނީ އެ ޕްލެޓްފޯމް ކޮޓަރިތައް ހިމެނޭނީ ދެކުނު ސްވިޓްޒަލެންޑުގެ ވަލައިސްގެ އަވަށެއް ކަމަށްވާ ސައިލޯންގައި ކަމަށެވެ. އެއީ އެ ގައުމުގެ ޒަމާނީ ތަރައްގީ އާއި އިމާރާތްތަކަށް ވުރެ ބޮޑަށް އާންމު ދިިރިއުޅުން ދައްކުވައިދޭ އަވަށެއް ކަމަށް ރެގްލިން ބުންޏެވެ.
އެ ކޮޓަރިތަކުގެ ބޭނުމަކީ ވަށައިގެންވާ މާހައުލަށް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކަށް އިތުރަށް ފުންކޮށް ވިސްނައި އަމަލު ކުރުމަށް ބާރުއެޅުން ކަމަށް ޕެޓްރިކް ރިކްލިން ބުންޏެވެ.
އެ ކޮޓަރިތަކުގައި މިހާރު ތިބުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮޓަރިއެއްގެ އަގަކީ ރެއަކަށް 337 އެމެރިކާ ޑޮލަރެވެ. ކޮޓަރި ހިފުމާއެކު ކެއުމާއި އެ ނޫން ވެސް ހުރިހާ ހިދުމަތެއް ގެސްޓް ހައުސް އިން ހަމަޖައްސައިދޭނެ އެވެ.