ޓްރަމްޕުގެ ނިންމެވުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އެޕަލް އިން ވިސްނަނީ

ވޮޝިންޓަން (ފެބްރުއަރީ 2) - އެމެރިކާ އަށް ހަތް ގައުމެއްގެ މީހުން އެތެރެވުން މަނާކުރުމާ ގުޅިގެން ލިބެމުންދާ ގެއްލުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެޕަލް ކުންފުނިން ބުނެފި އެވެ.


އެޕަލްގެ ސީއީއޯ ޓިމް ކުކް ވޯލް ސްޓްރީޓް ޖާނަލް އަށް ވިދާޅުވީ ރައީސް ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުނީގެ އެތައް ސަތޭކަ މުވައްޒަފުންނަކަށް އަސަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާ އަށް ބައެއް ގައުމުތަކުގެ މީހުން އެތެރެވުން ވަކި މުއްދަތަކަށް މަނާކުރުމާ ގުޅިގެން އަޅާނެ ފިޔަވަޅާ ގުޅޭ ތަފްސީލް އެޕަލް އިން ހާމަކޮށްފައެއް ނުވެ އެވެ.

ކުކް ވިދާޅުވީ ވައިޓްހައުސްގެ ވަރަށް ސީނިއާ ބޭފުޅުންނާ ވެސް ގުޅައިގެން ޓްރަމްޕް ނެރުއްވި އަމުރު ބާތިލް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތުން ލިބުނު ގެއްލުމާ ދެކޮޅަށް އެމޭޒަން އާއި އެކްސްޕީޑިއާ އިން ވެސް ފިޔަވަޅު އަޅާނެ ކަމަށް މި ހަފުތާގައި ވަނީ ބުނެފަ އެވެ.

މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ ވަނުން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާ އިމިގްރޭޝަން ސިޔާސަތުގެ ދަށުން 90 ދުވަހަށް މަނާކޮށްފަ އެވެ. އެއީ ސީރިއާ، އީރާން، އިރާގު، ލީބިއާ، ސޫދާން، ސޮމާލިއާ، ޔަމަން އަދި ލީބިއާ އެވެ. އަދި ރެފިއުޖީ ޕްރޮގްރާމް ވަނީ 120 ދުވަހަށް ހުއްޓާލައިފަ އެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ މުސްލިމުންނާ ދެކޮޅަށް އެޅި ފިޔަވަޅެއް ނޫން ކަމަށެވެ.