13 ޖެނުއަރީ 2022 - 15:23
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، ގިނަ މީހުން އެއްތަންވެ ޕާޓީތައް ބޭއްވުން މަނާކޮށްފައި ވަނިކޮށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އޭނާ ދިރިއުޅުއްވާ ގެކޮޅަށް ގިނަ ބަޔަކު އެއްކޮށް ޕާޓީ ބޭއްވި މައްސަލައިގައި ފާޑުކިޔުންތައް އަމާޒުވެ، ގާނޫނު ހަދާ މަޖިލީހުގައި އޭނާގެ އިސްތިއުފާ އަށް ގޮވައިފި އެވެ.
މުޅި އިނގިރޭސި ވިލާތުގައި ފުރަބަންދުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، 10 ޑައުނިން ސްޓްރީޓްއަށް ބަޔަކު ގެނެސްގެން ބޮޑުވަޒީރު ބޮރިސް ޖޯންސަން، ބަނގުރާ ޕާޓީއެއް ބޭއްވެވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ފާޑު ކިޔަން ފެށުމާ ގުޅިގެން ބޮޑުވަޒީރު ވަނީ މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި ހަތަރު މެމްބަރަކު ވަނީ، ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. އެ ބޭފުޅުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ބޮރިސް ޖޯންސަން އިއްޔެގެ ޖަލްސާގައި ވަނީ، އޭނާގެ ރަސްމީ ގެކޮޅަށް ބަޔަކު ދައުވަތު ދީގެން ގެނެސް، ޕާޓީ ބާއްވާފައިވާތީ އެކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ.
ބޮރިސް އެކަމަށް އިއުތިރާފްވެވަޑައިގަތުމާ ގުޅިގެން، ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމާ ބެހޭ ކޮމިޓީއަށް ވަރަށް އަވަހަށް ވައްދާނެ އެވެ.
"އޭނާއަކީ ބޮޑުވަޒީރު. ކޮވިޑުން ރައްކާތެރިވުމަށް ގަވައިދުތައް ހަދައި ފިޔަވަޅުތައް އިއުލާން ކުރަނީ އޭނާގެ ސަރުކާރުން. އެހެންވީމާ، އެ ގަވާއިދުތަކާ ހިލާފަށް އޭނާ ކުރި ކަންކަމަށް އޭނާ ޒިންމާކުރުވަންޖެހޭނެ،" ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ސަރުކާރުގެ ބޮޑުވަޒީރު އަމިއްލަ އަށް ސަރުކާރުގެ ގަވާއިދުތައް މުގުރަމުންދާ ނަމަ އޭނާއާ ދެކޮޅަށް ފިޔަވަޅު ނާޅައި ތިބެގެން ނުވާނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފުރަބަންދުގެ ހާލަތު އިއުލާންކޮށް އާންމު ރައްޔިތުންގެ މައްޗަށް ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރަމުން ދިޔައިރު، ބޮޑުވަޒީރު ވަނީ އެތައް ފަހަރެއްގެ މަތިން އެ ފިޔަވަޅުތަކާ ހިލާފަށް އޭނާގެ ގެކޮޅުގައި ޕާޓީތައް ބާއްވައިފަ އެވެ.
އެ ގޮތުން މެއި މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ބަނގުރާ ޕާޓީ ބޭއްވި އެވެ. އަދި ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އެފަދަ ޕާޓީއެއް ބާއްވާފައިވެ އެވެ. ބޮޑުވަޒީރުގެ އިތުރުން އިނގިރޭސި ސަރުކާރުގެ ބައެއް އެހެން ވުޒާރާތަކުގައި ވެސް، މުވައްޒަފުން އެއްވެގެން ހަފްލާތައް ބާއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެތޭތަފާތު
13 January 2022
އެއްކަލަ ކެމްޕޭނަށްޓަކައި މިހާރު މިގައުމުގަވެސް އެ ކުރުކުރީ ކަރަންޓީން މުއްދަތު. ސިޔާސީ މީހުންނާ ޖެހުނީމަ ހުރިހާ ކަމެއްވެސް ބަދަލުވާނެ. ކޮވިޑް ވައިރަސް އެކަމު އެކަމެއް ނުދަންނާނެ.
ޖަންބުލް ސަހަނު
13 January 2022
ތިޔަބޮރިސްބެޔާއެކު މިގައުމުގެ ބޮޑުވަޒީރުވެސް އުޅުނުތޯ ބަލަންއެބަޖެހޭ.