ލޮޓީފައިލްސް ޓީމް، އެއާބީއެންބީގެ ލޮޓީ ޓީމްގެ މެންބަރު ގެބްރިއެލް (ވ)އާ އެކު
19 އޮކްޓޯބަރ 2017 - 08:36
ޓްވިޓާގައި ލައިކެއް ދިނުމުން ހިތްތައް ބުރައިގެންދާ މަންޒަރު ސިފަކޮށްލާށެވެ. ހިތްގައިމެއް ނޫންހެއްޔެވެ؟ ހަމަ އެގޮތަށް އެކި ވެބްސައިޓްތަކުގައި މިކަހަލަ ރީތި އެނިމޭޝަންތައް ލާފައި ހުރެ އެވެ. އެކަމަކު މިއީ އެ އެނިމޭޝަންތައް ލޮލަށް ފެނި ގެއްލޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށް ނިންމާލެވޭ ވަރުގެ މަސައްކަތެއް ނޫނެވެ.
ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް ހަދާ މީހުން ހިތް އެދޭ ގޮތަށް އެނިމޭޝަނެއް ތައްޔާރުކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. މި އެނިމޭޝަންތަކާއި މޯޝަން ގްރެފިކްސްތައް އަޑޯބީ އާފްޓަ އިފެކްޓްސް ކަހަލަ ސޮޕްޓްވެއާއަކުން ހަދައި ކޮންވާޓްކުރަން ޖެހެނީ މޫވީ ފޯމެޓަށެވެ. މިއީ އެނިމޭޝަން ކަމުދޭތޯ އެހެން މީހުންނަށް ދައްކާލުމަށެވެ. އެކަމަކު މި އެނިމޭޝަން ވެބްސައިޓެއްގައި ނުވަތަ އެޕެއްގައި ބޭނުންކުރަން އަނެއްކާވެސް އިތުރަށް އެތައް މަސައްކަތެއް ކުރަން ޖެހެ އެވެ. އެކަމަކު ތިން ހަތަރު މެގަބައިޓް މޫވީ ފައިލެއް ވެބަށް ނުވަތަ މޯބައިލް އެޕަކަށް ލައިގެން ގުޑާނުލައިނެތީ ދެން އަނެއްކާވެސް ޖެހެނީ އެތައް ބައިވަރު ކޯޑެއް ކޮށްގެން އެނިމޭޓް ކުރާށެވެ. އެހާވަރުން މަސައްކަތް ނިންމާއިރު ވެސް ފުރަތަމަ ހެދި އެނިމޭޝަނާއި ކޯޑްކޮށްގެން ހެދި އެނިމޭޝަން އެއްގޮތް ނުވެ އަލުންބަލުން މަސައްކަތްކުރަން ޖެހުމަކީ އާންމު ކަމެކެވެ. މި ސަބަބުތަކާ ހުރެ އެޕްލިކޭޝަންތަކުގައި އެނިމޭޝަން ބޭނުންކުރަން ޑިޒައިނަރުން ކިތަންމެ ބޭނުންވިޔަސް މިއީ ޑިވަލޮޕަރުން އެހާ ގަޔާވާ ކަމެއްނޫނެވެ. އެކަމަށް ހޭދަވާ ވަގުތާއި މަސައްކަތް ވެސް ބުރައީ އެވެ. މިކަމަށް ހައްލެއް ހޯދަން ފޭސްބުކް ކަހަލަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން މަސައްކަތް ކުރި އެވެ.
މިކަން މިހެން އޮންނަތާ އެތައް އަހަރެއް ފަހުން ދިވެހި ޑިވެލޮޕަރުންތަކެއް މި ވަނީ މި ބުރަ ލުއިކޮށްދީ ދުނިޔޭގެ ސަމާލުކަން ހޯދައިފަ އެވެ.
ޝާފިއު ލޮޓީފައިލްސްގެ މަސައްކަތުގައި
ރާއްޖޭގެ ކުޅަދާނަ ޑިވެލޮޕަރުން ކަމަށްވާ ނަސްރުﷲ އަދުނާން (ނައްޓު)، ޝާފިއު ހުސައިން، މާއިލް ރަޝީދު، އަދި ނާއިލް އަބްދުލްރަހްމާން (ކުޑަނާއި) ގުޅިގެން އުފެއްދި "ލޮޓީފައިލްސް" އާއި އޭގެ އެޕްތަކާއެކު މިހާރު ވަނީ މަންޒަރު ބަދަލުވާން ފަށައިފަ އެވެ. ލޮޓީފައިލްސް އަކީ ވަކި އުފެއްދުމެއް ނަމަވެސް، މިއީ ރާއްޖޭގައި ރެޖިސްޓާކޮށް، ހިންގަމުންދާ "އިންޓެލިއާ ޕާރޓްނާޝިޕް" އަށް ނިސްބަތްވާ ޒުވާނުންނެވެ. އަދި މިއަހަރު ފޯބްސް 30 އަހަރުން ދަށުގެ ލިސްޓުގައި ހިމެނުނު ބޫޓާންގެ ސޯނަމް ޕެލްޑެން ވަނީ ލޮޓީފައިލްސްގެ ޓީމާ ގުޅިފަ އެވެ. ސޯނަމް އަކީ ދި އިކޮނޮމިސް މެގަޒިން އަދި ސާވިސްހީރޯ ފަދަ ކުންފުނިތަކުގައި މަސައްކަތް ކޮށްފައިވާ ހުނަރުވެރި ޒުވާނެކެވެ.
އާފްޓައިފެކްޓްގައި ހަދާ އެނިމޭޝަން މޫވީ ނޫން ޑޭޓާ (ޑިވެލޮޕަރުންނަށް ފަސޭހަ) ފޯމެޓަކަށް މިހާރު ކޮންވާޓު ކުރެވެ އެވެ. މިކަން ކުރެވެނީ އެކަމަށް ތައްޔާރުކޮށްފައިވާ ހާއްސަ އެކްސްޓެންޝަނެއް ބޭނުންކޮށްގެނެވެ. އަދި މި އެނިމޭޝަންތައް ވެބް އަދި މޯބައިލް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވެ އެވެ. މި ފައިލްތައް މޯބައިލް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭ ގޮތަށް ހެދީ ދުނިޔޭގެ މަޝްހޫރު ކުންފުނި އެއާބީއެންބީގެ ޑިޒައިނަރުންނާއި ޑިވެލޮޕަރުން ގުޅިގެންނެވެ. އަދި އެއަށް "ލޮޓީ"ގެ ނަން ދީ އާންމުކޮށް ބޭނުންކުރުމަށް ހުޅުވާލި އެވެ. މިއާ އެކު ޑިވަލޮޕަރުންގެ މަސައްކަތް ކިތަންމެ ފަސޭހަވި ނަމަވެސް، ޑިޒައިނަރުން މިފައިލްތައް ބަލަން ޑިވަލޮޕަރުންގެ އެހީ ހޯދަންޖެހެ އެވެ. މިކަން ހައްލުކޮށްދިނީ ދިވެހި ޑިވެލޮޕަރުންގެ "ލޮޓީފައިލްސް" އެވެ.
ލޮޓީފައިލްސް ޓީމުގެ މެންބަރު ނައްޓު ރާއްޖޭގެ ގޮނޑުދޮށެއްގައި އިނދެ މަސައްކަތްކުރަނީ
ލޮޓީފައިލްސް ވެބްސައިޓަށް މި އެނިމޭޝަން ފައިލް "ޑްރެގް އެންޑް ޑްރޮޕް" ކޮށްލުމުން ނިމުނީ އެވެ. އެނިމޭޝަނެއް މަސައްކަތް ކުރޭތޯ ބަލައިލަން ޑިވެލޮޕަރުންގެ އެހީ ހޯދުން ނިމުމަކަށް އައީ އެވެ. ދުނިޔޭގެ މަޝްހޫރު ޑިޒައިނަރުން އެމީހުން ހަދާ އެނިމޭޝަންތައް ލޮޓީފައިލްސްގައި ހިއްސާކުރަން ފެށި އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެފައި ވަނީ އެނިމޭޝަން ހަދާ މީހުންގެ މައިދާނަކަށެވެ. މިއަހަރު ކުރީކޮޅު ހެދި ލޮޓީފައިލްސް ބޭނުންކޮށްގެން 50،000 ވުރެ ގިނަ ފައިލް ޑިޒައިނަރުން ޓެސްޓުކޮށްފައިވެ އެވެ. އަދި އާންމުކޮށް ފެންނަން ހުރި އެނިމޭޝަންތައް ލައްކައަކަށްވުރެ ގިނައިން ޑައުންލޯޑް ކޮށްފައިވެ އެވެ. ޑިވެލޮޕަރުން މި އެނިމޭޝަންތައް އެމީހުން ހަދާ އެޕްލިކޭޝައިން ތަކުގައި ބޭނުންކުރެ އެވެ.
ލޮޓީފައިލްސްގެ މޯބައިލް އެޕް އުފެއްދި ނާއިލް (ކ) އާއި މާއިލް
މި ފަސޭހަޔާ އެކު އެއާބީއެންބީ އާއި ބޮޑެތި އެހެން ބައެއް ކުންފުނިތަކުން ލޮޓީފައިލްސްގެ ވާހަކަ ދައްކަން ފެށި އެވެ. އޫބާ، ގޫގަލް، މައިކޮރޮސޮފްޓް ފަދަ ކުންފުނިތަކުގެ ޑިޒައިނަރުން ލޮޓީފައިލްސް ބޭނުންކުރަންފެށި އެވެ. އެނިމޭޝަންތައް ވެބް އަދި މޯބައިލް ޕްލެޓްފޯމުތަކަށް ގެނައުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެއާބީއެންބީގެ ލޮޓީ ޓީމާއި ލޮޓީފައިލްސްގެ ޓީމު ބައްދަލުކޮށް އެކުގައި ވަނީ މަސައްކަތް ފަށައިފަ އެވެ.
ވެބްސައިޓުގެ ތިރީގައި "މޭޑް ވިތު ލަވް ފްރޮމް މޯލްޑިވްސް" ޖަހާފައިވާ ލޮޓީފައިލްސް އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ތަރުހީބާ އެކު އިންވެސްޓަރުންގެ ޝައުގުވެރިކަން ހުއްޓުނެވެ. އެމީހުންގެ ލަފާގެ މަތިން މި ޕްލެޓްފޯމް މިހާރުވަނީ ބައްޓަން ކުރަން ފަށައިފަ އެވެ.
ދިވެހި ޑިވެލޮޕަރުންނަށް ފުރުސަތު އެބަ އޮތެވެ. މިފަދަ އުފެއްދުންތަކުން ސާބިތުކޮށްދެނީ، ދިވެހި ޒުވާން ޑިވެލޮޕަރުންނަކީ ވެސް ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކޮށްލެވޭ ފެންވަރުހުރި ބައެއްކަމެވެ. ހުރަސްތަކެއް ހުރި ނަމަވެސް ޒުވާނުން އަންނަނީ ފަހަރަކު ކަމެއް ގިރާކުރަމުން، އުޖާލާ ކުރިމަގެއް ބިނާކުރަމުންނެވެ.
މި އުފެއްދުންތެރި އީޖާދުގެ ފަހަތުގައި އޮތް ޓީމުގެ މުހިންމު މެމްބަރެއް ކަމަށްވާ ނައްޓު ބުނި ގޮތުގައި ދިވެހި މިފަދަ އުފެއްދުންތަކަށް ދުނިޔޭގެ މާކެޓުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެހެން ޑިވެލޮޕަރުން ވެސް މިސްރާބު ބަހައްޓަންވީ ދުނިޔޭގެ ފެންވަރުގައި ޕްރޮޑަކްޓްތައް ތައްޔާރުކޮށް މާކެޓް ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލީ
20 October 2017
މަބުނީ އެއަރ ބީންބީ ގެ ވާހަކަވެސް މިލިޔުމުގައި ނެއް ދޯ.... https://airbnb.design/lottie/
ކަނީ
21 October 2017
އާޓިކަލް ރަނގަޅައްކިޔާބަލަ ފުރަތަމަ
އަހުމަދު މެން
20 October 2017
މަހީކުރީ އެއާރ ބީއެންބީ ޕްރޮޖެކްޓްއެއްލަމަށް ، އެކަމަކު މިހާރު ސާފު ވީގޮތް، ގަދަ މިގޮތް.
ލޮޓީ
20 October 2017
މަރުހަބާ
ާއާނި
20 October 2017
ދިވެހި ކުޑަކުދިންނަށް ޙާއްސަ ކުދިން ދިވެހިބަސްދަސް ކުރާނޭ ޝައުގު ވެރި ގޭމް ހަދައިދޭނެ ބަޔަކު ވާނަމަ އޭ ވ ހިތަށް އަރާ
އަދި
20 October 2017
އެބޭފުޅުން އެބޭނުންވާ އެޕް ހަދާދީ ހެޔޮނުވާނެ!
ދޮންބޭބެ
20 October 2017
ހަމަ ސަހާދެއް. ކޮމެންޓް ތްރެޑްގައި މުޅިން މިވާހަކައެއް. މީގެ ހަގީގަތެއް ބަލާލަން އެބަޖެހޭ މަވެސް.
ކަންނެލި
20 October 2017
ޑިގު އެޕް ހަދާދީބަލަ!
އިސްމާއިލް ކަލީމް
20 October 2017
އެހެން ބައެއްގެ ބުރަ މަސައްކަތުން ކަމާ ނުބެހޭ ބަޔަކު ކްރެޑިޓް ތި ނެގީ.. ތިކަމުގެ ރޯޅި އަންނާނެ ލަސްތަކެއް ނުވެ!
އިލްމާއިސް ލަކީމް
20 October 2017
ބުރޯ މީތި ރަނގަޅަށް ކިޔާފަތަ ކޮމެންޓް ތިޔަކުރީ، "ހޭޓާރސް ގޮނަ ހޭޓް"
ހާބަރު
20 October 2017
އޭ. މީ ދިރާގާއި ބީއެމްއެލްގެ އެޕް ހެދި ކުދިން ދޯ? ވަރަށް ފައްކާ. ކުރިޔަށް ކުރިޔަށް.
ހާބަރުބާބަރު
20 October 2017
މާ ބޮޑަށް އިނގިފަ ތިހުރީ.. ބީއެމްއެލް އެޕް ހެދީ ރާއްޖެ ބައެއް ނޫން!
ބުރޯ
20 October 2017
ނޫނޭ ނޫނޭ ކޮއިފުޅާ, ތިޔާ ބުނެވުނީ ގޯސް ބަހެއް. ބީއެމްއެލް އެޕް ހެދީ ހަތަރުކަށިމަތި ހަމަ ދިވެހި ދަރީން.
ކޮތަރުގެ އަސަރު
20 October 2017
ހާބަރުބާބަރު ކޮއްކޮއަށް ހާދަ ބާރެކޭ ތި ކުރީ. އާޅެ އަދި އެއްފަހަރު މައުލޫމާތު ސާފު ކޮއްލާފަ މިތާ މާފަށް އެދެން ފެނޭ
ދޮންބޭބެ
20 October 2017
ހާބަރުބާބަރު، ހާބަރު އެބުނީ ހެޔޮކޮށް. ބީއެމްއެލް އެޕް ހެދީ މާއިލް އާއި ނާއިލް އާއި ދެބެން. ޓްވިޓާގަ މިދެމީހުން މި އެޕައް ޕާސަނަލީ ސަޕޯރޓްވެސް ދީފަ އެބަހުރި މައްސަލަދިމާވީމަ.
ޢަލްވާހް
19 October 2017
ހާދަ އުފާވެއްޖެއެވެ.ދިވެހި ދަރިންތަކެއްގެ މިންނެތް މަސައްކަތަށް އައްސަރިބަހާ ސާބަހެވެ.
މަނަދޫ މީހާ
19 October 2017
މިކުދިންގެ މިމަސައްކަތަށް ވަރަށް ޝުކުރު އަދާކުރަން އަދި ބައިނަލްއަގްވާމީ މިފަދަ އެޕްތައް ތައްޔާރުކުރާތީ އުފާކުރަން. ތިޔަކުދިންވެގެން މި ގައުމު މި ބުނީ ދިވެހިރާއްޖެގެ ސަރުކާރު ހިންގާލާނެ ވެބް އެޕެއް ތައްޔާރުކޮށްދެންވީނުން. އެއީ ކަމެއް ކުރާއިރު މިހާރު ދާންމިޖެހެނީ ކޮންމެ ތާކަށް ވަކިވަކިން. ހުރިހާ މުއައްސަސާއެއް ގުޅާލެވިފައި ހުންނަނަމަ ނުޖެހޭނެ