ބަންގްލާދޭޝްގައި 15 އަހަރު ވަންދެން ވެރިކަންކުރި ޝައިޚް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމާ އެކު ދެ ވަނަ ފަހަރަށް ގައުމު މިނިވަން ވެއްޖެ ކަމަށާއި ނަސްރުގެ ދުވަހެއް ވެސް ދެ ވަނަ ފަހަރަށް ލިބިފައިވާ ކަމަށް ވަގުތީ ސަރުކާރުގެ ވެރިޔަކަށް ހަމަޖެއްސި މުހައްމަދު ޔޫނުސް އިއްޔެ ވިދާޅުވެއްޖެ އެވެ.
ބަންގްލާދޭޝްގައި ފަގީރުންނަށް ހާއްސަކޮށް ކުދި އަދި ލުއި ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސައި އެކަމުން ގެނައި ބޮޑު ބަދަލުގެ ސަބަބުން ނޮބެލްގެ އިނާމު ލިބިވަޑައިގެންފައިވާ ޔޫނުސް މިހެން ވިދާޅުވީ ހަސީނާގެ އިސްތިއުފާ އަށް ފަހު އެކުލަވާލާ ވަގުތީ ސަރުކާރަށް ހަވާލުވެވަޑައިގަތުމަށް ފަހުގަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުވި ކަމަށް ބުނެ ޔޫނުސް އަށް ހަސީނާގެ ސަރުކާރުން އިއްވި ހަ މަހުގެ ޖަލު ހުކުމުން ކަފާލާތު ލިބުމާ އެކު ޔޫރަޕަށް ވަޑައިގެން އުޅުއްވުމަށް ފަހު އޭނާ އިއްޔެ އެނބުރި ވަޑައިގަތީ ކޯޓުން އެ މައްސަލަ ބާތިލްކޮށް ޔޫނުސް އަކީ މިނިވަނެއް ކަމަށް ކަނޑައެޅުމާ އެކުގަ އެވެ.
ރިޔާސީ ގަނޑުވަރުގައި ސިފައިންގެ ޖެނެރަލުންނާއި މަދަނީ އަދި ސިޔާސީ ލީޑަރުންނާއި ޑިޕްލޮމެޓުންގެ ހާޒިރުގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު ޔޫނުސް، 84، ވިދާޅުވީ މިއީ އެންމެންނަށް ވެސް އުފާވެރި ދުވަހެއް ކަމަށެވެ.
"ބަންގްލާދޭޝް އިން މި ވަނީ ނަސްރުގެ އާ ދުވަހެއް އުފަންކޮށްފައި. ބަންގްލާދޭޝް އަށް ދެ ވަނަ މިނިވަން ދުވަހެއް ލިބިއްޖެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ މުޒާހަރާތަކާ އެކު 455 މީހަކު މަރުވެފައި ވާއިރު ގައުމުގެ ކަންކަން ހަމަޔަކަށް އަޅުވައި ހަމަޖެހުން ގެނައުމަށް ގޮވާލައްވައިފަ އެވެ. އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވުމަށާއި ބައި މަދު ދީންތަކާއި އެކި ފިކުރުގެ މީހުންނަށް ހިމާޔަތް ދިނުމަށް ވެސް ގޮވައިލެއްވި އެވެ.
"ގާނޫނު ތަންފީޒުކުރުމަކީ ފުރަތަމަ މަސައްކަތް ... އެކަން ނުކޮށް އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅޭނެ،" އޭނާ ވިދާޅުވި އެވެ.
ޔޫނުސް ވަނީ އޭނާ އަށް ރައްޔިތުން އިތުބާރުކޮށް އެއްވެސް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވުމަށް އިލްތިމާސްކުރައްވައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ހަސީނާ އިސްތިއުފާ ދެއްވީ މީގެ މަސް ދުވަސްކުރިން ދަރިވަރުން، ސިވިލް ސާވިސް ވަޒީފާގެ ކޯޓާގެ މައްސަަލައިގައި ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް މުޅި ގައުމުގައި ހަމަނުޖެހުން އުފެދުނު ފަހުންނެވެ. ހަސީނާ ގައުމު ދޫކޮށް ފިއްލެވީ މުޒާހަރާގެ ބައިވެރިން ހަސީނާގެ ގެކޮޅަށް ވަންނަން ދިމާކޮށްލުމުންނެވެ.