އެންކްރިޕްޓެޑް އެޕްތަކަށް އެކްސެސް ހޯދަން އެއްބަސްވުމެއް

މި ޒަމާނުގެ ސޯޝަލް މީޑިއާ އެޕްތަކުގައި ކުރާ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދީފައިވާ "އިންޑް-ޓު-އިންޑް" އެންކްރިޕްޝަނަށް ކަމާބެހޭ ފަރާތްތަކަށް ބައެއް ހާލަތްތަކުގައި އެކްސެސްވުމުގެ ބާރު ހޯދުމުގެ އެއްބަސްވުމެއްގައި ގައުމުތަކަކުން ސޮއިކޮށްފި އެވެ.


އެންކްރިޕްޓް ސާވިސް މިހާރަށް ވުރެ "ބަލިކަށިކުރުމަށް" ޓެކް ކުންފުނިތަކުގައި އެދެން އެއްބަސްވުމުގައި ސޮއިކުރި ގައުމުތަކަކީ އިނގިރޭސިވިލާތާއި އެމެރިކާ އާއި އޮސްޓްރޭލިއާ އާއި ކެނެޑާ އާއި ނިއު ޒީލެންޑާއި އިންޑިއާ އަދި ޖަޕާނެވެ.

ވަޓްސްއެޕާއި ޓެލެގްރާމާއި ސިގްނަލާއި އައިމެސެޖް ކަހަލަ ޕްލެޓްފޯމްތަކުގެ "އިންޑް-ޓު-އިންޑް" އެންކްރިޕްޝަން ސާވިސް އަކީ މިހާރު އެޕްތައް ހިންގާ ކުންފުނިތަކަށް ވެސް އެއްވެސް ކޮންޓްރޯލެއް އޮންނަ ކަމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ގައުމުތަކުގައި އެޕްތައް އޮޕަރޭޓްކުރުމުގައި ދަތިތަކެއް ހުރިކަން ގައުމުތަކުން ފާހަގަކޮށްފައިވެ އެވެ.

އިނގިރޭސިވިލާތުގެ ހޯމް ސެކެޓްރީ ޕްރިތީ ޕަޓޭލް އާއި އެމެރިކާގެ އެޓާނީ ޖެނެރަލް ބިލް ބާ ވިދާޅުވި ގޮތުގައި މިހާރު ބައްޓަންވެފައިވާ ގޮތުން އެޕްތަކުން ހިންގާ މުއާމަލާތްތައް ބެލޭނެ އެއްވެސް ގޮތެއް ނެތުމަކީ ހާލަތްތަކަށް ރިއާޔަތްކުރާ އިރު ގާނޫނީ ގޮތުން ވެސް އޮތް ކަންބޮޑުވުމެކެވެ.

"މިހާރު މިއޮތް ގޮތުން އެފަދަ ކޮންޓެންޓްތަކަށް ގާނޫނީ ގޮތުން ވާސިލުވެވޭނެ އެއްވެސް ގޮތެއް ނެތް. އެކަމަކު ކޮންމެވެސް ސިފައެއްގައި ބާރު ލިބިފައި އޮތުން ވަރަށް މުހިއްމު،" ޕްރިތީ އާއި ބާ ވިދާޅުވި އެވެ. "ކުށްތައް ހުއްޓުވަން ވެސް މިކަމުގެ ސަބަބުން މަގުފަހިވެގެން ދާނެ."

އެ ބޭފުޅުން ވިދާޅުވި ގޮތުގައި ޒާތީ މައުލޫމާތު ރައްކާތެރިކޮށްދިނުމާއި ޕްރައިވެސީ އާއި ފިކުރީ މުދަލާއި ވިޔަފާރީގެ ސިއްރުތަކާއި ސައިބަ ސެކިއުރިޓީގެ ރައްކާތެރިކަން ކަށަވަަރުކޮށް ދިނުމުގައި ގައުމުތަކުގެ ސަރުކާރުތަކަށް ވަރަށް ބޮޑު، މުހިއްމު ރޯލެއް އަދާކުރެވޭނެ އެވެ. އެހެންވެ އެންކްރިޕްޝަން ސާވިސް އަށް ސަރުކާރުތަކުގެ ސަޕޯޓާއި ބާރު ވެސް މުހިއްމު ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިކަމާ ގުޅިގެން މިހާރު ބައެއް ޓެކް ކުންފުނިތަކާއި އެޑްވޮކަސީ ގްރޫޕްތަކުގެ އިތުރުން އާންމުންގެ މެދުގައި ވެސް ވަނީ ކަންބޮޑުވުންތައް އުފެދި، ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އެފަދަ ފަރާތްތަކުން ބުނާ ގޮތުގައި "އިންޑް-ޓު-އިންޑް އެންކްރިޕްޝަން" ގެ ހައްގު "މުގުރުލައިލަން" ސަރުކާރުންތަކުން އަތުކުރި އޮޅާލުމަކީ ރައްޔިތުންގެ ހައްގުތަކަކަށް އަރައިގަންނަ ލިބޭނެ ފުރުސަތެކެވެ. އެގޮތުން ސަަރުކާރުގެ އިދާރާތަކާއި އެޖެންސީތައް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބައެއްގެ ޕްރައިވެޓް މުއާމަލާތްތަކުގެ ތެރެއަށް ވަދެވުމަކީ ވަރަށް މައްސަލައެއް ކަމަށް ދަނީ ބުނަމުންނެވެ.