އިރާގުގެ ވެރިރަށް ބަޣްދާދުގައި ބޭއްވި އަރަބި ލީގުގުގެ ސަމިޓަށް ފަހު އަރަބި ގައުމުތަކުގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އޭއެފްޕީ
18 މެއި 2025 - 06:03
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓުމަކަށް ގެންނަން ބައިނަލްއަގުވާމީ ޕްރެޝަރު އިތުރުކުރުމަށް އަރަބި ލީގުގެ ސަމިޓުގައި އިއްޔެ ގޮވާލައިފި އެވެ.
އިރާގުގެ ވެރިރަށް ބަޣްދާދުގައި ބޭއްވި ބައްދަލުވުމުގައި އަރަބި ގައުމުތަކުން މިކަމަށް ގޮވާލީ އިޒްރޭލުން ޣައްޒާގައި ކުރިއަށްވުރެ ވަރުގަދަ އާ އޮޕަރޭޝަނެއް ފަށައިފިކަން އިއުލާނުކޮށްފައި ވަނިކޮށެވެ.
އަރަބި ލީގުގެ މެމްބަރުންގެ ގުޅިފައިވާ ބަޔާނުގައި، ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް އެއްބާރުލުން ދިނުމަށް ވެސް އެދިފައިވެ އެވެ. މިއީ ޣައްޒާއިން މީހުން ބާލުވައި ހުސްކުރުމަށް ފަހު އަލުން އެތަން ތަރައްގީކުރާނީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައި ވާތީ ދިން ރައްދެކެވެ. ބަޔާނުގައި ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން އެ ބިމުން ނެރުމުގެ ކޮންމެ ވިސްނުމަކަށް އަރަބި ގައުމުތަކުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށެވެ.
އަރަބި ލީޑަރުން ވަނީ ހަމަނުޖެހުންތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ޕްރެޝަރު ކުރުމަށާއި ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އަވަސް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އަރަބި ގައުމުތަކުގެ ސަމިޓުގައި އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރެޒް ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ
ސަމިޓްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް ވަނީ ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުން ހުއްޓުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުކުރުމަށް ގޮވާލައްވައިފަ އެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ ހަނގުރާމަ ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރޭޒް ސަމިޓްގައި ވިދާޅުވީ "މިހާރު ބޭނުންވަނީ ދާއިމީ ހަނގުރާމަ ހުއްޓާލަން" ކަމަށެވެ. އޭނާ ވަނީ ޣައްޒާގައި އިޒްރޭލުގެ އަސްކަރީ ހަރަކާތްތައް އިތުރަށް ފުޅާކުރަން ނިންމާފައި ވާތީ އެކަމާ އިތުރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"ޣައްޒާގެ އާންމުން ތަކުރާރުކޮށް ގެދޮރުން ނެރެ އެކި ތަންތަނަށް ވިއްސިވިހާލިކުރަމުން ދިއުމާ ދެކޮޅުހަދަން. ހަމަ އެހެން، ޣައްޒާއިން ބޭރަށް ގަދަކަމުން އެ މީހުން ގެންދިއުމާ ވެސް ދެކޮޅު،" ގުޓަރޭޒް ވިދާޅުވި އެވެ.
ސަމިޓަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ވަނީ ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވާފައި އޮންނަ އޮތުން އިޒްރޭލުން ނިމުމަކަށް ގެންނަން ވެސް ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކޮސް
18 May 2025
އޯ އައި ސީ އަކާއި ޢަރަބި ލީގަކައި މިތަން ތަނަކީ ދުނިޔޭގައި ދިރިތިބީންނަ ހުރި ފުރައްސާރަ އަކައި މަލާމާތެއް އަދި މުސްލިމުންނަށް ލައްވާލައިފަވާ ގިލަންވެރިކަމެއް
1181
18 May 2025
މުނާފިގުކަމުގެ އިންތިހާ.
ޖަލީލީ
18 May 2025
އެމެރިކާ އާއި ޔަހޫދީންގެ ޕަޕެޓް ލީގް ތީ. އެއްވެސް ކަމެއް ވާ ބައެއް ނޫން. އަމިއްލަ އެދުމުންގޮސް ފޯ ވެފަ.
ތޮއްޑޫ
18 May 2025
ކަރާ ފެޅުން ނޫން ކަމެއް އެބަކުރޭތަ؟
މުލޭ
18 May 2025
ގޮވާލާ ގޮވާލުމެއްގެ އަޑު ނަތަންޔާހޫއަކަށް އަދި ޓުރަންޕަކަށް ވެސް ނީވޭނެ. ތިޔަ ގޮވާލުމުގެ އިޚްލާސްތެރިކަމެއް ވެސް ނެތް. ޢަރަބި އިސްލާމީ ގިނަ ގައުމުތަކަކީ ބަޔަކަށް ބަރޯސާނުވެ އަމިއްލައަށް އުޅެވޭ ވަރުގެ ފުދުންތެރި ބައެއް. ކަލޭމެންގެ އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތައް އެމެރިކާއާ ޔޫރަޕަށް ދީގެން އުޅޭހާ ހިނދަކު ކިތަންމެ ބާރަށް ގޮވިޔަސް އަޑެއް ނީވޭނެ އެ މީހުންނަށް. އެމީހުންނާ ގުޅުން ކަނޑާލީމަ އަޑުއިވޭނެ.
ސޯބު
18 May 2025
ނަޖިސްތަފާލީގައި ދަނޑިން ތެޅިއްޔާ މާތާހިރެއްނު. ކަލޭމެން އަމިއްލައަށް ތި ހެކިވަނީ ތީ ފިނޑި ބައެއްކަމަށް.
ދައުރު
18 May 2025
ބަލަގަ ކަލޭމެން ކައިރީ ޓުރަމްޕް ކުނަމެއްސެހެން އެނބުރުނު އިރު އޭނަ ކައިރީ ތިވާހަކަ ބުނިނަމަ، ކަލޭމެން އެތައް ޓުރިލިއަންއެއް އޭނަޔަ ހަދިޔާކުރި. އިނގޭ އަބަދުވެސް ކަލޭމެންއަކީ ދެއްކުން ތެރި މާއްދީޔަތަށް ގޮސް ހުސްވެފަ ތިބި ބަޔެއްކަން ނަން ވާނީ އަބަދުވެސް ހުޅަނގު.