ތިން އަހަރުގެ ޕްރޮޑަކްޝަނަށް ފަހު، މަޝްހޫރު ފިލްމު ފްރަންޗައިޒް "މިޝަން އިމްޕޮސިބަލް" ގެ ހަތް ވަނަ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.

"މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން - ޕާޓް 1" ގެ ނަންދީފައިވާ މި ފިލްމުގެ ޝޫޓިން އެންމެ ފުރަތަމަ ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެކަމަކު، ކޮވިޑާ ހެދި ޝޫޓިން މެދުކަނޑާލުމަށް ފަހު އަލުން ފެށީ ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ފިލްމުގެ ޑައިރެކްޓަރު ކްރިސްޓޮފާ މެކުއަރީގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ވަނީ މި ފިލްމުގެ ޝޫޓިން ރަސްމީކޮށް ނިންމާލިކަން ހާމަކޮށްފަ އެވެ.

ފިލްމު ކުރޫއަށް ޝުކުރު އަދާކޮށް އަދި ބުރަ މަސައްކަތަށް ފަހު އެންމެން އަރާމުކޮށްލަން އެދެމުން މެކުއަރީ ބުނެފައިވަނީ "ޑެޑް ރެކަނިން ޕާޓް 1" ގެ ޝޫޓިން ނިމުނީ ކަމަށެވެ.

ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއަކާ އެކު ޝެއާކުރި އެ ކެޕްޝަންގައި އޭނާ ވަނީ ދެވަނަ ބަޔަށް އިންތިޒާރު ކުރާ ވާހާކަ ހޭޝްޓެގެއްގައި ބުނެފަ އެވެ.

"މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން - ޕާޓް 1" ޝޫޓިންގެ ތެރެއިން
"މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން - ޕާޓް 1" ޝޫޓިންގެ ތެރެއިން

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ޝޫޓިން ހުއްޓާލަން ޖެހުމުގެ އިތުރުން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެކި ގައުމުތަކުގައި ޝޫޓު ކުރަން ޖެހުމެވެ. އެގޮތުން، އިޓަލީ އާއި ނޯވޭ އާއި އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ފިލްމުގެ މަންޒަރުތައް ވަނީ ނަގައިފަ އެވެ.

ފިލްމުގައި ގިނަ ސްޓަންޓުތަކާ އެކު އީތަން ހަންޓުގެ ރޯލަށް ޓޮމް ކްރޫސް އެނބުރި އަންނައިރު، "މިޝަން އިމްޕޮސިބަލް" ގެ ކުރީގެ ފިލްމުތަކުގައި އުޅުން އެހެން ގިނަ ކެރެކްޓާއިން ވެސް އެނބުރި އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހަތް ވަނަ "މިޝަން އިމްޕޮސިބަލް" ފިލްމުގެ މަންޒަރެއް
ހަތް ވަނަ "މިޝަން އިމްޕޮސިބަލް" ފިލްމުގެ މަންޒަރެއް

ރިޕޯޓުތައް ބުނާގޮތުގައި، މި ފިލްމުގެ ޝޫޓިން އަށް ފަހު އެ ފްރަންޗައިޒްގެ އަށް ވަނަ ފިލްމު "މިޝަން އިމްޕޮސިބަލް؛ ޑެޑް ރެކަނިން - ޕާޓް 2" ގެ ޝޫޓިން ފަށާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އިއްޔެ ޝޫޓުކޮށް ނިންމާލި "މިޝަން އިމްޕޮސިބަލް" ގެ ހަތް ވަނަ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި އޭގެ ދެވަނަ ޕާޓު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.