ކުޑަކުދިންނާ ބެހުމުގެ އިތުރުން ވެސް ޖިންސީ އެތައް ކުށެއްގެ މައްސަލައިގައި ޖަލަށް ލާފައި ވަނިކޮށް މަރުވި ޖެފްރީ އެޕްސްޓީންގެ ތަހުގީގާ ގުޅޭ އެތައް ހާސް ޑޮކިއުމަންޓެއް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހުކުރު ދުވަހު ވަނީ އަނެއްކާވެސް އާންމުކޮށްފަ އެވެ. 

މި ފައިލްތަކުގައި ދުނިޔެއަށް މަޝްހޫރު އެތައް ބައެއްގެ ނަން ހިމެނެ އެވެ. މިއީ ކުށެއް ކުރިކަން ސާބިތުވެފައި ނެތް ނަމަވެސް ފައިލްތަކުގައި ނަން އައިސްފައިވާ ބައެއް މީހުންނާއި އެކަމާ ގުޅިގެން ހިނގާފައިވާ އެކި ކަންކަމެވެ. 

ނޯވޭގެ ކްރައުން ޕްރިންސެސް

އެންމެ ފަހުން ހާމަކުރި ޑޮކިއުމެންޓްތަކާ އެކު، ނޯވޭގެ ޕްރިންސަސް މެޓެ-މާރިޓް، ވަނީ އޭނާ އެޕްސްޓީންއާ އެކު ބޭއްވި "ލަދުވެތި" ގާތް ގުޅުމާ މެދު މާފަށް އެދިވަޑައިގެންފަ އެވެ. 

މެޓެ-މާރިޓް އެޕްސްޓީންއަށް ފޮނުއްވި މެއިލްއެއްގައި، ސާފް ބޯޑު ހިފައިގެން ބަރަހަނާކޮށް ތިބޭ އަންހެނުންގެ ފޮޓޯ، 15 އަހަރުގެ ފިރިހެން ދަރިފުޅުގެ ވޯލްޕޭޕަރެއްގެ ގޮތުގައި ބޭނުންކުރަން ލަފާ ދިނުމަކީ ގޯހެއްތޯ އަހާފައިވެ އެވެ. 

ނޯވޭގެ ކްރައުން ޕްރިންސެސް މެޓެ-މާރިޓް
ނޯވޭގެ ކްރައުން ޕްރިންސެސް މެޓެ-މާރިޓް

މެޓެ-މާރިޓް ވަނީ އެޕްސްޓީންއާ އެކުވެރިކަން ބޭއްވިފައިވަނީ އެންމެ ރަނގަޅު ގޮތުގައި ނޫން ކަމަށާއި އެހެންވެ އެ އެކުވެރިކަމަށްޓަކައި މާފަށް އެދިވަޑައިގެންފަ އެވެ. 

ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ މެޓެ-މާރިޓް 2014 ވަނަ އަހަރު އެޕްސްޓީންއާ ގުޅުން ކަނޑާލާފައިވާ ކަމަށެވެ. 

އިނގިރޭސިވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ

 އިނގިރޭސިވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫގެ އަނދިރިފަރާތް މިފަހަރު ހާމަކުރި ލިޔުންތަކުން ވެސް އިތުރަށް ވަނީ ބޭޒާރުވެފަ އެވެ.  އެންޑްރޫ އާއި އެޕްސްޓީންއާ އޮތް ގުޅުމާ ބެހޭ ގޮތުން އެމެރިކާގެ ކޮންގްރެސްގައި ހެކިބަސް ދޭން ޖެހޭ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވަނީ ވިދާޅުވެފަ އެވެ. 

އިނގިރޭސި ވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ
އިނގިރޭސި ވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަސްގެފާނު ޗާލްސް ވަނީ، އޭނާގެ ކޮއްކޮ އެންޑްރޫގެ ޝާހީ ލަގަބުތަކާއި ޝަރަފްތައް އަތުލައްވައިފަ އެވެ. އެއީ އެޕްސްޓީންގެ ޝިކާރައަކަށްވި އަންހެނަކު ޔޫކޭއަށް ގެންގޮސް ޖިންސީ ބޭނުމަށް އެންޑްރޫއާ ހަވާލުކުރި ކަމަށް އެ އަންހެން މީހާ ބުނެފައި ވާތީ އެވެ. އެ މީހާ ބުނެފައިވާ ގޮތުގައި އޭނާ ތިން ފަަހަރަށް އެގޮތަށް ގެންދިޔައިރު ދެ ފަހަރު އެއީ އުމުރުން 17 އަހަރުގަ އެވެ. 

އެންޑްރޫގެ ކުރީގެ އަނބިމީހާ މިފަހަރު ސަލާމަތެއް ނުވި

އެންޑްރޫގެ ކުރީގެ އަންހެނުން ސާރާ ފާގަސަން ވަނީ އެޕްސްޓީން ފައިލްތަކުގެ ފުރަތަމަ ބޭޒާރުގައި ސަލާމަތްވެފަ އެވެ. އެކަމަކު ހުކުރު ދުވަހު ހާމަކުރި ލިޔުންތަކާ އެކު، ފައިނޭންސަރެއް ކަމަށްވާ އެޕްސްޓީންއާ އެކު ފާގަސަން ބޭއްވި ގުޅުން ސިފަވެފައިވެ އެވެ. 

ފާގަސަންގެ މެއިލްއެއްގައި އެޕްސްޓީން އަކީ "އަބަދުވެސް ބޭނުންވާ ކަހަލަ ބޭބެއެއް" ކަމަށް ބުނެ ޝުކުރު އަދާކޮށްފައިވެ އެވެ. 

ޔޫކޭގެ ކުރީގެ ޕްރިންސް އެންޑްރޫގެ ކުރީގެ އަނބިކަނބަލުން ސާރާ ފާގަސަން
ޔޫކޭގެ ކުރީގެ ޕްރިންސް އެންޑްރޫގެ ކުރީގެ އަނބިކަނބަލުން ސާރާ ފާގަސަން

އެހެން މެއިލްއެއްގައި، ކުލި ދައްކަން ވަރަށް އަވަހަށް 20،000 ޕައުންޑް ބޭނުންވާ ކަމަށާއި އެކަން ކުރެވޭނެ ބުއްދިއެއް އެބަ އޮތްތޯ ވެސް އަހާފައިވެ އެވެ. 

ފާގަސަން 2011 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނީ އެޕްސްޓީންއާ އޮތް ގުޅުން ކަނޑާލަން އުޅޭ ކަމަށާއި، ދަރަނި އަދާކުރުމަށް އެޕްސްޓީންގެ އަތުން 15،000 ޕައުންޑް (20،000 ޑޮލަރު) ނެގުމަކީ ހެދުނު މާސިންގާ ގޯހެއް ކަމަށް ވިދާޅުވެފަ އެވެ. 

ސްލޮވާކިއާގެ ސެކިއުރިޓީ އެޑްވައިޒަރު

ސްލޮވާކިއާ ސަރުކާރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މިރޮސްލާވް ލަޖެކްގެ ނަން އެޕްސްޓީން ފައިލްގައި އޮތްކަން ހާމަވުމާ އެކު ބޮޑުވަޒީރު ރޮބާޓޯ ފީކޯ ހޯމަ ދުވަހު ވަނީ ލަޖެކް ވަކިކުރައްވައިފަ އެވެ. 

ބީބީސީން ރިޕޯޓް ކުރާ ގޮތުގައި 2018 ވަނަ އަހަރު މިރޮސްލާވް ލަޖްކަކް ވަނީ އެޕްސްޓެއިންއާ އެކު އަންހެނުންނާ ބެހޭ ގޮތުން ޓެކްސްޓް މެސެޖްތަކެއް ބަދަލުކޮށްފަ އެވެ.

ލަޖްކަކް އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވަމުން ފިކޯ ވިދާޅުވީ ކުރީގެ މިނިސްޓަރު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައި ކަމަށެވެ.

ލޮސް އެންޖެލިސްގެ އޮލިމްޕިކް ޗީފް

ލޮސް އެންޖެލިސް އޮލިމްޕިކްސްގެ ވެރިޔާ ކޭސީ ވަސަމަން އާއި އެޕްސްޓެއިންގެ ކުރީގެ ލޯބިވެރިޔާ ގިސްލައިން މެކްސްވެލްއާ ދެމެދު އެތައް އަހަރެއް ވަންދެން، ޖިންސީ ނިޔަތުގައި ކޮށްފައިވާ އީމެއިލް މުއާލަމާތްތައް އެޕްސްޓީން ފައިލްގައި ހުރުމުން ވަސަމަން ވަނީ މާފަށް އެދިފަ އެވެ. 

ލޮސް އެންޖެލިސްގައި 2028 ވަނަ އަހަރަށް ތާވަލްކޮށްފައިވާ އޮލިމްޕިކްސްގެ އިންތިޒާމް ކޮމިޓީގެ ޗެއާމަން ވަސާމަން ބުނީ، ކުޑަ އަންހެން ކުދިން ޓްރެފިކް ކުރުމުގެ ކުށުގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މެކްސްވެލްއާ އެކު އޭނާ 2003 ވަނަ އަހަރު އީމެއިލުން މުއާމަލާތްތައް ކޮށްފައިވާނެ ކަމަށާއި އެކަމަކު އެއީ މެކްސްވެލްގެ ޖަރީމާތައް ނޭނގޭ އިރު ކަމަށެވެ. 

އެޕްސްޓީން އާއި އޭނާގެ ލޯބިވެރިޔާ ގިސްލައިން މެކްސްވެލް
އެޕްސްޓީން އާއި އޭނާގެ ލޯބިވެރިޔާ ގިސްލައިން މެކްސްވެލް

އޭނާ ބުނީ ދުވަހަކު ވެސް ޒާތީ އަދި ވިޔަފާރީގެ ގުޅުމެއް އެޕްސްޓީންއާ އެކު ބާއްވާފައި ނުވާނެ ކަމަށެވެ. އަދި އެޕްސްޓީން އާއި އޭނާގެ އެއްވެސް މީހަކާ އެކު ގުޅުމެއް ބޭއްވިފައިވާ ނަމަ ނިހާޔަތަށް މާފަށް އެދޭ ކަމަށް ވެސް ބުންޏެވެ. 

އެމެރިކާގައި ހުންނެވި ޔޫކޭގެ ކުރީގެ ސަފީރު

އެމެރިކާއަށް އިނގިރޭސި ވިލާތަށް މިދިޔަ އަހަރު ކަނޑައަޅާފައި ހުންނެވި ސަފީރު ޕީޓާ މަންޑެލްސަން ވަނީ އެޕްސްޓީންނާ އެކު ބޭއްވި ގުޅުންތައް ހާމަވުމާ އެކު ލޭބާ ޕާޓީން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. 

އެންމެ ފަހުން ހާމަކުރި ޑޮކިއުމެންޓްތަކުގައި، ހަމައެކަނި ޖަންގިޔަލެއް ލައިގެން މަންޑެލްސަން އަންހެނެއް ކައިރީގައި ހުންނަ ފޮޓޯއެއް ހިމެނެ އެވެ. ފޮޓޯ އާންމުކޮށްފައިވަނީ އަންހެން މީހާ އަކީ ކާކުކަން ނޭނގޭ ގޮތަށް ހެދުމަށް ފަހުގަ އެވެ. މަންޑެލްސަން ބީބީސީއަށް ވިދާޅުވެފައިވާ ގޮތުގައި އެއީ ކޮން އަންހެނެއް ކަމެއް އަދި ކޮން ތަނެއްގައި ނެގި ފޮޓޯއެއް ކަމެއް ބުނެދޭކަށް އޭނާއަކަށް ވެސް ނޭނގެ އެވެ. 

ޔޫކޭގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވަނީ މަންޑެލްސަން އާއި އެޕްސްޓީންއާ ދެމެދު އޮތް ގުޅުން ތަހުގީގުކުރުމަށް ވެސް އަންގަވައިފަ އެވެ. 

އެމެރިކާއަށް އިނގިރޭސި ވިލާތުން ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ޕީޓާ މަންޑެލްސަން
އެމެރިކާއަށް އިނގިރޭސި ވިލާތުން ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ޕީޓާ މަންޑެލްސަން

އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 2003 ވަނަ އަހަރާއި 2004 ވަނަ އަހަރު އެޕްސްޓީން ވަނީ މަންޑޭލްސަންއާ ގުޅުން ހުރި އެކައުންޓްތަކަށް 75،000 ޑޮލަރު ޓްރާންސްފާ ކޮށްފަ އެވެ. އެކަމަކު އޭނާ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ އެއްވެސް ފައިސާއެއް ލިބުނު ކަމުގެ އެއްވެސް ރެކޯޑެއް އަދި ހަނދާނެއް ވެސް ނެތް ކަމަށެވެ.

މިދިޔަ މަހު މަންޑެލްސަން ވަނީ އެޕްސްޓީންއާ އެކު ގާތް ގުޅުމެއް ބޭއްވިފައި ވާތީ، އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު އެންމެންގެ ކިބައިން މާފަށް އެދިފަ އެވެ. 

ޔުނިވަސިޓީއަކުން މަންދޫބެއްގެ ނަން ވެސް އުނިކުރި

ބެލްފާސްޓްގައި ހުންނަ، ނޮދަން އަޔަލެންޑްގެ ކުއީންސް ޔުނިވާސިޓީން ވަނީ އެމެރިކާގެ ކުރީގެ ސެނެޓަރު ޖޯޖް މިޝެލްގެ ނަން ވެސް އެޕްސްޓީން ފައިލްގައި ހިމެނޭތީ، އޭނާގެ ނަން އެ ޔުނިވަސިޓީގެ އިންސްޓްޓިޓަކުން އުނިކުރަން ނިންމައިފަ އެވެ.  

ނޮދަން އަޔަލެންޑުގައި އިނގިރޭސިންގެ ވެރިކަން އޮތުމާ ދެކޮޅަށް ހިންގަމުން ދިޔަ ހަމަނުޖެހުން އެތައް އަހަރަކަށް ފަހު 1998 ވަނަ އަހަރު ނިމުމަކަށް ގެނައި މަޝްވަރާތަކުގައި މިޝެލްގެ ދައުރު ބޮޑެވެ.

މިޝެލް ވަނީ 1999 އިން 2009 އަށް ކުއީންސް ޔުނިވަސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވައިފަ އެވެ.

އެންމެ ފަހުގެ ލިޔުންތަކުގައި މިޝެލްގެ ވާހަކަ 339 ފަހަރު އައިސްފައިވެ އެވެ. އޭނާ ވިދާޅުވީ އެޕްސްޓީންއާ ބައްދަލުވެ އަދި ދަންނަ މީހަކަށް ވީތީ ހިތާމަކުރައްވާ ކަމަށާއި އެޕްސްޓީން ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަމުން ދިޔަ ކަމެއް އޭރު ނޭނގޭ ކަމަށެވެ.