ޕެރިހުން ފުރައިގެން 69 މީހުންނާ އެކު ގާހިރާ އަށް ދަތުރުކުރި މިސްރު އެއާގެ މަތިންދާ ބޯޓެއް ރާޑަރުން ގެއްލިއްޖެ އެވެ.

ބޯޓު ގެއްލުނު އިރު ދަތުރު ކުރަމުން ދިޔައީ މެޑިޓެރޭނިއަން ކަނޑުގެ އިރުން 37،000 ފޫޓް (11،300 މީޓަރު) މަތިންނެވެ. މިސްރު އެއާގެ އޮފިޝަލަކު ބުނީ ބޯޓު ގެއްލުނީ މިސްރުގެ ވައިގެ ތެރެއަށް ވަންނަން 10 މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ. އަދި ސާޗް އެންޑް ރެސްކިއު ޓީމުތައް ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވެސް އޮފިޝަލް ބުންޏެވެ.

ގެއްލުނު މިސްރު އެއާގެ މަތިންދާ ބޯޓު ދަތުރުކުރި މަގު
ގެއްލުނު މިސްރު އެއާގެ މަތިންދާ ބޯޓު ދަތުރުކުރި މަގު

މިދިޔަ މާޗް މަހު ވަނީ މިސްރު އެއާގެ މަތިންދާ ބޯޓެއް ހައިޖެކްކޮށްގެން ސައިޕްރަސް އަށް ގެންގޮސްފަ އެވެ. ނަމަވެސް ބޯޓު ހައިޖެކްކުރި މީހާ އަމާން ދިނުމަށް ފަހު ވަނީ ހުރިހާ ޕަސިންޖަރުން ދޫކޮށްލައިފަ އެވެ. މީގެ އިތުރުން މިދިޔަ އޮކްޓޯބަރު މަހު ވަނީ މިސްރުގެ ޝަރުމުއްޝައިޚުން މޮސްކޯ އަށް ދަތުރުކުރި ރަޝިޔާގެ ޕަސިންޖާ މަތިންދާ ބޯޓެއް ވެއްޓި 224 މީހުން މަރުވެފަ އެވެ. ފަހުން އެނގުނު ގޮތުގައި އެ ބޯޓު ވައްޓާލާފައި ވަނީ ބޯޓުގައި ގޮވާ އެއްޗެއް ހަރުކޮށްގެންނެވެ. އެކަން ކޮށްފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ.