މިދިޔަ ދެ އަހަރު ތެރޭ ތައިލެންޑުގެ ބޮޑުވަޒީރުކަމަށް އިންތިހާބުކުރި ތިން ވަނަ ބޭފުޅެއްގެ ގޮތުގައި، މިހާރު ވެސް އެ މަގާމު އަދާކުރައްވަމުން ގެންދަވާ އަނޫޓިން ޗާންވިރަކުލް ހޮވައިފި އެވެ. 

ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކާ ހެދި ސަރުކާރުތަކަށް ހިންދެމިނުލެވި އޮތް ތައިލެންޑުގައި މިއަދު ބޭއްވި އިންތިހާބުގައި މިހާތަނަށް ސާފުވި ނަތީޖާއިން ދައްކާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތައް ލިބޭނީ ކޮންޒަވެޓިވް ފިކުރުގެ އަނޫޓިން ނިސްބަތްވާ ބުމްޖައިތައި ޕާޓީއަށެވެ. 

"އިންތިހާބުގެ ނަތީޖާއިން ކުރި ލިބޭނީ އަޅުގަނޑުމެންނަށް،" ކާމިޔާބީ އިއުލާނުކުރައްވަމުން އަނޫޓިން ވިދާޅުވި އެވެ. 

"މިއީ ތައިލެންޑު އެންމެންނަށް ލިބުނު ކާމިޔާބީއެއް. އަޅުގަނޑުމެންނަށް ވޯޓު ދިން ދިން މީހުންނާއި ނުދޭ މީހުންނަށް ވެސް މި ކާމިޔާބީ ނިސްބަތްވޭ." 

ތައިލެންޑުގެ ޗެނަލް 3 އިން ލަފާކުރާ ގޮތުގައި އަނޫޓިންގެ ބުމްޖައިތާއި ޕާޓީ އަށް 200 އެއްހާ  ގޮނޑި ލިބޭނެ އެވެ. ޕްރޮގްރެސިވް ޕީޕަލްސް ޕާޓީ އަށް 100 އަށް ވުރެ ގިނަ ގޮނޑި ލިބިފައިވާއިރު، ތިން ވަނަ އަށް އޮތީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ފިއު ތައި ޕާޓީ އެވެ.

މިއީ އެންމެ ފަހުން އޮތް އިންތިހާބުގައި ތިން ވަނަ އަށް ދިޔަ އަނޫޓިން އަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އޭނާ އެ އިންތިހާބުން ތިން ވަނައަށް ގޮސް އޮއްވައި ބޮޑުވަޒީރުކަމަށް އައްޔަންކުރީ ފިއު ތައި ޕާޓީގެ ދެ ބޮޑުވަޒީރު ވެސް ކޯޓުގެ ހުކުމަކާ އެކު ބޮޑުވަޒީރުކަމުން ވަކިކުރުމާ ގުޅިގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. 

ނާކާމިޔާބީ ގަބޫލުކުރައްވައި ޕީޕަލްސް ޕާޓީގެ ލީޑަރު ނަތަފޮންގް ރުއެންގްޕަންޔައުޓް ބެންކޮކްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެންމެ ކުރި ހޯދާ ޕާޓީއަކަށް ސަރުކާރު އެކުލަވާލުމުގެ ހައްގު ލިބެންޖެހޭނެކަމުގެ ހަމަ ޕީޕަލްސް ޕާޓީން އަބަދުވެސް ގަބޫލުކުރާ ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ.

ބުމްޖައިތައި ޕާޓީއަށް، ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 500 ގޮނޑީގެ ފުރިހަމަ އަޣުލަބިއްޔު ލިބޭނެ ކަމަށް ނުބެލެވުނަސް ސަރުކާރު އެކުލަވާލުމުގައި އެންމެ އިސް ދައުރު ލިބޭނެ އެވެ. 

ތައިލެންޑުގައި ބޭނުންކުރަނީ މިކްސްޑް ރެޕްރެޒެންޓޭޝަން ސިސްޓަމެކެވެ. އެއީ 400 މެންބަރުން ވަކި ދާއިރާތަކަށް އިންތިހާބުކޮށް އަދި 100 މެންބަރުން ޕާޓީތަކުން ކަނޑައަޅާ ލިސްޓަކަށް ހޮވާ ގޮތަށެވެ. 

މިފަހަރު އިންތިހާބާ ހިސާބަށް ދިޔައިރު އާންމުންގެ ވިސްނުމުގައި އެންމެ ބޮޑަށް އޮތީ މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން ކެމްބޯޑިއާއާ ދެމެދު އިމުގެ މައްސަލާގައި ކުރި ހަނގުރާމަ އެވެ. އެހެންވެ ގިނަ މީހުން ބޭނުންވީ ގައުމުގެ ސިޔާދަތު ހިޔާތްކުރެވޭނެ ވަރުގަދަ ލީޑަރަކު ހޮވާށެވެ.