ގުދުސްގައި ދިން ހަމަލާގައި މަރުވި މީހެއްގެ ހަށިގަނޑު ފޮތިގަނޑަކުން ނިވާކޮށްފައި ވާއިރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
08 ސެޕްޓެމްބަރ 2025 - 12:48
އިރުމަތީ ގުދުސްއަށް ވަންނަ މައި ގޭޓް ކައިރީ ދިން ބަޑީގެ ހަމަލާތަކެއްގައި ފަސް މީހަކު މަރާލައިފި އެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި 15 މީހަކު ޒަހަމްވި އެވެ. މި ހާދިސާ ފުރަތަމަ ރިޕޯޓްކުރި އިރު، ބުނީ ހަ މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކު މަރުވީ އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ރާމޫތު ޖަންކްޝަން ކައިރީ މި ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ ދެ މީހަކެވެ. އެ ދެ މީހުން ވެސް މަރާލާފައިވާ ކަމަށް އިޒްރޭލު ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ހަމަލާ ދީފައިވަނީ ބަސް ސްޓޮޕެއްގެ ކައިރީގަ އެވެ. ފަސް މީހަކު މަރުވުމުގެ އިތުރުން އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އިޒްރޭލުގެ އިމަޖެންސީ ސާވިސް އިން ބުންޏެވެ. އެ އިދާރާއިން ބުނީ އެ މީހުންގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
މަރުވި މީހުންގެ ތެރޭގައި އުމުރުން ފަންސާހަކަށް އަހަރުގެ މީހަކު ހިމެނޭއިރު ދެން ހިމެނެނީ ތިރީހަކަށް އަހަރުގެ މީހުންނެވެ.
ގުދުސްގައި ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
ގުދުސްގައި މި ހަމަލާ ދީފައި ވާއިރު އިޒްރޭލުން ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ގެންދަނީ ވަރުގަދަކުރަމުންނެވެ. ރޭ ފަތިހުން ފެށިގެން މިހާތަނަށް އެކަނިވެސް 21 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ ބުނެފަ އެވެ.
އިޒްރޭލުން މިހާރު ގެންދަނީ ޣައްޒާ ސިޓީ ހިފަން ހަމަލާތައް ފުޅާކުރަމުންނެވެ. އިޒްރޭލުން ވަނީ ޣައްޒާ ހިފުމުގެ ހަމަލާތަކުގައި، ޣައްޒާގެ އުސް އިމާރާތްތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެތައް އިމާރާތެއް މިހާތަނަށް ގޮއްވާލައިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަދަ 50 އިމާރާތެއް މިހާތަނަށް ވަނީ ގޮއްވާލައިފަ އެވެ.
އިޒްރޭލުގެ ހަމަލާތަކަށް ދެ އަހަރުވާން ގާތް ވެފައި ވާއިރު މިހާތަނަށް ވަނީ މި ހަމަލާތަކުގައި 65،000 މީހަކު ޝަހީދުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަފަވޫ
08 September 2025
ހުޅަނގު އައްސޭރިން މިދިޔަ އަހަރެއްހާ ދުވަސްތެރޭގައި މެރި މީހުންގެ ބަދަލުގައި ވަރަށް ކުޑަ ބަދަލެއް އަދި ތިހިފުނީ