އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ތެރެއިން ގައުމުން ބޭރުގައި އުޅޭ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން 3.5 މިލިއަނެއްހާ މީހުންނަށް އާންމު އިންތިހާބުތަކުގައި ވޯޓު ލެވޭ ގޮތަށް ގާނޫނަށް ބަދަލުގެނެސްފި އެވެ.
މިދިޔަ 100 އަހަރު ތެރޭ އިނގިރޭސި ވިލާތުގެ ވޯޓިން ސިސްޓަމަށް ގެނައި އެންމެ ބޮޑު މި ބަދަލާ އެކު އިތުރު 3.5 މިލިއަން މީހުންނަށް ވޯޓު ލެވޭނެ އެވެ.
ކުރިން އޮންނަ ގޮތުން ނަމަ ގައުމުން ބޭރުގައި އުޅޭތާ 15 އަހަރު ވެފައިވާ ނަމަ އެ މީހަކަށް އިންތިހާބުގައި ވޯޓެއް ނުދެވޭނެ އެވެ. އެކަމަކު މި ހުރަސް ނައްތާލައި 2022 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.
މި އަހަރުގެ ފަހުކޮޅު އިންތިހާބު ބާއްވަން ތާވަލްކޮށްފައި ވަނިކޮށް ގެނައި މި ބަދަލަކީ 1928 ވަނަ އަހަރު، ވޯޓު ދިނުމުގެ ހައްގު އަންހެނުންނަށް ލިބޭ ގޮތަށް ގެނައި ބަދަލާއި ވޯޓު ލެވޭ އުމުރު 21 އިން 18 އަށް ދަށްކުރުމަށް 1969 ވަނަ އަހަރު ގެނައި ބަދަލަށް ފަހު ގެނައި އެންމެ ބޮޑު ބަދަލެވެ.
އަލަށް ގެނައި ބަދަލާ އެކު ގައުމުން ބޭރުގައި އުުޅުނު މުއްދަތަށް ބެލުމެއް ނެތި ކޮންމެ މީހަކަށް ވެސް އޮންލައިންކޮށް ވޯޓުލާން ރަޖިސްޓްރީ ކުރެވޭނެ އެވެ.
އިނގިރޭސި ވިލާތުގެ ގާނޫނުތައް ބުނާ ގޮތުން ސިޔާސީ ޕާޓީތަކަށް މާލީ ގޮތުން އެހީވެވޭނީ ވެސް ވޯޓުލާން ރަޖިސްޓްރީ ވެފައިވާ މީހުންނަށް އެކަންޏެވެ.
އެންމެ ފަހުން ޑިސެމްބަރު 2019 ގައި ބޭއްވި އިންތިހާބުގައި ގައުމުން ބޭރުގައި ވޯޓުލާން ރަޖިސްޓްރީކުރީ 233،000 މީހުންނެވެ. އަންގާރަ ދުވަހު ގެނައި ބަދަލާ އެކު ގައުމުން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ މީހުންގެ އަދަދު 1.3 މިލިއަނާ ގާތްކުރާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. މިއީ ޔޫރަޕިއަން ޔުނިއަން އިން އިނގިރޭސި ވިލާތް ވަކިވުމަށް ނެގި ފެންނަނުފެންނަ ވޯޓުގައި، ފެންނަ ކަމަށް ފާސްވާން އިތުރަށް ލިބުނު ވޯޓުގެ އަދަދެވެ. --އޭއެފްޕީ