އިންޑިއާގެ އިސް ޕޮލިޓީޝަނެއް ކަމަށްވާ ބާބާ ސިއްދީގީ އަށް އެ ގައުމުގެ މުމްބާއީގައި އިއްޔެ ބަޑިން ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.

މަހާރާޝްޓްރާ ސްޓޭޓުގެ ކުރީގެ ވަޒީރެއް ކަމަށްވާ، އުމުރުން 66 އަހަރުގެ ބާބާ ސިއްދީގީ އަވަހާރަކޮށްލީ އޭނާގެ ދަރިފުޅުގެ އޮފީހުގެ ބޭރުގައި، އެތައް ފަހަރަކު ބަޑިން ހަމަލާ ދީގެން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ސިއްދީގީ އަވަހާރަކޮށްލާފައި މި ވަނީ މުހިންމު ސްޓޭޓް އިންތިޚާބުތަކެއް ބޭއްވުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. ފުލުހުން ބުނީ ސިއްދީގީ އަވަހާރަކޮށްލުމާ ގުޅުން ހުރި ކަމަށް ބެލެވޭ، ކުށްވެރިންގެ ނުރައްކާތެރި ގްރޫޕެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ހިންދުސްތާން ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށް، އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އެންޑީޓީވީ އިން ބުނެފައިވާ ގޮތުގައި ހައްޔަރުކުރި ދެ މީހުން ވަނީ އެ މީހުންނަކީ އެތައް ބަޔަކު މެރުމާއި ކުށުގެ އެކި މައްސަލަތަކުގައި ޖަލަށް ލާފައިވާ ލޯރެންސް ބިޝްނޯއީ ހިންގާ ގޭންގެއްގެ ބައެކެވެ.

މި ހަމަލާ ދީފައިވަނީ ސިއްދީގީ އަށް މަރުގެ އިންޒާރު ލިބުމާ ގުޅިގެން އޭނާގެ ސަލާމަތީ ކަންކަން ވަރުގަދަކުރިތާ ހަފްތާތަކެއް ފަހުންނެވެ. މަރުގެ އިންޒާރު އައިސްފައިވަނީ މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ތައްޔާރުވަމުން ދަނިކޮށެވެ.

"މި ހާދިސާ ފުރިހަމައަށް ތަހުގީގުކޮށް، ހަމަލާދިން މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނަން," މަހާރަޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ސިއްދީގީ އަކީ ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނާ ގާތް ގުޅުމެއް އޮންނަ އަދި ބޮޑެތި ޕާޓީތައް ބާއްވާ ކަމަށް މަޝްހޫރު ބޭފުޅެކެވެ. -- އޭއެފްޕީ