ހަލަބު ހީވަނީ "ޖަނަވާރު ކަތިލާ ގެއެއްހެން": މަންޒަރު ދުށް މީހުން

ދިމިޝްގު (ޑިސެމްބަރު 15) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތައް ސިފަ ވަނީ "ޖަނަވާރުން ކަތިލާ ގެތަކެއްގެ" ގޮތުގައި ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނެފި އެވެ.


ހަލަބުގައި ދިިރިއުޅޭ މީހަކު ސީއެންއެން އަށް ފޯނުން ބުނީ އިރުމަތީ ހަލަބުގެ ހޮސްޕިޓަލްތައް ހީވަނީ ގަބުރުސްތާނެއްހެން ކަމަށެވެ.

"މުޅި ތަނުގައި މަރުވެފައިވާ މީހުންގެ ހަށިތައް. ޒަޚަމްވެފައިވާ މީހުން އެހާ ގިނަ. ޚިދުމަތް ދޭނެ ޑޮކްޓަރުންނެއް ނެތް. ސިއްހީ ޚިދުމަތް ދޭނެ ސާމާނެއް ނެތް،" އޭނާ ބުންޏެވެ.

ހަލަބުގައި ދިރިއުޅޭ މީހުންގެ ހާލަތު ސިފަ ކުރަމުން އޭނާ ބުނީ ކާނެ އެއްޗެއް ނެތް އިރު ގޭސް ވެސް ހުސްވެފައިވާ ކަމަށާއި ދަރުގެ ގޮތުގައި ބޭނުން ކުރަނީ ގޭގޭގެ ފަރުނީޗަރު ކަމަށެވެ.

ހަލަބުގެ މީޑިއާ ސެންޓަރުގެ އެކްޓިވިސްޓެއް ކަމަށްވާ ސަލާހު އަޝްކަރު ބުނީ ވައިގެ ހަމަލާތަކުގައި އިމާރާތްތައް ވެއްޓި ސުންނާފަތި ވަމުންދާ އިރު އެތައް ބަޔަކު އިމާރާތްތަކުގެ ދަށުވެ މަރުވަމުންދާ ކަމަށެވެ. އޭނާ ވަނީ ހަލަބުގެ ހާލަތު ބަޔާންކޮށް ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

"މިސައިލެއް އަރާ އަހަރެން ދިިރިއުޅޭ އިމާރާތް ވަނީ ވެއްޓިފައި. ވަންނާނެ ތަނެއް މިހާރަކު ނެތް،" ވީޑިއޯ މެދުވެރިކޮށް އޭނާ ބުނެފައިވެ އެވެ.

ހަލަބަށް ދޭ ވަރުގަދަ ހަމަލާތަކާ ގުޅިގެން ގެދޮރު ހަލާކުވެފައިވާ މީހުން އެ ސިޓީ ދޫކޮށް ދަނީ. --ފޮޓޯ:ސީއެންއެން

ސީރިއާ އިން ޓްވީޓް ކުރަމުންދާ ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖާގެ މަންމަ ފާތިމާ އަލާބިދު ވަނީ ބޮމުގެ ހަމަލާތަކުގައި ހަލަބު ބިމާ ހަމަކުރަމުންދާ އިރު ދުނިޔެ ހިމޭނުން އޮންނާތީ ސުވާލުކޮށްފަ އެވެ. ޓްވީޓް މެދުވެރިކޮށް އޭނާ ވަނީ ހަލަބުގެ ހަމަލާތައް ހުއްޓާލާތޯ މަސައްކަތް ކޮށްދިނުމަށް ތުރުކީގެ ޚާރިޖީ ވަޒީރުގެ ކިބައިން އެދިފަ އެވެ.

ހަމަލާތައް ހުއްޓާލުމުގެ އާ އެއްބަސްވުމުގެ ދަށުން ސީރިއާގެ ހަލަބު ސިޓީން ހަނގުރާމަވެރިން މިއަދު ނުކުންނަން ފަށާނެ ކަމަށް އިދިކޮޅު ހަނގުރާމަވެރިން ވަނީ ބުނެފަ އެވެ.

ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތެއް ކަމަށްވާ އަހުރާރު އަލް ޝާމުގެ ތަރުޖަމާން އަހުމަދު ގުރާ އަލީ ބުނީ އާ އެއްބަސްވުމަކަށް ރޭ އާދެވިފައިވާ ކަމަށާއި ހަލަބުން ފުރަތަމަ ނުކުންނާނީ ޒަޚަމްވެފައި ތިބި މީހުން ކަމަށެވެ.

ހަލަބަށް ދޭ ހަމަލާތައް ހުއްޓާލުމަށް އަންގާރަ ދުވަހު ގާއިމްކުރި އެއްބަސްވުން ވަނީ އެއް ދުވަސް ނުވަނީސް އުވާލައިފަ އެވެ. ހަމަލާތައް އިއްޔެ އަލުން ދޭން ފެށުމާ އެކު ދެ ފަރާތުން ވެސް ވަނީ ގިނަ ބަޔަކު މަރުވެފަ އެވެ. އިރުމަތީ ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުން ދިޔަ ސަރަހައްދުތަކުގައި ގާތްގަނޑަކަށް 50،000 މީހުން ތާށިވެފައި ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަލަބަށް ދޭ ހަމަލާތައް ހުއްޓާލުމަށް ފަހު ހަނގުރާމަވެރިންނާއި އާއްމުން ނުކުތުމަށް އެއްބަސްވުމަކަށް އައީ ރަޝިޔާ އާއި ތުރުކީން ކުރި މަސައްކަތުންނެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވީ ސީރިއާ ސަރުކާރުން ކަމަށް ތުރުކީން ބުނެފައިވެ އެވެ.

ހަލަބުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ތުރުކީ އާއި ރަޝިޔާ އަދި އީރާނުގެ ޑިޕްލޮމެޓުން މި މަހު 27 ވަނަ ދުވަހު މޮސްކޯގައި ބައްދަލު ކުރާނެ އެވެ.

ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަނީ އާމީ އޮފް ކޮންކުއެސްޓް ނުވަތަ ޖައިޝުލް ފަތުހު ކިޔާ ހަނގުރާމަވެރި ޖަމާއަތްތަކުން ގުޅިގެން އުފައްދާފައިވާ ކޯލީޝަނަކުންނެވެ. އޭގެ ތެރޭގައި އަލްގައިދާ އިން ވަކިވެފައިވާ ކުރީގެ ނުސްރާ ފްރަންޓް (ޖަބްހަތުއް ނުސްރާ) ނުވަތަ މިހާރުގެ ފަތުހުއް ޝާމު ހިމެނެ އެވެ. މި ޖަމާއަތާ ގުޅިގެން ސީރިއާގައި ދިވެހިން ވެސް ދަނީ ހަނގުރާމަ ކުރަމުންނެވެ.