"އިޝްގް ވިޝްގް" އިން ޝާހިދު ކަޕޫރާ އެކު ބޮލީވުޑަށް ތައާރަފްވެ އަދި ފަހުން ޝާހިދާ އެކު "ވިވާ" ކިޔާ ވަރަށް ރީތި ފިލްމެއް ވެސް ކުޅެފައިވާ ފިލްމީ ބަތަލާ އަމްރިތާ ރާއޯ މިމަހުގެ 15 ވަނަ ދުވަހު ކައިވެނިކޮށްފި އެވެ.
އަމްރިތާ ކައިވެނި ކުރީ ފާއިތުވީ ހައެއްކަ އަހަރުއްސުރެ އޭނާ ރައްޓެހިވެގެން އުޅުނު އާރްޖޭ އަންމޯލް އާ އެވެ. މި ކައިވެނީގެ ރަސްމިއްޔާތު ވެސް ބާއްވާފައިވަނީ ވަރަށް ޕްރައިވެޓް ކޮށެވެ. ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިންގެ ހާޒިރުގަ އެވެ.
ކައިވެންޏަށްފަހު އަމްރިތާ ދީފައިވާ ފުރަތަމަ އިންޓަވިއުގައި ބުނެފައި ވަނީ "ސޯލްމޭޓެއް" ލިބުމަކީ ވަރަށް މަދު މީހަކަށް ނޫނީ ނުލިބޭނެ ނަސީބެއް ކަމަށާއި އޭނާއަށް އެފަދަ ބައިވެރިއަކު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.
އަމްރިތާ އާއި އޭނާގެ މިހާރުގެ ފިރިމީހާ އަންމޯލް އަށް ތައާރަފްވީ "ވިވާ" ރިލީޒްކުރަން އުޅުނުއިރު އާރްޖޭ އެއްގެ ހައިސިއްޔަތުން އަންމޯލް އަމްރިތާއާ އިންޓަވިއު ކުރުމަށް ބައްދަލުކުރި ފަހަރެއްގަ އެވެ.
"ހަތް އަހަރު ކުރިން އިންޓަވިއު އަކުން ފެށުނު ބައްދަލުވުމުން މިހާރު މިވަނީ ކައިވެންޏަކަށް ބަދަލުވެފައި،" އަމްރިތާ ބުނެފައި ވެއެވެ.
ޝާހްރުން ޚާނާއެކު "މައި ހޫން ނާ" ގައި ވެސް މުހިއްމު ރޯލެއް އަދާކުރި އަމްރިތާ ފަހަކަށް އައިސް ފިލްމުތަކުން އެއްގޮތަކަށް ވެސް ނުފެނި ހުރުމަށްފަހު މިހާރު އޭނާ ފެންނަމުންދަނީ "އެންޑް ޓީވީ"ގެ "މޭރީ އާވާޒް ހީ ޕެހެޗާން ހޭ" ކިޔާ ސިލްސިލާއެއްގެ ލީޑް ރޯލުންނެވެ.