ބަންގްލާދޭޝްގައި އެތައް އަހަރެއް ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ޝައިހް ހަސީނާގެ ވެރިކަން 2023 ވަނަ އަހަރު ވައްޓާލުމަށް ފަހު ވަގުތީ ލީޑަރަކަށް އައްޔަންކުރި މުހައްމަދު ޔޫނުސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
"ވަގުތީ ސަރުކާރުން މިއަދު މި އިސްތިއުފާ ދެނީ،" ނޯބެލްގެ ސުލްހައިގެ އިނާމް ހާސިލްކުރައްވާފައިވާ އުމުރުން 85 އަހަރުގެ ޔޫނުސް ޓީވީ މެދުވެރިކޮށް ދެއްވި ވަދާއީ ބަޔާނުގައި ވިދާޅުވި އެވެ. "އެކަމަކު ޑިމޮކްރަސީއަށް އަމަލުކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަސާސީ ހައްގުތައް ލިބިދޭން ފެށިފައި އޮތް އޮތުން މި ހިސާބުން ނިމުމަކަށް ނުގެންނާތި."
ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ 85 އަހަރުގެ މުހައްމަދު ޔޫނުސް ވަނީ ހަސީނާގެ 15 އަހަރުގެ ވެރިކަން 2023 ވަނަ އަހަރުގެ އޯގަސްޓް މަހު ނިމުމަކަށް ގެނައުމުން ގައުމު ހިންގުމާ ހަވާލުވެ ވަޑައިގެން އިންތިހާބާ ހަމަޔަށް ހުރިހާ ކަމެއް ބަލަހައްޓަވައިފަ އެވެ. އޭނާގެ ސަރުކާރުން ވަނީ ހަސީނާގެ އަވާމީ ލީގު މި އިންތިހާބުގައި ވާދަކުރުން މަނާ ވެސް ކޮށްފަ އެވެ.
ޔޫނުސް ވަގުތީ ލީޑަރަކަށް އައްޔަންކުރީ އޯގަސްޓް 8، 2023 ގަ އެވެ.
ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކޮށްފައިވަނީ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިންނެވެ. އަދި ހާލިދާގެ ދަރިކަލުން އަދި ބީއެންޕީގެ ޗެއާަމަން، ތާރިގް ރަހްމާން ވެ ވަޑައިގަންނަވާނީ ބޮޑުވަޒީރަށެވެ.
ބީއެންޕީން ވަނީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދައިފަ އެވެ. އިންތިހާބުގައި ދެ ވަނަށް އެންމެ ގިނަ ގޮނޑި ލިބުނީ ދީނީ ޖަމާއަތްތަކުގެ އިއްތިހާދެއް ކަމަށްވާ ޖަމާއަތު އިސްލާމީއަށެވެ. އެކަމަކު ސަރުކާރު އެކުލަވައިލެވޭ އަދަދަކަށް ގޮނޑި ހަމައެއް ނުވެ އެވެ.