ދުނިޔެ / އީރާން

ރައިސީ އަވަހަރާވި ކަން ރަސްމީކޮށް އިއުލާނުކޮށް، ނައިބު ރައީސާ ވެރިކަން ހަވާލުކޮށްފި

އިރާނުގެ ރައީސް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައިސީ ވަނީ އަވަހާރަވެފައި. --ފޮޓޯ: އޭއެފްޕީ

20 މެއި 2024 - 11:33

5 comments

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، ރައިސީ އަވަހާރަވެފައިވާ ކަން ރަސްމީކޮށް އިއުލާނުކޮށް، ވެރިކަން ނައިބު ރައީސް މުހައްމަދު މޮޚްބެރް އާ ހަވާލުކޮށްފި އެވެ.

ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ. އާޒަރުބައިޖާންގައި އިއްޔެ އެ ގައުމާއި އިރާން ގުޅޭ ސަރަހައްދުގައި ހެދި ޑޭމްއެއް ދެ ގައުމުގެ ވެރިން އިފްތިތާހު ވެސް ކޮށްދެއްވި އެވެ.

ރައިސީ އާ އެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި، އުތުރު އަޒަރުބައިޖާނު ޕްރޮވިންސްގެ ގަވަރުނަރު މާލިކު ރަހުމަތީ އަދި ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް ވެސް ވަނީ އަވަހަރާވެފަ އެވެ.

މީގެއިތުރުން، އެ ހެލިކޮޕްޓަރުގައި ޕައިލެޓާއި ކޯޕައިލެޓާއި، ކްރޫ ޗީފް އަދި ބޮޑީގާޑު ވެސް ވަނީ މަރުވެފަ އެވެ.

އިރާނުގެ ނައިބު ރައީސް މުޚްބެރް: ރައިސީ އަވަހާރަވުމާ ގުޅިގެން ރައީސްގެ ޒިންމާތަކާ މުޚްބެރް ވަނީ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންފައި. --

އެ ސަރަހައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން، މި ހާދިސާ ހިނގިތާ 15 ގަޑިއިރެއްހާ އިރު ފަހުން، އެ ހެލިކޮޕްޓަރާ ހަމައަށް ދެވުނު އިރު، ހެލިކޮޕްޓަރު އެކީގައި އަނދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

އަދި ހެލިކޮޕްޓަރުގައި ދަތުރުކުރި ފަސަންޖަރުންގެ ހަށިގަނޑުތައް އެކީގައި އަނދާފައިވާ ކަމަށްވެ އެވެ.

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ރައްޔިތުން ކަންބޮޑުނުވުމަށާއި ސަރުކާރު ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރައިސީ އަވަހާރަވުމާ ގުޅިގެން، އޭނާގެ ޒިންމާތަކާ ވަގުތީ ގޮތުން ނައިބު ރައީސް މޮޚްބެރް ވަނީ ހަވާލުވެވަޑައިގެންފަ އެވެ. އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަންޖެހެ އެވެ.

ރައިސީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ ހިތާމަފާޅުކުރައްވައި ތައުޒިޔާ ވިދާޅުވަމުންނެވެ.

ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ގަސްދުގައި ވައްޓައިލި ކަމުގެ ތުހުމަތުތަކެއް ކުރެވުނަސް، އެފަދަ ކަމެއްގެ އިޝާރާތެއް ވެސް ލިބިފައިނުވާ ކަމަށް އެމެރިކާއިން ވެސް ވަނީ ބުނެފަ އެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އިރާނުގެ ސަރުކާރުގެ އިސް އޮފިޝަލުން ވެސް ވަނީ ވިދާޅުވެފަ އެވެ.

އިރާނުގެ ވެރިކަން ތަރުތީބުވެފައި އޮންނަ ގޮތުން، ރައިސީ އަވަހާރަވިޔަސް ހިންގުމަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ސަރުކާރު ހިންގުމުގެ ސިޔާސަތުތައް ކަނޑައަޅަނީ ސީދާ ރޫހާނީ ލީޑަރަށް ވާތީ އެވެ.

އިރާނުގެ ރައީސް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައިސީ ވަނީ އަވަހާރަވެފައި. --ފޮޓޯ: އޭއެފްޕީ

ރައިސީގެ ސިޔާސީ ހަޔާތް!

ރައިސީގެ ސިޔާސީ ހަޔާތް ފެއްޓެވީ 1979 ވަނަ އަހަރު އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަށްފަހު އެވެ. ރައިސީއަކީ އިރާނުގެ އެންމެ ބާރުގަދަ، ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ވަރަށް އަރިސް ބޭފުޅެކެވެ.

ގިނަ ބަޔަކު ވޯޓުލާން ނުކުންނަން ދެކޮޅު ހަދައި، ސިޔާސީ ވާދަވެރިން ކުރިމަތިނުލެވޭ ގޮތަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި ރައިސީ އިރާނުގެ ރައީސް ކަމަށް ވަޑައިގެންނެވީ 2021 ވަނަ އަހަރެވެ.

ޚާމަނާއީ އެކޭ އެއްގޮތަށް، ރައިސީ އަކީ އިރާނުގެ އެންމެ ބޮޑު އަދުއްވުންގެ ގޮތުގައި އެމެރިކާ އާއި އިޒްރޭލު ކަނޑައަޅުއްވައި، ފާޅުގައި ކެރިވަޑައިގެން ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރައިސީ ވަނީ ވަރަށް ވަރުގަދަ ސްޓޭންޑެއް ނަންގަވައިފަ އެވެ. އަދި އިރާނުން ފަލަސްތީނާ އެކު ސާބިތުކަމާ އެކީ އޮތް ކަން ރައިސީ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އިރާނުގެ ރައީސް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައިސީ ވަނީ އަވަހާރަވެފައި. --ފޮޓޯ: އޭއެފްޕީ

ނަވާރަ ސަތޭކަ ފަސްދޮޅަސް ވަނަ އަހަރު އިރުއުތުރުގެ މަޝްހާދު ސިޓީއަށް އުފަން ރައިސީ ވަނީ ޒުވާން އުމުރުގައި ޚާމަނާއީގެ ދަރިވަރެއްގެ ގޮތުގައި ދީނީ އިލްމާއި އިސްލާމީ ފިގުހު ކިޔަވާވިދާޅުވެފަ އެވެ.

އުމުރުން އެންމެ 20 އަހަރުގައި އެމެރިކާއިން ވާގިވެރިފައިވާ އޮތް ރަސްކަން ވައްޓާލި އިސްލާމީ އިންގިލާބުގެ ތެރެއިން ރައިސީއަށް ތެހެރާނާ ޖެހިގެން އޮންނަ ކަރާޖުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ލިބިވަޑައިގަތެވެ.

ރައިސީ ވަނީ 1989 އިން 1994 އަށް ތެހެރާނުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމާއި 2004 ވަނަ އަހަރުން ފެށިގެން 10 އަހަރު ވަންދެން ޖުޑީޝަލް އޮތޯރިޓީގެ ޑެޕިއުޓީ ޗީފްގެ މަގާމާއި، އޭގެ ފަހުން 2014 ވަނަ އަހަރު ގައުމީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.

އޭގެފަހުން، 2016 ވަނަ އަހަރު ޚާމަނާއީ ވަނީ މަޝްހާދުގައި ހުންނަ އިމާމް ރެޒާގެ ޒިޔާރަތް ބެލެހެއްޓުމާއި ސިނާއީ އަދި މުދަލުގެ ގިނަ އެސެޓުތަކެއް ކޮންޓްރޯލްކުރާ ޗެރިޓަބަލް ފައުންޑޭޝަނެއްގެ އިސްވެރިއަކަށް ރައިސީ އައްޔަނުކުރައްވައިފަ އެވެ.

އޭގެ ތިން އަހަރު ފަހުން ޚާމަނާއީ ޖުޑީޝަލް އޮތޯރިޓީގެ ވެރިއަކަށް ރައިސީ އައްޔަން ކުރެއްވިއިރު، އޭނާ އަކީ ރޫހާނީ ލީޑަރު ހޮވާ ތަޖުރިބާކާރުންގެ މަޖިލީހުގެ މެންބަރެކެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުގައި ރައިސީ ވަނީ އެމެރިކާއިން ބްލެކްލިސްޓުކޮށްފަ އެވެ. ރައިސީއަށް ތުހުމަތުކުރަނީ 1988 ވަނަ އަހަރު ޑެޕިޔުޓީ ޕްރޮސެކިޔުޓަރަކަށް ހުންނެވި އިރު، ވާތުފިޔައިގެ އެތައް ބަޔަކު މެރުމުގައި އިސް ދައުރެއް އަދާކުރި ކަމަށެވެ.

އެކަމަކު ރައިސީ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 71%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރީދުކ

29 May 2024

ފާރިސީން ކިޔާ ގޮތް އަޑުއަހާ ލައްވާ

The name is already taken The name is available. Register?

ސަލާމަތްނުވެއޭދޯ

20 May 2024

އިރާނުގެ ނައިބް ރައީސް މުހައްމަދު އަކީ އެއީ ސީދާ ދެ މާސްޓަރސް ޑިގްރީ އަދި ދެ ޕީއެޗްޑީ އޮތް މޮޅު މީހެކޭ އެމެރިކާ މަހަށް ދާން ޖެހޭނީ ކުޅަދާނަ އެއް ނޫނޭ ތަމެންނަށް ހޫތީންގެ އަތް ދަށުން ސަލާމަތްވާން ކުޅަދާނަ ނަމަ ސަލާމަތްވެބަލަ އެމެރިކާ އޮރިޔާން ވަނީއޭ ދުނިޔޭގެ ކުރިމަތީގައި އުމުރުން އެންމެ 19 އަހަރުގެ ކުދިން ކޮނޑު އެއީ މިސައިލް ބަހައްޓާ ހަރު ކަމަށް ހަދާ ޔަމަންގެ ހޫތީން ރަތްކަނޑުގައި އޮންނަ އެމެރިކާ މަނަވަރު ތަކަށް ދޭ ހަމަލާ ތަކުން އެމެންނަށް

The name is already taken The name is available. Register?

ޖާގަ

20 May 2024

މުހައްމަދު މޮޚްބެރޭ؟ އެއީ ދިވެހި ލޭ ކޮންމެވެސްވަރަކަށް ހިއްސާކުރާ މީހެއްތަ؟

The name is already taken The name is available. Register?

ބުރުގާ

20 May 2024

ވިސްނާ ފިކުރުކުރާ ބަޔަކައް އިބުރަތެއް. ވެރިކަމާ ޝާނާޝައުކަތު ޝެހެންޝާހަކީ ދުނިޔޭގަވާ އެންމެ ވަގުތީ ތަކެތި. ވެރިކަމަކީ ގަނޑުވަރާއި އާރާބާރާ ފައިސާއާއި ފިނިފެންމަލުގެ ދާނެއް ނޫން.

The name is already taken The name is available. Register?

އަބްޑޫޅް +

20 May 2024

ބަލަ އެނަމަކީ "މޮހޮންމަދު މޮޚްބެރް" އެއްނޫނޭ، އެއީ "މުޙައްމަދު މުޚުބަރު". މަރިވެރިވެގެންވާ އަރަރަބި ބަސް ގަތުލު ނުކޮށް ބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454