ޒެލެންސްކީ އާއި ޓްރަމްޕްގެ ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --ފޮޓޯ: އޭއެފްޕީ
29 ޑިސެމްބަރ 2025 - 09:09
ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޔޫކްރޭނުން އެކުލަވާލާފައިވާ ސުލްހައިގެ އޮނިގަނޑުގައި ހިމަނާފައިވާ ނުކުތާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަޖެހިވަޑައިގަތަސް ސަރަހައްދު ކަނޑައެޅުމާ މެދު އެއްބަސްވުމަކަށް ނާދެވުނެވެ.
އެމެރިކާ އާއި ޔޫކްރޭނުގެ މަންދޫބުންގެ މެދުގައި ކުރި ދިގު މަޝްވަރާތަކަށް ފަހު، ހަނގުރާމަ ނިންމަށް 20 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ޔޫކްރޭނުން ވަނީ ހުށަހަޅައިފަ އެވެ.
އެ އޮނިގަނޑަށް އެމެރިކާގެ ރުހުން ހޯދުމަށް، ޔޫކްރޭނުގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ވަނީ އެމެރިކާގެ ފްލޮރިޑާއަށް ވަޑައިގެން، ޓްރަމްޕާ ބައްދަލުކުރައްވައިފަ އެވެ.
"މި ހަނގުރާމަ ނިންމަން އެންމެން ވެސް ބޭނުން. އެކަން ހާސިލުކުރުމަށްޓަކައި މީގެ ކުރިން ނުދެވޭހާ ގާތަށް ދެވިއްޖެ ކަމަށް ގަބޫލުކުރަން،" ޔޫކްރޭނުގެ ހުށަހެޅުންތަކާ މެދު މައިގަނޑު ގޮތެއްގައި ހިތްހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ޒެލެންސްކީ ހާމަކުރެއްވި ރަޝިޔާއާ އެކު، ސުލްހަ ގާއިމުކުރުމުގެ އޮނިގަނޑުގައި ހިމެނޭ ނުކުތާތަކުގެ ތެރޭގައި، ޔޫކްރޭނުގެ މިނިވަންކަން ޔަގީން ކުރުމާއި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އެމެރިކާ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ނޭޓޯގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަމާއި ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ވަސީލަތްތައް އަލުން ބިނާކުރުމަށް 800 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް މާލީ އެހީ ފޯރުކޮށްދިނުމަށް ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން، އީޔޫގެ މެމްބަރުކަން ޔޫކްރެއިނަށް ދިނުމާއި އެމެރިކާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުން ވެސް ޔޫކްރޭނުން ހުށަހެޅި މައިގަނޑު ނުކުތާތަކުގެ ތެރޭގައި ހިމެނެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ހަނގުރާމަ ނިމުމަކަށް އަންނަ އިރު ދެ ފަރާތުގެ ސަރަހައްދު ކަނޑައެޅުމަށް ހިމަނާފައިވާ ނުކުތާއާ މެދު އެއްބަސްވުމަކަށް ނާދެވެ އެވެ.
ޔޫކްރޭނުން މިހާރު ހުށަހަޅާފައިވާ ގޮތުން، ހަނގުރާމަ ނިމުމަކަށް އައުމާ އެކު ޔޫކްރޭނުގެ ޑޮންބާސްގެ އިރުމަތީ ސަރަހައްދުން އިން ވަކިކޮށް، ޑީމިލިޓަރައިޒްޑް ޒޯނެއް ކަނޑައެޅޭނެ އެވެ.
ޑޮންބާސްގެ ބޮޑު ސަރަހައްދެއް މިހާރު ވަނީ ރަޝިޔާ ސިފައިން ހިފައިފަ އެވެ. އަދި އެ ސަރަހައްދުން އެއްވެސް ބަޔަކަށް ދޫނުދޭނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
"ސަރަހައްދު ކަނޑައެޅުމާ މެދު އަދި މުޅިން އެއްބަސްވުމަކަށް ނާދެވޭ. އެކަމަކު އެކަމުގައި ވެސް އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ވަރަށް ގާތަށް ދެވިއްޖެ،" ޓްރަމްޕް ވިދާޅުވި އެވެ.
ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، ޔޫކްރޭނުގެ ވެރިރަށް ކިއޭވަށް ރަޝިޔާ އިން ވަނީ އިތުރު ހަމަލާތަކެއް ދީފަ އެވެ.
ޒެލެންސްކީ އާ ބައްދަލުކުރެއްވުމަށް ފަހު، ޓްރަމްޕް ވަނީ ޕުޓިންއަށް ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ޕުޓިން ވެސް މި ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަ ގާއިމުކުރަން ބޭނުންވެ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy