އޮބާމާގެ ކަރުނައިގެ ތައުރީފް މިޝެލް އަށް

ބަރަކް އޮބާމާގެ ވަދާއީ ތަގުރީރުގައި މުހިއްމު އެތައް ކަމަކަށް އަލިއަޅުވާލެއްވި އިރު ވަކިން އަސަރުގަދަ ވަގުތުކޮޅެއް ވަނީ ފާހަގަވެފަ އެވެ. އަނބިކަނބަލުން މިޝެލް އޮބާމާ އަށް ކުރެއްވި ޝުކުރުން ފުރިގެންވާ ތައުރީފެވެ.


އެމެރިކާގެ ރައީސްކަމުން ވަކިވެވަޑައިގަތުމުގެ ކުރިން ދެއްވި ފަހު ތަގުރީރުގައި އަނބިކަނބަލުންނާ މުޚާތަބުކުރައްވައި އޮބާމާ ވިދާޅުވީ އޭނާ އާއި މުޅި ގައުމު ވެސް މިޝެލްއާ މެދު ފަޚުރުވެރިވާ ކަމަށެވެ.

"މިޝެލް ތިއީ ވޭތުވެދިޔަ 25 އަހަރު ތެރޭގައި އަހަރެންގެ އަންހެނުން އަދި އަހަރެންގެ ކުދިންގެ މަންމަގެ އިތުރުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ،" ތަގުރީރުގައި އަނބިކަނބަލުންނަށް ޚާއްސަކުރެއްވި ކުރު އެކަމަކު ފޮނި ބަސްކޮޅުގައި އޮބާމާ ވިދާޅުވި އެވެ.

ޖަޒުބާތުން ފުރިގެންވާ އެ ޖުމްލަތައް ވިދާޅުވާން ފެއްޓެވުމާ އެކު އޮބާމާ އަށް ވެސް ކީރިތިކުރެއްވުނެވެ. ރުމާލުން ކަރުނަ ފޮހެލައްވާ މަންޒަރު، ޓީވީ ބަލަމުން ދިޔަ މީހުންނަށް ފެނުނު އިރު، މިޝެލްއާ ޖެހިގެން އިންނެވި ދޮށީ ދަރިކަނބަލުން މަލިއާ ވެސް ކީރިތިކުރެއްވި އެވެ. އަދި އެ ތަނުގައި ތިބި އެންމެން ވަނީ މިޝެލް އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެފަ އެވެ.

އޮބާމާ ވަދާއީ ތަގުރީރު ދެއްވުމަށް ފަހު އަނބިކަނބަލުން މިޝޭލް އާއި ދަރިކަނބަލުން މަލިއާއާ އެކު

އޮބާމާ ވިދާޅުވީ އޭނާގެ އަނބިކަނބަލުންގެ ގޮތުގައި މިޝެލް އަދާކުރައްވަން ޖެހިވަޑައިގަތީ މިޝެލް އަމިއްލަފުޅަށް ހޯއްދެވި މަގާމެއް ނޫން ކަމަށް ވިޔަސް އެއީ އަމިއްލަ ކަމެއްގެ ގޮތުގައި ބައްލަވައި، ފަސްޓް ލޭޑީގެ ދައުރު އަދާކުރެއްވީ ޝަރަފްވެރިކަމާއި ހިތްވަރުގަދަކަމާއި ވައްޓަފާޅިއާ އެކުގައި ކަމަށެވެ.

ވައިޓް ހައުސްއަކީ އެންމެންގެ ތަނަކަށް މިޝެލް ހައްދަވައިދެއްވާފައިވާ ކަމަށާއި އޭނާ ދެއްކެވި ނަމޫނާގެ ސަބަބުން އާ ޖީލެއްގެ އަމާޒުތައް އާ އުސްމިންތަކަކަށް ގެންގޮސްފައިވާ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.