ޣިޔާސުއްދީން ސްކޫލުގެ ކްލާސްރޫމްތަކުގައި ހަރުކޮށްފައި ހުންނަ އޭސީތަކުން ވައްކަންކުރުމުގެ މައްސަލަ ބޮޑުވެއްޖެ އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް "މިހާރު"އަށް މިއަދު ވިދާޅުވީ މި ނިމުނު ހަފުތާ ބަންދުގައި އެކަނި ވެސް 13 އޭސީއެއްގެ ގޭސް ޕައިޕް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ކުރީ ދުވަހެއްގައި އޭސީ ކޮއިލް ވެސް ވަގަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ވަގަށް ނަގަނީ ގޭސް ޕައިޕް. މި މަހު ވަގަށް ނެގި އަދަދެއް ވެސް ނޭނގޭ،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ވައްކަންތަކުގައި އާއްމުކޮށް އުޅެނީ އެކަކު ކަމަށެވެ.
އެ މައްސަލަތައް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ދައުވާކުރަން ބޭނުންވާ ކަމަށް ބުންޏަސް އެކަންތައް ނުހުއްޓުވޭ ކަމަށް ތޯހާ ވިދާޅުވި އެވެ.
ވައްކަން ކުރަން އެ ސްކޫލަށް އާއްމުކޮށް ވަންނަނީ ސަހަރާ މަގުންނެވެ. އަދި އެ ތަނާ ޖެހިގެން އޮންނަ ބެޑްމިންޓަން ކޯޓު ކައިރިން ވަދެގެން ވެސް ވައްކަންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައްކަންކުރާ މަންޒަރު ސްކޫލުގައި ބަހައްޓާފައި ހުރި ސެކިއުރިޓީ ކެމެރާ އަދި އެ ތަނުގެ ކައިރީގައި ބަހައްޓާފައި ހުރި ކެމެރާތަކުން ވެސް ފެނެ އެވެ.
ސްކޫލުގެ ގޯތިތެރޭގައި ހުރި ގަހުން އަނބާއި ބަނބުކެޔޮ ބިނދެގެން ދަނިކޮށް ވެސް މީގެ ކުރިން ހިފަހައްޓާފައިވެ އެވެ.