ދުނިޔޭގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ، އައިޓީބީގައި ރާއްޖޭގެ 99 ކުންފުންޏަކުން ބައިވެރިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.
އެމްއެމްޕީއާރުސީން މިއަދު ވަނީ މި ފެއާގައި ބައިވެރިވާ މީހުންނާ ބައްދަލުކޮށް ފެއާއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ. މި އަހަރުގެ ފެއާގައި ޖުމްލަ 244 މީހުން މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
އައިޓީބީ ފެއާގެ މިއަދުގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީން ވަނީ މިދިޔަ އަހަރަށްވުރެ މި އަހަރުގެ ފެއާ އަކީ ކާމިޔާބު ފެއާއަކަށް ހެދުމަށް ކުރެވޭނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. އަދި ފެއާގެ ބައިވެރިން އެއްތަނަކުން ބައްދަލުވެ ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ވެސް މި ބައްދަލުވުމުގައި ވަނީ ލިބިފަ އެވެ.
އަންނަ މާޗު މަހުގެ 4-8 އަށް ޖަރުމަންގެ ބާލިންގައި ކުރިއަށްގެންދާ މި ފެއާއަކީ ޓޫރިޒަމް ދާއިރާގެ ދުނިޔޭގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ފެއާގައި ދުނިޔޭގެ އެކި ގައުމުތަކުން 10،000 އަށްވުރެ ގިނަ އެގްޒަބިޓަރުން ބައިވެރިވެ އެވެ. އަދި ކޮންމެ އަހަރަކު 1،60،000 މީހުންނަށް ވުރެ ގިނަ މީހުން އެ ފެއާ އަށް ޒިޔާރަތް ކުރެ އެވެ.
މި ފެއާއަކީ ރާއްޖޭގެ ގިނަ ކުންފުނިތަކުން އިންތިޒާރު ކުރާ ފެއާ އެވެ. މި ފެއާގެ ސަބަބުން އެ ކުންފުނިތަކަށް ދުނިޔޭގެ ބޮޑެތި ޓޫރިޒަމް އޮޕްރޭޓަރުންނާ ބައްދަލުކޮށް ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިދާނެ ކަންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.
ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމެވެ. އެގޮތުން، މިދިޔަ އަހަރު 1،31،561 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 11.9 ޕަސެންޓުގެ ކުރިއެރުމެކެވެ.