ރަޝިޔާ އާއި ކްރައިމިއާ ގުޅުވައިދޭ ކާޗް ބްރިޖު. --ފޮޓޯ: ރޮއިޓާސް
18 ޖުލައި 2023 - 11:31
ޑްރޯން ހަމާލާއެއްގައި ރަޝިއާ އާއި ކްރައިމިއާ ގުޅުވައިދޭ ބްރިޖަށް ގެއްލުން ލިބުނުތާ އެއް ދުވަސް ތެރޭގައި އެ ބްރިޖުގެ ބައެއް ޓްރެފިކަށް ހުޅުވާލާފައިވާ ކަމަށް ރަޝިއާ ސަރުކާރުން ބުނެފި އެވެ.
ރަޝިއާ އިން ތުހުމަތުކުރާ ގޮތުގައި، ކާޗް ބްރިޖަށް ހަމަލާދިނީ ޔޫކްރޭނުން ކަނޑުމަގުން ދިން ޑްރޯން ހަމަލާއެއްގަ އެވެ. އެކަމަކު އެ ހަމަލާގެ ޒިންމާ ޔޫކްރޭނުން ރަސްމީކޮށް ނަގާފައެއް ނުވެ އެވެ.
އެ ހަމަލާގައި ދެ މީހަކު މަރުވެފައިވާއިރު، ބްރިޖުގެ އެއް ލޭނު ވެހިކަލްތަކަށް މިހާރު ހުޅުވާފައިވާ ކަމަށް ރަޝިއާ ސަރުކާރުން ވަނީ ބުނެފަ އެވެ. ބްރިޖާ އިންވެގެން އޮންނަ ރޭލު ލައިނަށް އެ ހަމަލާގައި ގެއްލުން ލިބިފައެއް ނުވެ އެވެ.
ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި، ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ އެ ހަމަލާގެ ރައްދު ރަޝިއާ ސިފައިން ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
ކްރައިމިއާއަކީ 2014 ވަނަ އަހަރު ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ރަޝިއާ ސިފައިން ހިފައި އެ ގައުމުގެ ބައެއް ކަމަށް އަމިއްލަ އަށް ކަނޑައަޅާފައިވާ ޔޫކްރޭންގެ ޖަޒީރާ ސަރަހައްދެކެވެ.
ރަޝިއާ އާއި ކްރައިމިއާ ގުޅުވައިދޭ ކާޗް ބްރިޖަކީ، ދެކުނު ޔޫކްރެއިންގެ ބައެއް ސަރަހައްދުތަކުގައި ތިބި ރަޝިއާ ސިފައިންނަށް ހަތިޔާރާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު މަގެކެވެ.
މިއީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކާޗް ބްރިޖަށް ދިން ދެވަނަ ހަމަލާ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު ދިން ހަމަލާއެއްގައި ވެސް އެ ބްރިޖަށް ލިބުނު ގެއްލުންތަކަށް ފަހު، ބްރިޖު އަލުން ހުޅުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy