ގެމްބިއާގެ ކުރީގެ ރައީސް ގައުމު ދޫކުރައްވައި ވަޑައިގެންފި

ގެމްބިއާގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމުން ވެސް ރައީސް ކަމުގެ މަގާމު ދޫކުރައްވަން ދެކޮޅު ހެއްދެވުމަށް ފަހު، ޔަހްޔާ ޖާމޭ ރޭ ގައުމު ދޫކުރައްވައި އެފްރިކާގެ އެހެން ގައުމަކަށް ވަޑައިގެންފި އެވެ.


އިންތިޚާބުގައި ނާކާމިޔާބު ވުމުން ބަލި ގަބޫލު ކުރެއްވުމަށް ފަހު، އެ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ މަގާމުގައި ހުންނެވުމަށް ފަހު، ވެރިކަން ދޫކުރައްވައި ގައުމުން ބޭރަށް މި ވަޑައިގަތީ، އެފްރިކާގެ ބައެއް ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރުން ގެމްބިއާ އަށް އަރައި ބާރުގެ ބޭނުންކޮށްގެން ވެސް މަގާމުން ދުރު ކުރާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.

ޔަހްޔާ އޭނާގެ އާއިލާއާ އެކު ގައުމުން ފުރާވަޑައިގަތުމަށް މަތިންދާބޯޓަށް އަރާވަޑައިގަތް އިރު، ގިނަ އަދަދެއްގެ އާންމުންނާއި ސިފައިން އޭނާ އަށް އަލްވަދާއު ދެންނެވުމަށް އެއާޕޯޓުގައި ތިއްބެވެ. އަދި ރަތް ދޫލައިގެ މަތީ ހިންގަވާފައި ވަޑައިގެން ބޯޓުގެ ދޮރުމަތީ ހުންނަވައި ސަލާމް ކޮށްލެއްވުމަށް އަތް ހިއްލައިލެއްވުމުން ގިނަ އަދަދެއްގެ ސިފައިން ހިތާމަކޮށް ރޮއެ ހެދި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ގެމްބިއާގެ އައު ރައީސް އާދަމާ ބާރޯ، މިދިޔަ ހުކުރު ވިލޭރޭ ސެނެގާލްގައި ހުންނަވައި މަގާމުގެ ހުވާ ކުރައްވަނީ. އޭޕީ

ޔަހްޔާ ޖާމޭ ގޮވައިގެން ދަތުރު ކުރި މަތިންދާބޯޓު ގެމްބިއާ އިން ފުރުމަށް ފަހު ފުރަތަމަ ޖެއްސީ ގިނީގަ އެވެ. ނަމަވެސް ޔަހްޔާ އާއި އޭނާގެ އާއިލާ ގައުމުން ބޭރަށް އަރުވާލެއްވިގެން ދިރިއުޅުއްވާނީ ގިނީގައި ކަމަކަށް ނުބެލެވެ އެވެ.

ގެމްބިއާގެ ރައީސް ކަމުގެ މަގާމަށް ޔަހްޔާ ޖާމޭ ވަޑައިގަތީ 1994 ވަނަ އަހަރު ގެނައި އިންގިލާބެއްގަ އެވެ. އިންތިޚާބުން ނާކާމޔާބުވެވަޑައިގަތުމުން ވެސް ގޮތް ދޫނުކުރައްވައި ހުންނެވުމަށް ފަހު މަގާމު ދޫކޮށްލެއްވީ މޮރިޓޭނިއާގެ ރައީސާއި ގިނީގެ ރައީސް މެދުވެރިވެވަޑައިގެން ދެއްކެވި ވާހަކަތަކަށް ފަހު އެވެ.

ޔަހްޔާ ޖާމޭ މަގާމު ދޫކޮށްލެއްވި އިރު، އިންތިޚާބުވި ރައީސް އާދަމާ ބާރޯ ވަނީ މިދިޔަ ހުކުރު ވިލޭރޭ ސެނެގާލްގައި ހުންނަވައި މަގާމުގެ ހުވާ ކުރައްވައިފަ އެވެ.

ވެރިކަމުގައި ޔަހްޔާ ހޭދަ ކުރެއްވި 22 އަހަރުގެ ތެރޭގައި ގެމްބިއާ ސަރުކާރުން ވަނީ އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާތަކެއް ހިންގައިފަ އެވެ. އަދި ވެރިކަމާ ދެކޮޅަށް ފާޑުކީ ގިނަ ބަޔަކު ވަނީ ޖަލަށް ލައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ޖަލުގައި މަރުވެފަ އެވެ.

ގެމްބިއާގެ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމު ދޫކޮށް ދިޔަ ބައެއް މީހުން އިއްޔެ އެނބުރި ގައުމަށް އަންނަނީ. --ފޮޓޯ އޭޕީ

ޔަހްޔާ ޖާމާގެ ވެރިކަމުގައި ސިފައިން ހިންގި ޖަރީމާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް ވެސް ހިޖްރަ ކޮށްފަ އެވެ. އަދި ޔަހްޔާ ޖާމޭ މަގާމުން ވަކިވުމަށް އެފްރިކާގެ ގައުމުތަކުން ދިން މުހުލަތު މިދިޔަ ބުރާސްފަތި ދުވަހުގެ މެންދަމު ހަމަވުމާ އެކު، އެފްރިކާ ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރުން ހަމަލާ ދީފާނެ ކަމުގެ ބިރުގައި ވެސް އެތައް ބަޔަކު ގައުމު ދޫކޮށް ދިޔަ އެވެ.

ހުކުރު ވިލޭރޭ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އާދަމާ ބާރޯ ވަނީ، އެމީހުން އެނބުރި ގައުމަށް އައުމަށް ގޮވާލައްވައިފަ އެވެ. ނަމަވެސް އާދަމާ ބާރޯ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގެ އެވެ.