ތުރުކީގެ ފެންބޮޑުވެފައިވާ ސަރަހައްދުން މީހުން ހޯދުމުގެ މަސައްކަތް ތުުރކީގެ އަސްކަރީ ޑައިވަރުން ކުރަނީޅ ފެންބޮޑުވުމުގައި 14 މީހުން މަރުވި --- ފޮޓޯ: އަނަޑޮލޫ އެޖެންސީ
17 މާޗް 2023 - 10:42
ޝަންލެފާ، ތުރުކީ (މާޗް 14) - ތުރުކީ އަށް މިދިޔަ މަހު ބާރުގަދަ ބިންހެލުން އައި ސަރަހަދަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެގެން 14 މީހަކު މަރުވެއްޖެ އެވެ.
އިތުރު ފަސް މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެ އެވެ. މިދިޔަ މަހުގެ 6 ގައި ތުރުކީ އާއި ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނީ ވެސް ތުރުކީ އަށެވެ.
ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެގެން އެންމެ ބޮޑު އަސަރެއް ކުރީ ބިންހެލުމުގައި ވެސް ގެއްލުންވި ޝަންލެފާ އަށެވެ. ފެންބޮޑުވުމުގައި އެ ސިޓީން 12 މީހުން މަރުވި އެވެ. ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ހަދައިފައިވާ ކޮންޓެއިނާ ގެތަކަށް ވެސް އަސަރު ކުރި އެވެ.
އެ ސިޓީއާ އިންވެގެން އޮތް އަދިޔާމަން އިން ދެ މީހުން މަރުވި އެވެ. އޭގެ ތެރޭގައި އުމުރުން އެއް އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އަދިޔާމަންގައި ފެންގަނޑު ރަށުތެރެއަށް ފެތުރި، ކޮންޓެއިނަރު ގެތައް ހިމެނޭ ސަރަހައްދަށް ކުރި އަސަރުގައި ކޮންޓެއިނާ ގެތަކެއް ވެސް ދޫވެގެން ދިޔަ އެވެ. މަރުވި އަނެއް މީހާކީ ބިން ހެލުމުގައި ހާލުގައި ޖެހިގެން ކޮންޓެއިނަރު ގޭގައި އުޅުނު އަންހެންނެކެވެ.
ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ: އޭޕީ
އެ ސިޓީގެ ގަވަރުނަރު ނޫމާން ހަޓިޕޮލޫ ވިދާޅުވީ ހަތަރު މީހުން ގެއްލުނު ކަމަށެވެ.
ޝަންލެފާގެ ގަވަރުނަރު ސޯލިހް އައިހާން ވިދާޅުވީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ސީރިއާގެ ފަސް މީހުން އިމާރާތެއްގެ އަޑީގައި ކާރު ޕާކު ކުރާ ތަނުގައި މަރުވެފައި ތިއްބާ ފެނުނު ކަމަށެވެ. އިމާރާތްތަކުގެ އަންޑަގްރައުންޑްތަކުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.
އެ ސިޓީން ގެއްލުނު މީހުންގެ ތެރޭގައި ދެ ފަޔާފައިޓަރުން ވެސް ހިމެނެ އެވެ.
މިދިޔަ މަހުގެ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ގާއިމު ކުރުމުގެ މަސައްކަތް ތުރުކީގެ ސަރުކާރުން ވަނީ ވަށައިފަ އެވެ. ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 48،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy