ފާއިތުވި ސީޒަނަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ވަރަށް ހައިރާންކުރުވަނިވި ނަތީޖާއެއް ނުކުތް ސީޒަނެކެވެ. ނަން މަޝްހޫރު ގިނަ ކްލަބްތަކެއް ފަހަތަށް ޖައްސާލުމަށް ފަހު ލެސްޓާ ސިޓީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުން މުޅި ކުޅިވަރުގެ ދުނިޔެ އަޖާއިބުކޮށްލި އެވެ. މިހާރު އުފެދޭ ސުވާލަކީ އާދައިގެ ފަންތީގެ ކުޅުންތެރިންތަކެއް ހިމެނޭ ލެސްޓާ އަށް އެ ކާމިޔާބީ އަންނަ ސީޒަނުގައި ތަކުރާރުކުރެވިދާނެތޯ އެވެ. ނުވަތަ ޗެމްޕިއަނެއްގެ ފެންވަރުގައި އެޓީމަށް ކުރި އަށް ދެވިދާނެ ހެއްޔެވެ؟

މީގެ ކުރިން އާދައިގެ ފެންވަރުގެ ކުޅުންތެރިންތަކެއް ގޮވައިގެން އިނގިރޭސި ލީގު ކާމިޔާބުކުރި ޓީމަކީ 1994/1995 ވަނަ ބްލެކްބާން ރޯވާސް އެވެ. އެ ފަހަރު އެ ޓީމުން ލީގު ހޯދީ ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ޓީމު މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް އެއް ޕޮއިންޓުން ކުރި ހޯދައިގެންނެވެ. ނަމަވެސް ޖެހިގެން އައި ސީޒަނުގައި އެ ޓީމު ލީގު ނިންމާލީ ހަތް ވަނައިގައި އޮވެގެންނެވެ. ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ކްލަބް ދޫކޮށްލުމާ ގުޅިގެން އެ ޓީމު ވަނީ 1999 ވަނަ އަހަރު ރެލިގޭޓްވެފަ އެވެ.

އަންނަ ސީޒަނުގައި ލެސްޓާ އިން ރަނގަޅު ކާމިޔާބެއް ހޯދަން ބޭނުން ނަމަ ކުރަން ޖެހޭނީ ކޮން ކަންތައްތަކެއް؟

މުހިއްމު ކުޅުންތެރިން ކްލަބްގައި ހިފެހެއްޓުން

ލެސްޓާ އިން މި ފަހަރު ލީގު ކާމިޔާބު ކުރި އިރު އެ ޓީމުގައި ހިމެނޭ ވަކިވަކި ކުޅުންތެރިން ދެއްކި ކުޅުން ފާހަގަ ކުރެވެ އެވެ. އޭގެ ތެރޭގައި ޖޭމީ ވާޑީ އާއި ރިޔާދު މާރޭޒް އާއި އެންގޯލޯ ކޯންޓޭ އާއި ވެސް މޯގަން އަދި ޑެނީ ޑްރިންކްވޯޓާ ހިމެނެ އެވެ. މި ކުޅުންތެރިންނަށް މިހާރު ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން އަންނަނީ ފާރަލަމުންނެވެ.

ލަނޑު ޖެހުމަށް ފަހު ލެސްޓާގެ މާރޭޒް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ލަނޑު ޖެހުމަށް ފަހު ލެސްޓާގެ މާރޭޒް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މި ކުޅުންތެރިންގެ ތެރެއިން އެންމެ ޑިމާންޑް އޮތީ ޕްރިމިއާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލްޖީރިއާ އަށް އުފަން މާރޭޒާއި އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ހޯދި ވާޑީގެ އިތުރުން ކޯންޓޭ އެވެ. ކޯންޓޭ އަށް އާސެނަލުން ބިޑް ކުރަން ތައްޔާރުވަމުން އަންނަ އިރު މާރޭޒަށް ޔުނައިޓެޑުން އަންނަނީ ފާރަލަމުންނެވެ. އަދި ވާޑީ އަށް ލިވަޕޫލުން ޝައުގުވެރިވެ އެވެ. ލެސްޓާ އިން މި ކުޅުންތެރިން ގޮސްފި ނަމަ އެ ޓީމަށް ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.

ބްލެކްބާނުން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު 1995-1996 ވަނަ އަހަރުގެ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރި އެވެ. ނަމަވެސް ރަނގަޅު ސްކޮޑެއް ނެތި ޕްލޭނަކާ ނުލައި އެ މުބާރާތަށް ކުރިމަތިލުމުގެ ނަތީޖާ ނުކުތީ ހިތްދަތި ކޮށެވެ. އެ ޓީމު މުބާރާތާ ވަކިވީ ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައި އޮވެގެންނެވެ.

އެ ފަހަރު ބްލެކްބާނާ އެއް ގްރޫޕެއްގައި އޮތީ ރަޝިޔާގެ ސްޕާޓަކް މޮސްކޯ އާއި ޕޮލެންޑްގެ ލެގިއާ ވޯސޯ އަދި ނޯވޭގެ ރޮސެންބާގެވެ.

ލެސްޓާ އިން މި ފަހަރުގެ ލީގުގައި ވާދަ ކުރި އިރު މައިގަނޑު ގޮތެއްގައި އެ ޓީމުން ބޭނުންކުރީ އެއް ކުޅުންތެރިންތަކެކެވެ. ލެސްޓާ މިފަހަރު ލީގު ހޯދިއިރު އެ ޓީމުން އެފްއޭ ކަޕާއި ލީގު ކަޕުން ވަނީ ތިން ވަނަ ބުރުން ކަޓައިފަ އެވެ. އަންނަ ސީޒަނުގައި އެ ޓީމު އިނގިރޭސި ތިން މުބާރާތުގެ އިތުރުން ޔޫއޭފާ ޗެމްޕިއަންސް ލީގުގައި ވާދަކުރާނެ އެވެ. ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމަކީ ޓީމަށް ކުރިމަތިވާނެ އިތުރު ޕްރެޝަރެކެވެ. ރަނގަޅު ފެންވަރުގެ ކުޅުންތެރިން ބޭނުން ވާއިރު، ރަނގަޅު ޕްލޭނެއް އޮތުން ވަރަށް މުހިއްމެވެ.

ލެސްޓާ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނީ މި އަހަރު ހޯދި ކާމިޔާބީ އަންނަ އަހަރު ހޯދަން އުނދަގޫވާނެ ކަމަށެވެ.

ލެސްޓާ ކުޅުންތެރިން ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށްފަހު ބޭއްވި ޕެރޭޑްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ލެސްޓާ ކުޅުންތެރިން ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށްފަހު ބޭއްވި ޕެރޭޑްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
"ޖެހިޖެހިގެން ދެ އަހަރު ލީގު ހޯދަން ފަސޭހަ ނުވާނެ. ލެސްޓާ ކަހަލަ ޓީމަކަށް މިފަދަ ކާމިޔާބީއެއް ތަކުރާރު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އަހަރެމެން އަންނަ ސީޒަނުގައި ޓާގެޓް ކުރާނީ ގަދަ 10 އަށް" ރަނިއޭރީ ބުންޏެވެ.

ޓީމަށް ބޭނުންވާ އިތުުރު ކުޅުންތެރިން ގެނައުން

ޕްރިމިއާ ލީގުގެ ކްލަބްތަކަށް މާލީ ގޮތުން އަންނަ އަހަރު ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކާ އަޅައި ކިޔާ އިރު ޕްރިމިއާ ލީގުގެ ކްލަބްތަކަށް ޓީވީ ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުވާނެ އެވެ. މިހެންވުމުން ބޮޑު އަގުގައި ޕްރިމިއާ ލީގުގެ ކްލަބްތަކަށް މަޝްހޫރު ކުޅުންތެރިން ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

ލެސްޓާ އިން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ނަން މަޝްހޫރު ކުޅުންތެރިން ގެންނާނެ ކަމަށް އެ ކްލަބުން އަންނަނީ ބުނަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރެއާލް މެޑްރިޑްގެ ހަމެސް ރޮޑްރިގޭޒާއި ޕީއެސްޖީގެ ހަވިއޭ ޕަސްޓޯރޭ އަށް ލެސްޓާ އިން ޝައުގުވެރިވެ އެވެ.

ރަނިއޭރީ ބުނީ ކްލަބަށް އާ ކުޅުންތެރިން ގެންނައިރު އެންމެ ބޮޑު އިސްކަމެއްދޭނީ މިހާރު ތިިބި ކުޅުންތެރިންނަށް ފުރުސަތު ނުގެއްލޭ ގޮތަށް ޓީމު ވަރުގަދަ ކުރުމަށް ކަމަށެވެ.