ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސުޕްރީމް ކައުންސިލްގެ މެންބަރު އަދި ޝާރުޖާގެ ވެރިޔާ ޝައިހް ޑރ. ސުލްތާން ބިން މުހައްމަދު އަލް ގާސިމީ ޝާރުޖާ ސަރުކާރުގެ މުވައްޒަފުންގެ ލިވިން އެލަވަންސް މަހަކު  20,000 ދިރްހަމް (83,900ރ.) އަށް މަތިކުރަން ނިންމަވައިފި އެވެ.

ދުބާއީގެ އުތުރުން އޮންނަ އަދި ޔޫއޭއީގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޝާރްޖާގައި މީގެ ކުރިން ވެސް 17،500 ދިރުހަމްގެ އެލަވަންސެއް ދެ އެވެ.

އަބުރުވެރި ދިރިއުޅުމަކަށް އެކަށީގެންވާ ލިވިން އެލަވަންސެއް ދިނުމުގެ ގޮތުން ކަނޑައެޅި މި އަދަދަށް މި މަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. އަދި މިކަމަށް އަހަރަކު 1.187 ބިލިއަން ދިރްހަމް (4.98 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ހަރަދެއް ހިނގާނެ އެވެ.

ޝާރުޖާގެ ވެރިޔާގެ މި ނިންމެވުމުގެ ތެރޭގައި ޝާރުޖާ ސަރުކާރުން އިޖުތިމާއީ އެހީތެރިކަން ލިބޭ އާއިލާތަކުގެ ދިރިއުޅުމުގެ މިންގަނޑު އެންމެ ދަށްވެގެން 20,000 ދިރްހަމް (83,900ރ.) އަށް މަތިކުރުން ވެސް ހިމެނެ އެވެ. މި ނިންމުމުގެ ފައިދާ 6,652 އާއިލާއަކަށް ކުރާނެ އެވެ. މިކަމަށް އަހަރަކު 195,130,164 ދިރްހަމް (818.5 މިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.

މި ނިންމެވުމާ އެކު، ޝާރުޖާ ސަރުކާރުން ރިޓަޔާކޮށްފައިވާ މީހުންގެ ލިވިން އެލަަވަންސް ވެސް ވަނީ އެންމެ ދަށްވެގެން 20,000 ދިރްހަމް (83,900ރ.) އަށް މަތިކޮށްފަ އެވެ. މި ފައިސާ 2,251 މީހަކަށް ލިބޭނެ އެވެ. އެހެންވެ މިކަމަށް އަހަރަކު 113,056,572 ދިރްހަމް (474.2 މިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.

މީގެއިތުރުން، "ސަޕްލިމެންޓަރީ ގްރާންޓްސް" ސްކީމްގެ ދަށުން ޝާރުޖާ ސަރުކާރުން ވަނީ ޝާރްޖާއިން ބޭރުގެ އިދާރާތަކުން ރިޓަޔަކޮށްފައިވާ ރައްޔިތުންގެ އެލަވަންސް ވެސް އެންމެ ދަށްވެގެން 20,000 ދިރްހަމް (83,900ރ.) އަށް މަތިކޮށްފަ އެވެ. މި ނިންމުމުގެ ފައިދާ 5,300 ރައްޔިތުންނަށް ކުރާނެ އެވެ. މިއީ އަހަރަކު 159 މިލިއަން ދިރްހަމް (667 މިލިއަން ރުފިޔާ) ހޭދާވާނެ ކަމެކެވެ.

ޝާރުޖާ ސަރުކާރުގެ މުވައްޒަފުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން 17,776 މުވައްޒަފުންނަށް މި އެލަވަންސް ދޭނެ އެވެ. މިއަށް އަހަރަކު 720 މިލިއަން ދިރްހަމް (3.02 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ހަރަދެއް ހިނގާނެ އެވެ.

މި އެލަވަންސްތައް ބޮޑުކުރުމުގެ އިތުރުން، ކަނޑުގެ އުޅަނދުފަހަރު ބަނދަރުކުރުމުގެ ހިދުމަތްތަކުގެ ފީގެ 50 ޕަސެންޓް އުނިކުރުމަށް ވެސް ވަނީ އަމުރުކުރައްވައިފަ އެވެ. އަދި ބާކީ 50 ޕަސެންޓް ބޭނުންކުރާނީ މަސްވެރިންގެ ޖަމިއްޔާތަކުގެ ފައިދާއަށް ކަމަށް ވެސް ނިންމެވި އެވެ.