އެމެރިކާ އާއި ރަޝިޔާގެ ގުޅުން ގޯސްވެ، އެއް ގައުމުން އަނެއް ގައުމަށް ކަނޑައަޅާފައި ތިއްބެވި ސަފީރުން އަނބުރާ ގެނައުމަށް ފަހު، އެ ގުޅުން އިއާދަކުރުމަށް ދެ ގައުމުގެ ރައީސުން އެއްބަސްވެވަޑައިގެންނެވި ގޮތުގެ މަތިން، ރަޝިޔާގެ ސަފީރު އެމެރިކާ އަށް އިއްޔެ އަލުން ފޮނުވައިފި އެވެ.

ދެ ގައުމުގެ ސަފީރުން އަލުން ހިދުމަތަށް ނެރުމަށް ދެ ގައުމުން އެއްބަސްވީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ބުދަ (16 ޖޫން 2021) ދުވަހު ޖެނީވާގައި ބޭއްވި ބައްދަލުވުމުގަ އެވެ. ދެ ބޭފުޅުންގެ އެ ބައްދަލުވުމުގައި ބައިނަލްއަގުވާމީ މުޖްތަމައާ ގުޅުން ހުރި މާ މުހިންމު ކަމަށް އެއްބަސްވެވަޑައެއްނުގަންނަވަ އެވެ.

ރައީސް ބައިޑެން އާއި ރައީސް ޕުޓިން އެއްބަސްވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ހިމެނެނީ، ހަތިޔާރުގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ވާހަކަތައް ދެގައުމުން އަލުން ފެށުމާއި، އެއް ގައުމުން އަނެއް ގައުމަށް ކަނޑައަޅާފައި ތިއްބެވި ސަފީރުން، އަނެއް ގައުމަށް އަލުން ފޮނުއްވުމެވެ.

އެ ގޮތުން ރަޝިޔާގެ ސަފީރު އަނަޓޮލީ އެންޓޮނޯވް އިއްޔެ އެމެރިކާ އަށް އަލުން ފޮނުއްވާފައި މިވަނީ، ދެ ގައުމުގެ ގުޅުމާ މެދު މަޝްވަރާ ކުރުމަށް ކަމަށް ބުނެ، މިދިޔަ މާޗް މަހުގެ ތެރޭގައި، އަނބުރާ ރަޝިޔާއަށް ގެންދިޔުމަށް ފަހު އެވެ.

އެމެރިކާ އާއި ރަޝިޔާގެ ގުޅުން ހީނަރުވީ، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، އެމެރިކާގެ ރައީސް ކަމުގެ މަގާމާ ޖޯ ބައިޑެން ހަވާލުވެވަޑައިގަތުމަށް ފަހު، އެމެރިކާ އިން ރަޝިޔާ އަށް ކުރަން ފެށި ތުހުމަތުތަކާ ގުޅިގެންނެވެ. އެ ގޮތުން ބައިޑެން ކުރެއްވި ތުހުމަތުތަކުގެ ތެރޭގައި، އެމެރިކާގެ ރިއާސީ އިންތިހާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވުމާއި، އެމެރިކާގެ މަސްލަހަތާ ގުޅުން ހުރި ފަރާތްތަކަށް ރަޝިޔާއިން ސައިބާ ހަމަލާތައް ދިނުން ހިމެނެ އެވެ.

އެއަށް ވުރެ ބޮޑަށް ދެ ގައުމުގެ ގުޅުން ހީނަރުވީ، ރައީސް ޕުޓިންއަކީ ގާތިލެއް ކަމަށް ގަބޫލުކުރައްވާ ކަމަށް، މިދިޔަ މާޗް މަހުގެ ތެރޭގައި ރައީސް ބައިޑެން ވިދާޅުވުމާ ގުޅިގެންނެވެ. ބައިޑެންގެ އެ ތުހުމަތާ ގުޅިގެން، އެމެރިކާގައި ހުންނަވާ ރަޝިޔާގެ ސަފީރު ވަނީ އަނބުރާ ރަޝިޔާ އަށް ގެންދަވައިފަ އެވެ. އަދި ރަޝިޔާގައި ހުންނަވާ އެމެރިކާ ސަފީރު ޖޯން ސުލިވާން، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވަނީ އަނބުރާ އެމެރިކާ އަށް ގެންދަވައިފަ އެވެ. މީގެ އިތުރުން، ޔޫކްރެއިންގެ ކްރިމިއާ އަކީ ރަޝިޔާގެ ބައެއް ކަމަށް، 2014 ވަނަ އަހަރު ރަޝިޔާ އިން ނިންމުމާ ގުޅިގެން، އެމެރިކާ އާއި ރަޝިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އޭގެ ފަހުން، ސީރިޔާގެ ދާހިލީ ހަނގުރާމައިގައި، ސީރިޔާ ސަރުކާރު ސިފައިންނަށް، 2015 ވަނަ އަހަރުން ފެށިގެން ރަޝިޔާ އިން އެހީތެރިވުމާއި، 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިއާސީ އިންތިހާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް އެމެރިކާ އިން ކުރާ ތުހުމަތުތަކާ ގުޅިގެން، ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވި އެވެ.

މިދިޔަ ހަފުތާގައި ބައިޑެން އާއި ޕުޓިންގެ ބައްދަލުވުން ނިންމަވައިލެއްވުމަށް ފަހު، ޕުޓިން ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވިދާޅުވާން ދަތިކަމަށާއި ނަމަވެސް، ގުޅުން ބަދަހިވާނެ ކަމުގެ ކުޑަކުޑަ އުންމީދެއް އެބަ އޮތް ކަމަށެވެ. އަދި އެމެރިކާގެ ރައީސް ބައިޑެން އަކީ "ބިނާކުރަނިވި ތަޖުރިބާކާރު ބައިވެރިއެއް" ކަމަށާއި، ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވާހަކަފުޅުދެއްކެވީ "އެއް ބަހުރުވައަކުން" ކަމަށެވެ.