ރާއްޖޭގައި ހުންނަ އދ. ގެ ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އާ ގުޅިގެން އާބާދީއާ ގުޅުން ހުރި ދިރާސާ އާއި މަޝްވަރާތައް ކުރިއެރުވުމަށް ވިލާ ކޮލެޖުން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އެއީ ރާއްޖޭގެ އާބާދީއާ ގުޅޭ އެކި މައްސަލަތައް ދިރާސާ މެދުވެރިކޮށް ހޯދައި އޭގެ އަލީގައި އެޅޭނެ ފިޔަވަޅުތައް ބަލައި އެކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެޑްވޮކަސީގެ ކަންކަމުގައި އެއްބާރުލުން ދިނުމަށް ވި އެއްބަސްވުމެކެވެ.

ވިލާ ކޮލެޖުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރެކްޓަ ޑރ. އަހުމަދު އަންވަރެވެ. ޔޫއެންއެފްޕީއޭ އިން ސޮއިކުރެއްވީ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހިމެވެ.

އެ އެއްބަސްވުމުގެ ދަށުން، ކުރާ ދިރާސާގެ އަލީގައި ހައްލު ހޯދުމަށް މަޝްވަރާ ކުރެވޭ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އާބާދީ ހިޖުރަކުރުމުގެ ސަބަބުން ނުކުންނަ މައްސަލަތަކާއި ރާއްޖޭ އެތެރޭގެ ހިޖުރަކުރުންތަކާއި ރާއްޖޭން ބޭރަށް ހިޖުރަކުރުން ހިމެނެ އެވެ. އެ ކަންކަން ހިމެނޭ ގޮތަށް ތަރައްގީގެ ފައިދާ ހަމަހަމަކޮށް އެންމެންނަށް ހޯދޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާތައް ކުރާނެ އެވެ.

އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނާއި ގައުމީ އޮނިގަޑުގެ ތެރެއިން މޫސުމީ ގާބިލްކަން އިތުރުކުރުމަށް ޕޮލިސީ އަދި ސްޓްރެޓެޖިކް ޕްރޭމްވާކް ތައްޔާރުކުރުން ފަދަ މަސައްކަތްތައް ވެސް އެ މަޝްވަރާތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މާލީ އަދި ފަންނީ އެހީތެރިކަން ދެ ފަރާތުން ވެސް ހިއްސާ ކުރާނެ އެވެ.