ހިއު ޖެކްމަން ކުޅޭ "ވުލްވެރިން" ކެރެކްޓާއަކީ ބެލުންތެރިން ވަރަށް ލޯބިވާ ކެރެކްޓާއެކެވެ. ވަރުގަދަ ހަށިގަނޑަކާއި އާދަޔާ ހިލާފު ބާރުތަކެއް ލިބިގެންވާ އެ ކެރެކްޓާއަކީ ސްކްރީނުން ބަލާލަން ބެލުންތެރިންނަށް ވަރަށް ކަމުދާ ރޯލެކެވެ.
އެކަމަކު ވުލްވެރިންގެ ރޯލުން ބަތަލާއަކު ފެނިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ފިރިހެނެއްގެ ބަދަލުގައި އަންހެނަކު އެ ރޯލުން ފެންނަން ފޭނުން ބޭނުންވޭ ހެއްޔެވެ؟
އެ ސުވާލަށް ޑައިރެކްޓަރު ބްރައަން ސިންގާ ދޭން އޮތް ޖަވާބަކީ އާއޭއެކޭ އެވެ. އޭނާ ވަނީ ވުލްވެރިންގެ ރޯލުން ބަތަލާ އެކު ފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
"އެކްސް" ފޯސްގެ ފިލްމުތައް ތަފާތު ކެރެކްޓާތަކާ އެކު ބެލުންތެރިންނާ ބައްދަލު ކުރަމުން އަންނަ އިރު، ވުލްވެރިންގެ ކެރެކްޓާ އިން ބަތަލާ އަކު ނުފެންނަންވީ ސަބަބެއް ނެތް ކަމަށް ސިންގާ ބުންޏެވެ.
ދާދި ފަހުން ރިލީޒް ކުރި "އެކްސްމެން އެޕޮކަލިޕްސް"ގެ ޑައިރެކްޓަރު ބުނީ 2013 އިން ފެށިގެން ވުލްވެރިންގެ ރޯލަށް ބަތަލާ އަކު ފިޓްކޮށްގެން ކެރެކްޓާއެއް ބިލްޑް ކުރަމުން އަންނަ ކަމަށެވެ. ވުލްވެރިންގެ ކެރެކްޓާ ގެނެސްދޭ ހިޔާލީ ކޮމިކް ވާހަކަތަކުގައި ވެސް އަންހެން ވުލްވެރިންއެއް އުޅެ އެވެ.
"އެކްސް ފޯސް އިން މި އަންނަނީ 2013 އިން ފެށިގެން އަންހެން ވުލްވެރިންއެއް ބިލްޑް ކުރަން މަސައްކަތް ކުރަމުން. އޭގެ މާނައަކީ ކުރިއަށް ހުރި އެކްސްގެ ފިލްމުތަކުން ކުރިއަށް ވުރެ މާ ބާރު ގަދަ، މާ ތަފާތު ސުޕަހީރޯތަކެއް ފެނިގެން ހިނގައިދާނޭ." ސިންގާ ބުންޏެވެ.