ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ބެހޭ މުއާހަދާއެއް އެމެރިކާއާ އެކުގައި ދެން ގާއިމު ނުކުރާނެ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.
ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ބެހޭ މުއާހަދާއެއް އެމެރިކާ އާއި ރަޝިޔާއާ ދެމެދު އެންމެ ފުރަތަމަ ގާއިމުކުރީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން ވަކި މުއްދަތަކުން އަންނަނީ އެ މުއާހަދާ އަށް ބަދަލުތައް ގެންނަމުން އައު ކުރަމުންނެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ އިއްވެވި މިއަހަރުގެ ރިއާސީ ބަޔާނުގައި ރައީސް ޕުޓިން ވިދާޅުވި ގޮތުގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން މިއިން ދުވަހަކު ވެސް ހީނަރުނުވާ މިންވަރަށް މިހާރު އޮތީ ހީނަރުވެފަ އެވެ. އެ ގުޅުން ހީނަރުވީ އެމެރިކާގެ އަމަލުތަކުގެ ސަބަބުން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
އިއްޔެ ދެއްވި ރިއާސީ ބަޔާނުގައި ޕުޓިން ވަނީ، ނިއުކްލިއާ ހަތިޔާރު އަޖުމަބެލުމުގެ މަސައްކަތް ވެސް ރަޝިޔާ އިން އަލުން ފަށައިފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. ނަމަވެސް ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާ އިން އެފަދަ ހަތިޔާރެއްގެ އަޖުމަބަލާނީ، އެމެރިކާ އިން އެފަދަ ކަމެއް ކޮށްފިއްޔާ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.
"އެމެރިކާ އިން އެފަދަ ހަތިޔާރެއްގެ އަޖުމަބަލައިފިއްޔާ، އަހަރެމެން ވެސް އެކަން ކުރާނަން. ބައިނަލްއަގުވާމީ ސްޓެރެޓީޖިކް ހަމަހަމަކަން ފުނޑުފުނޑު ކޮށްލެވިދާނެ ކަމަށް އެކަކު ވެސް ހީކޮށްގެން ނުވާނެ،" ޕުޓިން ވިދާޅުވި އެވެ.
ރައީސް ޕުޓިންގެ ވާހަކައިގައި އިއްޔެ ވެސް އޭނާ ވަނީ، ރަޝިޔާގެ މިނިވަންކަމުގެ ދިފާއުގައި ހުޅަނގާ ދެކޮޅަށް ނުވަތަ ޔޫކްރޭނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހިނދެއްގައި އެކަމަށް ރަޝިޔާ ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
"މިއީ އަހަރެމެންގެ ގައުމުގެ ދެމިއޮތުމާ ގުޅިފައިވާ ކަމެއް. ހަނގުރާމަ ފެށި ބަޔަކީ އެމީހުން. އަހަރެމެން ބާރުގެ ބޭނުންކުރަމުން މިދަނީ އެކަން ހުއްޓުވުމަށް."
އެމެރިކާ އާއި ރަޝިޔާއާ ދެމެދު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާގައިވާ ގޮތުން، ބޭނުންކުރެވޭ ފެންވަރަށް ތައްޔާރީ ހާލަތުގައި އެއް ވަގުތެއްގައި އެންމެ ގިނައިން ބެހެއްޓޭނެ ނިއުކްލިއާ ވޯހެޑްގެ އަދަދަކީ 2000-2500 އެވެ. ރަޝިޔާ އިން ކުރިން ބުނެފައިވާ ގޮތުގައި އެ ގައުމުން ބޭނުންވަނީ އެ އަދަދު 1500 އަށް މަދު ކުރާށެވެ. ނަމަވެސް އެ ކަމާ މެދު އެމެރިކާ އާއި ރަޝިޔާއާ ދެމެދު މިހާތަނަށް އެއްބަސްވުމަކަށް ނާދެވެ އެވެ.
ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ނިއުކްލިއާ ހަތިޔާރު ގެންގުޅޭކަން މިހާތަނަށް ކަށަވަރު ވެފައިވަނީ ޖުމްލަ ހަތް ގައުމެކެވެ. އެއީ ޗައިނާގައި 320 ނިއުކްލިއާ ވޯހެޑް، ފަރަންސޭސި ވިލާތުގައި 290 ނިއުކްލިއާ ވޯހެޑް، އިންޑިއާގައި 150 ނިއުކްލިއާ ވޯހެޑް، ޕާކިސްތާނުގައި 160-165 ނިއުކްލިއާ ވޯހެޑް، ރަޝިޔާގައި 6257 ނިއުކްލިއާ ވޯހެޑް، އިނގިރޭސި ވިލާތުގައި 225 ނިއުކްލިއާ ވޯހެޑް އަދި އެމެރިކާގައި 3750 ނިއުކްލިއާ ވޯހެޑެވެ.