ކެސްޕިއަން ކަނޑުގައި ޔޫކްރެއިނުން ދިން ދުރުރާސްތާގެ ވަރުގަދަ ޑްރޯން ހަމަލާތަކެއް އީރާނުގެ ވިޔަފާރި އުޅަނދަކަށް ހަމަލާ އަރައި، އެކަކު މަރުވެ، އިތުރު މީހަކު ޒަހަމްވެއްޖެ އެވެ.

މި ހަމަލާއަށް ފަހު ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ކެސްޕިއަން ކަނޑުގައި ރަޝިޔާގެ ހަނގުރާމަމަތީ މަނަވަރުތަކާއި، އީރާނާ ގުޅުންހުރި އަސްކަރީ ކާގޯ އުފުލާ އުޅަނދުތަކަށް އަމާޒުކޮށް ޔޫކްރެއިނުގެ ސިފައިން ދިން ހަމަލާތަކުން "އެކަށީގެންވާ ނަތީޖާއެއް" ހާސިލްވެފައިވާ ކަމަށެވެ.

ޔޫކްރެއިނާއި ހުޅަނގުގެ ބާރުތަކުން ތުހުމަތުކުރާ ގޮތުގައި މި އުޅަނދުތަކަކީ ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ބޭނުންކުރާ "ޝާހިދު" މަރުކާގެ ކަމިކާޒޭ ޑްރޯންތަކާއި އަސްކަރީ ސާމާނު އުފުލާ މައިގަނޑު މަގެކެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ އާންމު ވިޔަފާރި އުޅަނދަކަށް ދިން "ލޭއޮހޮރުވުން ބޮޑު، އުދުވާނީ" ހަމަލާއެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. އަދި ތެހެރާނުގައި ހުންނަވާ ޔޫކްރެއިނުގެ ޗާޖް ޑި އެފެއާޒް މި ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، އީރާނުން ވަނީ ރަސްމީކޮށް އިހުތިޖާޖުކޮށްފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ ޔޫރަޕްގެ އިއްތިހާދުގެ އިސްވެރިންނާ މި ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވައި، އދ. ގެ ސަލާމަތީ މަޖިލީހުން މިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެގައުމަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ގައުމެއް ނޫން ކަމަށެވެ.

މި ހަމަލާއަކީ ޔޫކްރެއިނުން ރަޝިޔާގެ އަސްކަރީ ސަޕްލައި ލައިންތައް ހުއްޓުވުމަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ކެސްޕިއަން ކަނޑުގެ ސަރަހައްދުގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.