ހެލްތު ކެއާ ފަންޑު ފާސްނުވެ އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައުމުގެ އިރުކޮޅެއް ކުރިން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް: ހެލްތު ކެއާ ފަންޑިން ފާސްނުވެ މިހާރު ވަނީ ފެޑެރަލް ސަރުކާރު ހުއްޓުމަކަށް އައިސްފައި. -- ފޮޓޯ: އޭއެފްޕީ
01 އޮކްޓޯބަރ 2025 - 10:14
އެމެރިކާގެ ސިއްހީ ހިދުމަތަށް ކަނޑައަޅާނެ ފައިސާގެ މައްސަލައިގައި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އެއްގަލަކަށް ނޭރި ބަޖެޓް ފާސްނުކުރެވުމުން އެމެރިކާ ސަރުކާރު ހުއްޓުމަކަށް އަތުވެއްޖެ އެވެ.
މިއީ މީގެ ހަތް އަހަރު ކުރިން، 35 ދުވަހަށް ސަރުކާރު ހުއްޓުމަކަށް އައި ފަހުން މިފަދަ ހާލަތެއް ދިމާވި ފުރަތަމަ ފަހަރެވެ. ބަޖެޓް ފާސްކުރަންޖެހޭ މުއްދަތަށް އެކަން ނުވެއްޖެ ނަމަ އެމެރިކާގެ ވަރަށް ގިނަ ފެޑެރަލް ޑިޕާޓްމަންޓްތަކާއި އެޖެންސީތަކާއި ސަރުކާރުގެ އެތައް ހާސް މުވައްޒަފުންގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ އެވެ.
މި މައްސަލައިގައި ރައީސް ޓްރަމްޕު ވަނީ ޑިމޮކްރެޓިކް ޕާޓީ ކުށްވެރިކުރައްވައި، އެ ޕާޓީ އާއި ޕާޓީގެ ސަޕޯޓަރުންނަށް މިކަމުގެ އަދަބު ލިބޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި މި ހުއްޓުމާ ގުޅިގެން ސަރުކާރުން ބައެއް މުވައްޒަފުން ވަކިކުރާނެ ކަމަށާއި ވަކިކުރާނީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
"އެހެންވީމާ، މިކަމުގެ އަސަރުކުރާނެ ވަރަށް ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރާނަން. އއީ ޑިމޮކްރެޓުން. އެ މީހުން ވާނީ ޑިމޮކްރެޓުންނަށް،" އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕު ވިދާޅުވީ ސަރުކާރުގެ "ޝަޓްޑައުން" ގެ ސަބަބުން، ވަރަށް ގިނަ ރަނގަޅު ކަންކަން ގެއްލިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މި ހުއްޓުނު ވަގުތު، ބޭނުން ނުވާ ކަންކަމުން ސަރުކާރު ސަލާމަތްކުރުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށާއި ހުއްޓާލާނީ ޑިމޮކްރެޓުން ކޮށްފައިވާ ކަންތައްތައް ކަމަށެވެ.
ސަރުކާރުގެ މަސައްކަތްތައް، އެމެރިކާ ގަޑިން މެންދަމު 12:01 (ޖީއެމްޓީން 4:01) ގައި ހުއްޓުމަކަށް އަންނަން ފެށީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ފާސްކޮށްފައިވާ ކުރު މުއްދަތުގެ ފަންޑިންއާ ބެހޭ ގަރާރެއް ފާސްކުރުމަށް ސެނެޓުން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ.
މިކަމަށް ހައްލެއް ހޯދޭތޯ ވައިޓް ހައުސްގައި ހޯމަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުން ވެސް ޓްރަމްޕުގެ ރިޕަބްލިކަން އާއި އިދިކޮޅު ޑިމޮކްރެޓުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވުނެވެ.
މިހާރު އޮތް ގޮތަށް ފާސްކުރުމަށް 100 މެންބަރުންގެ ސެނެޓުން 60 ވޯޓު ބޭނުންވެ އެވެ. މިއީ ޑިމޮކްރެޓުންގެ ކޮންޓްރޯލަށްވުރެ ހަތް ވޯޓު ގިނަ އަދަދެކެވެ. ރިޕަބްލިކަން ޕާޓީގެ މެމްބަރުން ބޭނުންވަނީ ދިގު މުއްދަތުގެ ބަޖެޓެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުން، އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅާ ހިސާބަށް އެ ފައިސާ ހަމަޖެއްސުމަށެވެ.
ނަމަވެސް ޑިމޮކްރެޓުން ބޭނުންވަނީ ސިއްހީ ހިދުމަތުން އުނިކޮށްފައިވާ އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ބަޖެޓަށް އިޔާދަކުރާށެވެ. ހާއްސަކޮށް، މަދުން އާމްދަނީ ލިބޭ ގޭބިސީތަކަށް އޮބާމަކެއާ ހެލްތު އިންޝުއަރެންސަށް ކަނޑައަޅާފައިވާ ބަޖެޓް އަލުން ހިމަނަން ޑިމޮކްރެޓުން އެދެ އެވެ. މިއީ ޓްރަމްޕުގެ ސަރުކާރުން އެއްކޮށް އުވާލަން މަސައްކަތްކުރާ އިންޝޫރެންސެކެވެ.
ސެނެޓުގެ ހުރިހާ ޑިމޮކްރެޓިކް މެމްބަރުންހެން ވަނީ ހައުސް އިން ފާސްކުރި ހަތް ހަފުތާގެ ވަގުތީ ފަންޑިން ފިޔަވަޅާ ދެކޮޅަށް ވޯޓު ދީފަ އެވެ.
މިހާރު ކަންތައް ދާ ގޮތަށް ބަލާއިރު، އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮންނާނީ ކިހާ ދުވަހަކު ކަމެއް ބުނާކަށް އަދި ނޭނގެ އެވެ.
މިހާރު ފާސްކުރާ އުސޫލުން ބަޖެޓް ފާސްކުރަން ކޮންގެރްސް އިން ފެށި ފަހުން، 1976 އިން ފެށިގެން މިހާ ހިސާބަށް ފެޑެރަލް ސަރުކާރު 21 ފަހަރު ހުއްޓުމަކަށް އައިސްފައިވެ އެވެ. ބައެއް ފަހަރު މި ހުއްޓުމުގެ އަސަރު ސަރުކާރުގެ މަސައްކަތުން ފެންނަން ފެށުމުގެ ކުރިން، ދެތިން ގަޑިއިރު ތެރޭ ނިމުމަކަށް އާދެ އެވެ.
އެންމެ ގިނަ ދުވަހަށް ސަރުކާރު ހުއްޓުމަކަށް އައީ ޑިސެމްބަރު 22، 2018 ގަ އެވެ. އެއީ އެމެރިކާގެ ބޯޑަރުގައި ބޮޑު ފާރު ބިނާކުރަން 5.7 ބިލިއަން ޑޮލަރު ކަނޑައަޅަން، ޓްރަމްޕު އޭރު ރައީސްކަމުގައި ހުންނެވި އިރު ކުރި މަސައްކަތުގެ ސަބަބުންނެވެ. އެފަހަރު 380،000 ފެޑެރަލް މުވައްޒަފުން މަސައްކަތުން އެކަހެރިކޮށް އަދި އިތުރު 420،000 މީހުން މުސާރަ ނުލިބޭ ގޮތަށް މަސައްކަތްކުރަން ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަޖަމު
01 October 2025
ޓުރަންޕުގެ ގޮތް ދޫނުކުރުމާއި ނުލަފާ ކަމުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މިކަހަލަ ކަންކަން ރައްޔިތުންނަށް ދިމާވޭ...