18 މެއި 2025 - 09:37
އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ކްލިނިކެއްގެ ބޭރުގައި ބޮމެއް ގޮއްވާލުމުން އެކަކު މަރުވެފައިވާއިރު، އެއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް އެފްބީއައި އިން ބުނެފި އެވެ.
އެ ބޮމުގެ ހަމަލާގައި ކްލިނިކަށް ބޮޑެތި ގެއްލުންތައް ވެފައި ވާއިރު، ބާރުގަދަ އެ ގޮވުމުގައި ވަށައިގެން ހުރި އިމާރާތްތަކުގެ ބިއްލޫރިތައް ވެސް ތަޅައިގެން ދިޔަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
"މިއީ ޝައްކެއް ވެސް ނެތް ގޮތުގައި، ޓެރަރިސްޓު ހަމަލާއެއް،" އެފްބީއައިގެ ލޮސް އެންޖެލީސްގެ ފީލްޑް އޮފީހުގެ ވެރިޔާ އާކިލް ޑޭވިސް ނޫސްވެރިންނަށް ވިދާޅުވި އެވެ.
އަދި މިއީ ގަސްދުގައި، އެ ކްލިނިކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަން ވެސް އޭނާ ވަނީ ޔަގީންކޮށް ދެއްވައިފަ އެވެ.
މި ހަމަލާގައި މަރުވެފައިވަނީ، އެ ކްލިނިކުގައި ކައިރީގައި އެ ވަގުތު ހުރި މީހެއް ކަމަށް އިދާރާތަކުން ލަފާކުރެ އެވެ. އަދި މަރުވެފައިވަނީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ޑޭވިސް ވިދާޅުވި އެވެ.
ތަހުގީގީ އިދާރާތަކުގެ މަސްދަރުތަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ މި ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް ޔަގީންކޮށްދީފައެއް ނުވެ އެވެ.
އެ ބޮން ހަރުކޮށްފައިވަނީ، އެ ކްލިނިކުގެ ކައިރީގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ކަމަށް އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައިވާ ނުވި ނަމަވެސް، ފާޓިލިޓީ އަދި އެބޯޝަން ކްލިނިކުތައް އަމާޒުކޮށް އެމެރިކާ އެކި ހިސާބުތަކުގައި ހަމަލާތައް މީގެކުރިން ވެސް ހަމަލާ ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޖާމަތު
18 May 2025
އެއްގޮތަކަށްވެސް ބޮމުން ހަމަލާދިނުމަކީ ރަނގަޅުގޮތެއްނޫން.