ޑާކާ (މެއި 15) - ހޮނުއެޅުމުގެ ސަބަބުން ވޭތުވެދިޔަ ދެ ދުވަހު ބަންގްލަދޭޝް އިން 50 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ގިނައިން މަރުވެފައި ވަނީ ދަނޑުތަކުގައި މަސައްކަތް ކުރަން ނުކުމެ އުޅުނު ދަނޑުވެރިންނެވެ. ހޮނުއެޅުމުގެ ސަބަބުން ވެރިރަށް ޑާކާގައި ފުޓުބޯޅަ ކުޅެން އުޅުނު ކިޔަވާ ދެ ކުއްޖަކާއި އަނބު ހޮވަން ނުކުމެ އުޅުނު ކުއްޖަކު ވެސް ވަނީ މަރުވެފަ އެވެ.
ހޮނުއެޅުމުގެ ސަބަބުން ވަނީ މި އަހަރުގެ މާޗް މަހުން ފެށިގެން ބަންގްލަދޭޝް އިން 90 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ވޮއިސް އޮފް އެމެރިކާ (ވީއޯއޭ) އިން ބުނެފައި ވަނީ ހޮނުއަޅައިގެން މިދިޔަ އަހަރު ބަންގްލަދޭޝް އިން މަރުވެފައި ވަނީ 51 މީހުން ކަމަށެވެ.
ބަންގްލަދޭޝް އަކީ އާއްމުކޮށް ތޫފާންތައް ކުރިމަތިވާ ގައުމެކެވެ. ތަޖްރިބާކާރުން ބުނަނީ އެއީ ހޫނުމިން މަތިވުމާއި ޖަންގަލިތަކުން މާގިނައިން ގަސްކެނޑުމުން ދިމާވާ ކަމެއް ކަމަށެވެ. ވިއްސާރަ މޫސުން ބަންގްލަދޭޝް އަށް ކުރިމަތި ވަނީ އާއްމުކޮށް ޖޫން އިން ސެޕްޓެމްބަރަށެވެ.
ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ވެރިޔާ މުހައްމަދު ރިޔާޒް އަހުމަދު ވީއޯއޭ އަށް ވިދާޅުވީ ހޮނުއަޅައިގެން މިހާ ގިނަ އަދަދެއްގެ މީހުން މަރުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި މި މަހު ފަހުކޮޅު ވެސް އިތުރު ތޫފާނުތައް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.