ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓޯކް ޝޯ، "ދަ ލޭޓް ލޭޓް ޝޯ ވިތު ޖޭމްސް ކޯޑެން" ގެ އެންމެ ފަހު އެޕިސޯޑު އިއުލާނުކޮށްފި އެވެ.

ގިނަ އަދަދެއްގެ ސެލެބްރިޓީން ފެނުނު އެ ޝޯ، އަށް އަހަރަށް ފަހު ނިންމާލާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.

"ސީބީއެސް" އިން ގެނެސްދޭ އެ ޝޯގެ އެންމެ ފަހު އެޕިސޯޑުގައި ޖޭމްސްއާ އެކު މެހެމާނުންގެ ގޮތުގައި ބައިވެރިވާން ހަމަޖެހިފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް އަދި އެކްޓަރު ވިލް ފެރެލް އެވެ.

ފެރެލް އަކީ 2015 ވަނަ އަހަރު ފެށި އެ ޝޯގެ އެންމެ ފުރަތަމަ މެހެމާނުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. އަދި ސްޓައިލްސް ވަނީ އެކިފަހަރުމަތިން އެ ޝޯގައި ބައިވެރިވެ، އަދި ގެސްޓު ހޯސްޓެއްގެ ގޮތުގައި ވެސް ބައެއް އެޕިސޯޑުތަަކުން ފެނިފަ އެވެ.

އެންމެ ފަހު އެޕިސޯޑުގައި ބައިވެރިވާ މެހެމާނުން އިއުލާނުކުރީ، މަޝްހޫރު ބޯއީ ބޭންޑް "ވަން ޑިރެކްޝަން" ގެ ރިޔޫނިއަން އެއް އެ އެޕިސޯޑުގައި ފެންނާނެކަމަށް މީހުން ފަތުރަމުން ދިޔަ ވާހަކަތައް ދޮގުކޮށްފަ އެވެ.

ޖޭމްސް އަކީ އަބަދުވެސް ވަން ޑިރެކްޝަން އަނބުރާ އެއްތަންކުރާނެ ކަމަށް ބުނަމުން އަންނަ މީހެކެވެ.

"އަހަންނަށް ވުރެއް ބޮޑު (ވަން ޑިރެކްޝަންގެ) ސަޕޯޓަރެއް ނުހުންނާނެ. އެކަމު މިއީ ތެދުވާހަކައެއް ނޫން.. ހަގީގަތަކީ އޭޕްރިލް 27 ގައި ރިލީޒްކުރާ އަށް އަހަރު ދުވަހު ކާމިޔާބީ، ފާހަގަކުރަން ރާވާފައިވާ ދެ ގަޑިއިރުގެ ފިނާލޭ" ޝޯގެ ރަސްމީ ޓްވިޓާއެކައުންޓުން ލިޔުނެވެ.

ޝޯގެ އެންމެ ފަހު ދެ ހަފްތާގައި ބައިވެރިވާ މެހެމާނުންގެ ތެރޭގައި ބިލީ އައިލިޝް އާއި ޖެނިފާ ގާނާ އާއި މިލާ ކުނިސް އާއި ބިލީ ޕޯޓާ އާއި ލިސާ ކޫޑްރޯ އާއި ނެޓަލީ ޕޯޓްމަން އަދި ޓޮމް ކްރޫސް ހިމެނެ އެވެ.

އަށް އަހަރުގެ ދިގު ދަތުރަކަށް ފަހު މި ޝޯ ނިންމާލާނެކަން ޖޭމްސް އިއުލާނު ކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.