ލަންޑަން (މޭ 16) - މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިންގްލެންޑަށް ކާމިޔާބުކުރެވިދާނެ ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު ސްވިޑަންގެ ސްވެން ގޯރާން އެރިކްސަން ބުނެފި އެވެ.

"އިންގްލެންޑުގައި އޮތީ ރަނގަޅު ޓީމެއް. ކޮލިފައިންގައި ވެސް އިންގްލެންޑުން ރަނގަޅު ކުޅުމެއް ދެއްކި އަދި ވަރަށް ސްޓައިލުގައި ކޮލިފައިން ނިންމާލީ. ރީތި ފުޓްބޯޅައެއް ކުޅެމުން އަންނަނީ. އެހެންވީމާ ކީއްވެ ތަށި ނުހޯދޭންވީ؟،" އެރިކްސަން ބުންޏެވެ.

ކޮލިފައިންގައި އިންގްލެންޑް ކުޅުނު 10 މެޗުން ވެސް މޮޅުވިއިރު އެއް ވަނަ ހޯދީ ނުވަ ޕޮއިންޓުގެ ތަފާތަކާ އެކު އެވެ.

އިންގްލެންޑުގެ ކޯޗުކަމުން އެރިކްސަން ވަކިވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ޕޯޗުގަލް އަތުން 3-1 އިން ޕެނަލްޓީ ޖަހައިގެން ބަލިވެ ކެޓުމުންނެވެ. އެންމެ ފަހުގެ ޔޫރޯ އިން އިންގްލެންޑް ކެޓީ ވެސް ކުއާޓާ ފައިނަލުން އިޓަލީ އަތުން ޕެނަލްޓީން ބަލިވެގެންނެވެ.

އުމުރުން 68 އަހަރުގެ ކޯޗު ބުނީ 1966 ވަނަ އަހަރުގެ ފަހުން އިންގްލެންޑުން ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދަން ބޭނުން ނަމަ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކުރަން ދަސްކުރަން ޖެހޭ ކަމަށެވެ.

"އިންގްލެންޑަކީ ޕެނަލްޓީގައި ކާމިޔާބު ބައެއް ނޫން. ވަރަށް ބޮޑަށް ޕްރެޝަރު ނަގާ އެގަޑީގައި. އަހަރެން އުއްމީދުކުރަން އެ ހުރިހާ ކަމެއް ބަދަލުކޮށް އިންގްލެންޑުން މި ފަހަރު

ތަށި ހޯދާނެ ކަމަށް،" އެރިކްސަން ބުންޏެވެ.