އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމަށް ހިންގި ބޮޑު އޮޕަރޭޝަނުގައި ހެލިކޮޕްޓަރު ފެނިއްޖެ ކަމަށް ބައެއް މީޑީއާތަކުން ބުނެފި އެވެ.

އެކަމަކު ވެއްޓުނު ހެލިކޮޕްޓަރު ރެސްކިއު ޓީމުތަކަށް ފެނުން ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. އަދި ރައީސީ ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނުބުނެ އެވެ.

އެ ހާދިސާ ހިނގީ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުގެ އިތުރަށް މޫސުން ގޯސްވުމުގެ ސަބަބުން، ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން އެތައް ގަޑިއިރެއް ހޭދަވި އެވެ.

އެ ސަރަހައްދުގައި ބޯދުންފިނީގެ ސަބަބުން، ވެއްޓުނު ހެލިކޮޕްޓަރު ހޯދަން 40 އަށް ވުރެ ގިނަ ރެސްކިއު ޓީމު ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އިރާނުގެ ދައުލަތުގެ ޓީވީން ވަނީ އާންމުކޮށްފަ އެވެ.

ރެސްކިއު ޓީމުތަކުން ދަނީ ކުއްތާ އާއި ޑްރޯންގެ އެހީ ވެސް ހޯދަމުންނެވެ.

ރައިސީ އާ އެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި އަދި އިތުރު ދެ ބޭފުޅަކު ވެސް ތިއްބެވި ކަމަށްވެ އެވެ.

ހެލިކޮޕްޓަރު ހޯދުން ދިގުލައިގެންދާތީ، ރައިސީގެ ހާލުކޮޅާ މެދު އޮތް ކަންބޮޑުވުންދަނީ ބޮޑުވަމުންނެވެ.

މި ހާދިސާ އާ ގުޅިގެން ދުނިޔޭގެ ލީޑަރުން ކަންބޮޑުވުންފާޅުކުރަމުންދާއިރު، ސައުދީ އަރަބިއްޔާގެ އިތުރުން ތުރުކީން ވެސް ވަނީ ހެލިކޮޕްޓަރު ހޯދުމުގެ އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަން ހާމަކޮށްފަ އެވެ.