ސުޝާންތު ސިންގް ރާޖްޕޫތާއި ކްރީތީ ސަނަން އަދި ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭގެ މެދުގައި މިހާރު ލަވް ޓްރައިންގަލް އެއް ފެށިފައިވާ ކަހަލަ އެވެ.

ފާއިތުވީ ހަތަރު ހަފުތާ ތެރޭ ސުޝާންތު އާއި ކްރީތީ ދަނީ ބުޑަޕެސްޓްގައި "ރާބްތާ"ގެ ޝޫޓިންގްގައި ވަރަށް އެކުގައި އުޅެމުންނެވެ.

ދިނޭޝް ވިޖަން ޑައިރެކްޓްކުރާ މި ފިލްމުގެ މަންޒަރުތައް ނަގަމުންދާ ވަރަކަށް ސުޝާންތު އާއި ކްރީތީގެ ގުޅުން ވެސް ބަދަހިވަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އަންނަ އަހަރުގެ ލޯބިވެރިންގެ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ "ރާބްތާ" ގެ ޝޫޓިންގައި އެކުގައި ހޭދަކުރަން ގިނަ ވަގުތުތަކެއް ލިބޭތީ ސުޝާންތު އާއި ކްރީތީ ވަނީ އުފަލުން ފޮޅިފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ބުޑަޕެސްޓްގެ އިންތިހާއަށް ފިނި މޫސުމުގައި ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރަން ޖެހުމުގެ ސަބަބުން ސުޝާންތު އާއި ކްރީތީގެ އެކުވެރިކަން މިހާރު ވަނީ ލޯތްބަށް ބަދަލުވާން ފަށާފަ އެވެ. މައިނަސް ދެ ޑިގްރީގައި ފިނިކަން ހުރިއިރު ސުޝާންތު އާއި ކްރީތީގެ މާބޮޑު ޝަކުވާއެއް ނެތެވެ. ސަބަބަކީ ބޭރު ގައުމަކަށް ވާތީ ދެ މީހުންނަށް ލިބޭ ހުސް ވަގުތު ބާޒާރުކުރުމާއި ކޮފީ ޝޮޕްތަކުގައި ހޭދަކޮށްލުމަށް އެއްވެސް ހުރަހެއް ނެތުމެވެ. އެހިސާބުގަނޑުގެ މީހުންނަކަށް އެ މީހުންނަކީ ފިލްމީ ތަރިން ކަމެއް ނޭނގޭތީ އެވެ.

ޖިމްގައި ކަސްރަތުކުރުމުން ފެށިގެން ބާޒާރުކުރުން އަދި އެނޫންވެސް ހުރިހާ ކަމެއް ސުޝާންތު އާއި ކްރީތީ ކުރަނީ މިހާރު އެކުގަ އެވެ.

ބުޑަޕެސްޓަށް ސުޝާންތު ދިއުމުގެ ކުރިން އޭނާ ދިޔަ ޕާޓީއަކަށް ކުރީގެ ލޯބިވެރިޔާ މަސްތުގެ ހާލަތުގައި ގޮސް ސުޝާންތާ ދިމާލަށް ވަރަށް ހުތުރުކޮށް މުޚާތަބުކުރި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އެރޭ ޕާޓީގައި ތިބި އެންމެންގެ ކުރިމަތީގައި ސުޝާންތު އާއި އަންކިތާ ޒުވާބު ވެސް ކޮށްފައިވާ ކަމަށްވެ އެވެ.

މި އާޓިކަލް ނޫސްތަކުގައި ޖެހުމުން ހިތްހަމަނުޖެހިފައިވާ ސުޝާންތު ކޮށްފައިވާ ޓުވީޓެއްގައި އޭނާ އާއި އަންކިތާ ރުޅިވެފައިވާކަން ޔަގީންކޮށްދިނުމުގެ އިތުރުން އަންކިތާ ދިފާއުކުރުމަށް ވެސް މަސައްކަތް ކޮށްފައި ވެ އެވެ.

"އޭނާ (އަންކިތާ) އަކީ ރާބުއިމުގެ އާދަ ހިފިފައިވާ މީހެއް ނޫން އަދި އަހަންނަކީ ފެންނަހާ އަންހެނަކާ މޮޔަވެގެން އުޅޭ މީހެއްވެސް ނޫން. ނަސީބު ދިމާކުރާ ގޮތުން ބައެއް ލޯބިވެރިންނަށް ވަކިވާން ޖެހެނީ،" ސުޝާންތު ކުރި ޓުވީޓްގައި ވެއެވެ.

"ރާބްތާ"ގެ ޝޫޓިން ނިންމާލުމަށްފަހު ސުޝާންތު އާއި ކްރީތީ އެނބުރި މުމްބައި އަށް ދިއުމަށް ހަމަޖެހިފައިވަނީ ޖޫން 8 ހިސާބުގަ އެވެ.