19 މާޗް 2023 - 13:11
ރަޝިޔާ ސިފައިން މީގެ އަހަރު ދުވަސް ކުރިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހިފާފައިވާ ޔޫކްރޭންގެ ބިންތަކުން ފޭބުމަށް ހުޅަނގުގެ ގައުމުތަކުން ގޮވައިލަމުން ދަނިކޮށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެ ބިންތަކަށް ޒިޔާރަތް ކުރައްވައި، އެ ސަރަހައްދުތަކުގެ ކަންތައް ހުރި ނެތް ގޮތް ބައްލަވާލައްވައިފި އެވެ.
އެ ގޮތުން ރައީސް ޕުޓިން އެންމެ ފުރަތަމަ އިއްޔެ ވަޑައިގަތީ، މާޗް 18، 2014 ގައި ރަޝިޔާގެ ބައެއްގެ ގޮތުގައި އެ ގައުމުން ކަނޑައެޅި، ޔޫކްރޭންގެ ކްރީމިއާ ސަރަހައްދަށެވެ. އެ ސަރަހައްދު ރަޝިޔާއާ އެއްކޮށްލިތާ ނުވަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރެއްވި އެ ޒިޔާރަތުގައި ރައީސް ޕުޓިން ވަޑައިގަތީ ކްރީމިއާގެ އެންމެ ހުޅަނގުދެކުނުގައި އޮންނަ ބަނދަރުމަތީ ސަހަރެއް ކަމަށްވާ ސެވެސްޓަޕޯލް އަށެވެ.
President Putin arrived in #Crimea to celebrate the anniversary of the annexation of the Peninsula pic.twitter.com/UnBrXad6o5
— Michael A. Horowitz (@michaelh992) March 18, 2023
ރައީސް ޕުޓިން ކްރީމިއާ އަށް މި ކުރެއްވި ދަތުރުގައި އޭނާގެ އަރިހުގައި ބައިވެރިވެވަޑައިގަތީ، ކްރީމިއާ ސަރަހައްދަށް ރަޝިޔާ އިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރު މިޚައިލް ރަޒްވޮޒަޔޭވް އެވެ.
ރަޝިޔާގެ ބައެއްގެ ގޮތުގައި ކްރީމިއާ ހަމަޖެއްސީ، 2014 ވަނަ އަހަރު ރަޝިޔާ އިން އެ ސަރަހައްދު ހިފުމަށްފަހު، ރަޝިޔާ ސިފައިންގެ ބެލުމުގެ ދަށުން އެ ސަރަހައްދުގެ އާންމު ރައްޔިތުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހު އެވެ. އެ ވޯޓުގައި، ރަޝިޔާގެ ބައެއްގެ ގޮތުގައި ކްރީމިއާ ހަމަޖައްސަން އަޣުލަބިއްޔަތު ލިބުނު ނަމަވެސް، ޔޫކްރޭނާއި ބައިނަލްއަގުވާމީ މުޖްތަމައުން އެކަން ގަބޫލެއް ނުކުރެ އެވެ.
ކްރީމިއާ އަށް ކުރެއްވި ޒިޔާރަތަށް ފަހު، ރައީސް ޕުޓިން ދެން ވަޑައިގަތީ ޔޫކްރޭންގެ އިރުމަތީގައި އޮންނަ ޑޮނެޓްސްކް ސަރަހައްދުގެ މައި ސަހަރެއް ކަމަށްވ މަރިއުޕޯލް އަށެވެ. ރަޝިޔާ ސިފައިން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ހިފި މަރިއުޕޯލް އަށް ރައީސް ޕުޓިން ވަޑައިގަތީ ހެލިކޮޕްޓަރެއްގަ އެވެ. އެއަށް ފަހު ކާރުގައި އެ ސަހަރުގެ އެކި އަވަށްތަކަށް ޒިޔާރަތް ކުރައްވައި، ބައެއް ސަރަހައްދުތަކުގައި މަގުމަތީ މަޑުކުރައްވައި އާންމުންނާ ބައްދަލުކުރެއްވި އެވެ.
ރައީސް ޕުޓިން މަރިއުޕޯލް އަށް މި ވަޑައިގަތީ، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައި، ރައީސް ޕުޓިން ހަނގުރާމައިގެ ޖަރީމާތައް ހިންގަވާފައިވާ ކަމަށް ބުނެ، އޭނާ ހައްޔަރުކުރުމަށް މިދިޔަ ހުކުރު ދުވަހު ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ. އެ ކުށްތަކުގެ ތެރޭގައި ޔޫކްރޭންގެ އެތައް ހާސް ކުޑަކުދިންނެއް، އެ ކުދިންގެ ނުރުހުމުގައި އަދި ގާނޫނާ ޚިލާފަށް ޔޫކްރޭނުން ބޭރަށް ގެންދިއުން ހިމެނެ އެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ އެ އަމުރާ ގުޅޭ ގޮތުން ރައީސް ޕުޓިން މިހާތަނަށް ވަކި އެއްޗެއް ވިދާޅެއްނުވެ އެވެ. ނަމަވެސް ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ވިދާޅުވީ އެއީ އެއްވެސް ބުރަދަނެއް ނެތް ބާތިލު އަމުރެއް ކަމަށެވެ. އަދި އެ ކޯޓުގެ ނިންމުންތަކާ މެދު ރަޝިޔާ ދެކެނީ ވަރަށް ރުޅިވެރިކަމުގެ އަދި ގަބޫލު ނުކުރެވޭނެ ނިންމުންތަކެއްގެ ގޮތުގަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
20 March 2023
ކޮބާ ފެނޭތަ؟؟ އެއްކަލަ އެމެރިކާއަށް ރާކަނިމަސް ކެވުނުތަ؟؟
ޒެލެންސްކީ
19 March 2023
ދެން ކިއޭވްއަށް ވެސް އައިނަމަ ކޮފީއެއް ޖަހާލަން..
ޑޮކުޓަރު.
19 March 2023
މަހީކުރީ ޕޫޓިން ކެންސަރު ޖެހިގެން އަދި ދެ ކިޑުނީ ފެއިލްވެގެން މިހާރު އޮތީ ކޯމާގައޭ. އެހެންތާވާނީ އަބަދުވެސް މިއަޑުއިވެނީ ހުޅަނގުގެ ފީކުދާނު ހަބަރުތައްވިއްޔާ.
ނިޘާރް
19 March 2023
މަރުހަބާ ރައީސް ޕުޓިން. ބިޑެން މެން ވައްވަށް ޖަހަ ޖަހާ ތިބެން ޖެހޭނީ.. އެމީހުން ހަނގުރާމަ އިއުލާން ކުރަން ނުކެރިގެން އެއުޅެނީ ބަލިވާނެ ކަން ޔަގީންވާތި.. ތި ހަނގުރާމަ އެންމެ ތަންކޮޅޭއްވެސް ފަހަތަށް ޖެހި ވަޑައި ނުގަނަވާ އެމެރިކާ އާއި އޭނަގަ ނޯކަރުން ގެ ކިބައިން ރޫސީ ބިންތަށް ހިމާޔަތް ކޮށް ޔޫކުރޭން މުސްތަގިއްލު ގައުމަކަށް ހަށްދައިދެއްވާތި..
ޕެލަސްޓައިން
19 March 2023
ބައިޑެން ޔުކްރޭނަށް އެރީ ސިއްރުސިއްރުން. އުޚުނީވެސް ސިއްރުސިއްރުން. ޕުޓިން ހަމަ ގަދައީ
އިއްލެ
19 March 2023
ޕުޓިން ބިރެއްނުގަންނާނެ. ހެސްކިޔާފާ ގަޓުހުންނާނެ.ލެ