ޑާކާ (ޖެނުއަރީ 24) - ހޮނު އަޅައިގެން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ޓަކައި ބަންގްލަދޭޝްގައި އެއް މިލިއަން ރުއް އިންދުމުގެ މަޝްރޫއެއް ފަށައިފި އެވެ.
ބަންގްލަދޭޝްގެ ކަމާބެހޭ އޮފިޝަލުން މިދިޔަ އަހަރު ވަނީ ހޮނު އެޅުމަކީ ގުދުރަތީ މުސީބާތެއް ކަމަށް ނިންމައިފަ އެވެ. ހޮނު އަޅައިގެން ބަންގްލަދޭޝް އިން މިދިޔަ އަހަރު ވަނީ 200 މީހުން މަރުވެފަ އެވެ. މެއި މަހުގެ ތެރޭގައި އެއް ދުވަހު އެކަނިވެސް ވަނީ ހޮނު އަޅައިގެން 82 މީހުން މަރުވެފަ އެވެ. އެކަމަކު އޮފިޝަލުން ބުނެފައި ވަނީ ހޮނު އަޅައިގެން މަރުވާ މީހުންގެ އަދަދު މިއަށް ވުރެ މާ މަތިވާނެ ކަމަށެވެ. މޮނިޓާރިން ގްރޫޕަކުން ބުނެފައި ވަނީ ހޮނު އަޅައިގެން މިދިޔަ އަހަރު 349 މީހުން މަރުވެފައިވާ ކަމަށެވެ. ރަށް ފުށުމުގެ ހިސާބުތަކުގައި ހޮނު އަޅައިގެން މަރުވާ މީހުން ފުލުހުންނަށް އާއްމުކޮށް ރިޕޯޓެއް ނުކުރެ އެވެ.
ބަންގްލަދޭޝްގެ ޑިޒާސްޓާ އޮފިޝަލުން ވަނީ ހޮނު އަޅައިގެން މީހުން މަރުވުން މަދުކުރަން އަޅާނެ ފިޔަވަޅުތައް ހޯދަން އެކި މަސައްކަތްތައް ކޮށްފަ އެވެ. ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީގެ ސެކްރެޓަރީ ޝާހު ކަމާލު ވިދާޅުވީ ހޮނު އަޅައިގެން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ޖޫން މަހާ ހަމައަށް ދާއިރު އެއް މިލިއަން ރުއް އިންދާނެ ކަމަށެވެ.
ތަޖްރިބާކާރުން ބުނަނީ ހޮނު އަޅައިގެން ގިނަ އަދަދަކަށް މީހުން މަރުވަނީ ގަސް މަދު ހިސާބުތަކުން ކަމަށެވެ. ރުއް ރުކާއި ގަސްތަކުގެ ގޮފިތަކަށް އިލެކްޓްރިކް ޗާޖް އެބްޒޯބް ކުރުމުން ހޮނު އަޅައިގެން ލިބޭ ގެއްލުން ކުޑަވެ އެވެ. ކަމާލް ވިދާޅުވީ ތައިލެންޑުގައި ހިންގި ރުކާއި ގަސް އިންދުމުގެ ޕްރޮގްރާމުތަކުން، ހޮނު އަޅައިގެން ލިބޭ ގެއްލުން ކުޑަ ކުރެވިފައިވާ ކަމަށެވެ. އަދި ހޮނު އަޅައިގެން ލިބޭ ގެއްލުން ކުޑަކުރުމަށް ވިއެޓްނާމުން ކޮށްފައިވާ މަސައްކަތް ބެލުމަށް ބަންގްލަދޭޝްގެ އޮފިޝަލުން ވަނީ އެ ގައުމަށް ޒިޔާރަތް ކޮށްފަ އެވެ.