ޒަމާންތަކެއް ވަންދެން ކައިވެނިކޮށްގެން އުޅުނު ދެމަފިރިއަކު ބަލިވެގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ފިރިމީހާ އަނބިމީހާއަށް ކީ އަސަރުގަދަ އަލްވަދާއު އެ ދެމަފިރިންގެ ފިރިހެންދަރިފުޅު ވަނީ ކެމެރާކޮށްފަ އެވެ. ވެންޓިލޭޓާގެ އެހީގައި ނޭވާލަމުން ދިޔަ ފިރިހެންމީހާގެ ފުރާނަ ދިއުމަށްފަހު ޓިއުބު ނައްޓާލިއިރުވެސް އޭނާ އޮތީ އަނބިމީހާގެ އަތުގައި ހިފަހައްޓާލައިގެންނެވެ.
އޮންޓާރިއޯގެ ކިންގްސްޓަން ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓްގައި ކްރިސް މިންނީނީގެ މަންމަ އާއި ބައްޕަ، މޭ މަސް ފެށުނީއްސުރެ ތިބީ އެޑްމިޓްކޮށްފަ އެވެ. އޭނާގެ ބައްޕަ ފުއްޕާމޭގެ ކެންސަރުގެ ފަހު ސްޓޭޖްގައި އޮތްއިރު މަންމަ އައިސީޔޫގައި އޮތީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
ޖެހިޖެހިގެން ހުރި ދެ އެނދުގައި މި ދެމަފިރިން އެޑްމިޓްކޮށްފައި ތިބިއިރު މަންނީނީގެ ބައްޕަ ބޭނުންވީ އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް އެންމެ ފަހުގެ އަލްވަދާއު ކިޔާށެވެ. އޭނާގެ މަންމަ އެވަގުތު އޮތީ ތަންދޮރު ނޭނގޭ ހާލަތެއްގައި ނަމަވެސް ފިރިމީހާ ފުރާނަ ދޫކޮށްލީ އަންހެނުންގެ އަތުގައި ހިފައިގެން އޮވެ އެވެ.
ރެޑިޓްގައި މެންނީނީ ލިޔެފައިވާ ލިޔުމެއްގައި ބުނީ މިއީ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއާގައި ލައިފް ސަޕޯޓް މެޝިނާ ގުޅާފައިތިބި ދެ މީހަކު އެއްކޮޓަރިއެއްގައި އެކުގައި ބޭތިއްބި ފުރަތަމަ ފަހަރު ކަމަށެވެ.
ކްރިސް މެންނީނީގެ ބޭބެ ނަގާފައިވާ ފޮޓޮއެއްގައި އެމީހުންގެ މައިންބަފައިން އައިސީޔޫގައި ހުރިހާ މެޝިންތަކެއް ގުޅާފައިވާ ހާލަތުގައި އަތާއަތް ގުޅާލައިގެން ތިއްބާ ފެނެ އެވެ.
މެންނީނީގެ ބައްޕަ އުމުރުން 58 އަހަރުގައި މޭ 4 ވަނަ ދުވަހު މަރުވެފައި ވާއިރު މަންމަގެ ހާލު މިހާރު ކުޑަކޮށް ރަނގަޅެވެ.
މެންނީނީ ބުނީ އޭނާއަކީ އެންމެ 21 އަހަރުގެ ޒުވާނަކަށް ވީއިރުވެސް އޭނާގެ މައިންބަފައިންގެ ހަގީގީ ވާހަކަ ފޮޓޯތަކެއްގެ ސިފައިގައި ނަމަވެސް ގެނެސްދިނުން ވަރަށް އުނދަގޫ ކަމަށެވެ. ނަމަވެސް އެމީހުން އެކަކު އަނެކަކު ދެކެ ވީ ހަގީގީ ލޯބި މަރުވެގެން ނުދާކަން މި ފޮޓޯތަކުން ހާމަވެގެންދާކަމަށް އޭނާ ބުނެފައިވެ އެވެ.
މަންނީނީ ބުނީ އޭނާ އަބަދުވެސް އޭނާގެ މައިންބަފައިންގެ މަތިން ހަނދާން ކުރާނީ ކޮންމެ ކަމެއް ދިމާވިޔަސް އެ ގުޅުމަށް އެއްވެސް ބަދަލެއް ނައިސް އެކުގައި މުޅި އުމުރު ހޭދަކޮށްލި ދެމަފިރިންގެ ގޮތުގައި ކަމަށެވެ. – ދަ އިންޑިޕެންޑެންޓް