އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް
26 ޑިސެމްބަރ 2024 - 22:37
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އުމުރުން 92 އަހަރުގައި މިރޭ އަވަހާރަވެއްޖެ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ ބޭފުޅެއް ކަމަށްވާ ސިންގް އަވަހާރަވީ މިއަދު ސިއްހީ ހާލުކޮޅު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި އެޑްމިޓްކޮށް ފަރުވާ ދެނިކޮށެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިގްތިސާދީ މާހިރެއް ކަމަށްވާ ޑރ.ސިންގް ވަނީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އިންޑިއާގެ 14 ވަނަ ބޮޑުވަޒީރު ކަމަށްވާ ސިންގް ވަނީ ގައުމުގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރެއްވުމުގައި އިސްދައުރެއް އަދާކުރައްވައިފަ އެވެ.
ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ސިންގް ހޮސްޕިޓަލަށް ގެނައީ ގޭގައި ހުންނަވަނިކޮށް ހޭފުޅު ނެތިގެން ކަމަށެވެ. އޭގެ ކުރިން ވެސް އޭނާއަށް ފަރުވާ ދީފައިވާ ކަމަށާއި އެއީ އުމުރުން ދުވަސްވުމާ ގުޅުން ހުރި އެކި މައްސަލަތަކަށް ކަމަށް ބުންޏެވެ.
"ފުރާނަ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ނަމަވެސް [އިންޑިއާ ގަޑިން] މިރޭ 9:51 ހާއިރު ވަނީ އަވަހާރަވިކަން ކަށަވަރުވެފައި،" ހޮސްޕިޓަލްގެ ބަޔާނުގައިވެ އެވެ.
މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި ސިންގް އަވަހާރަވުމާ ގުޅިގެން މޯދީ ވަނީ ހިތާމަ ފާޅުކުރައްވައިފަ އެވެ. މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިންގަކީ "އެންމެ ތަފާތު ލީޑަރު" ކަމަށާއި އެއީ އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
27 December 2024
ބަހުގައި ތަފާތެއްނެތް
އޮނަރަބްލް އަފީފު ދީދީ
27 December 2024
އެކާވީސް ވަނަ ޤަރުނަށް ކޮންމެހެން ބޭނުންވާ ބަދަލުތަށް ޙާއްސަކޮށް ޓެކްނޯލޮޖީއާއި އިޤްތިސޯދަށް ކޮންމެހެން ގެންނާންޖެހޭ ބަދަލު ގެނެސް ކޮރަޕްޝަންގެ އަމަލު މުޅިން ނުހުއްޓުވޭނެކަން އެކިތިބެ އެކަން "މަދު ކުރުމަށްޓަކާ" ކުރާންޖެހޭ މުޙިއްމު ދަދަކުތަށް އިންޑިޔާއަށް ގެނައުމަށްޓަކާ އެންމެ ބުރަ އަދި މުހިންމު މަސައްކަތް ތަކެއް ކޮށްދެއްވީ A. P. J. Abdul Kalam އާއި Manmohan Singh ކަމަށް އިންޑިޔާގެ މިހާރުގެ ޖީލު ޤަބޫލު ކުރޭ. ރާއްޖެއަށްވެސް މިފަދަ ބަޔަކު ބޭނުންވޭ.