ސައޫދީ އަރަބިއްޔާގައި އުޅޭ އެތައް މިލިއަން ޖަމަލަކަށް ޕާސްޕޯޓް ހަދައި، ޖަމަލުތައް މެނޭޖުކުރުން ހަރުދަނާކުރުމުގެ ޕްރޮގްރާމެއް އެ ގައުމުން އިއުލާނުކޮށްފި އެވެ. 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ވޯޓާ އެންޑް އެގްރިކަލްޗާ އިން ބުނީ މި މަސައްކަތުގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވެ، އިތުބާރު ބޮޑު ރިފަރެންސް ޑޭޓާބޭސްއަކުން ޖަމަލުތައް މެނޭޖުކުރަން ފަސޭހަވާނެ ކަމަށެވެ. 

އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޖަމަލު ޕާސްޕޯޓްގެ ގޮތައިބޭނުންކުރާ ޑޮކިއުމެންޓްގެ ފޮޓޯއެއް ހިމަނާފައިވެ އެވެ. އެއީ ސްޓޭމްޕް ޖަހާފައިވާ ފެހިކުލައިގެ ޕާސްޕޯޓެކެވެ. އަދި ދައުލަތުގެ ނިޝާނާ އެކު ރަން ކުލައިގެ ޖަމަލެއް ހިމަނާފައިވެ އެވެ. 

މި ޕާސްޕޯޓުގެ ސަބަބުން ޖަމަލުގެ ވިޔަފާރި އާއި ދަތުރުފަތުރު ރެގިއުލޭޓްކޮށް، ރަސްމީ ލިޔެކިޔުންތައް ކަށަވަރުކޮށްދީ، ވެރިފަރާތުގެ ހައްގުތައް ހިމާޔަތްކޮށް، މިލްކުވެރިކަން ސާބިތު ކުރުމަށް އެހީއަކަށް ވާނެ ކަމަށް، ދައުލަތާ ގުޅުން އޮންނަ އަލް ޚަބަރިއްޔާ ޓީވީން ބުންޏެވެ. 

ސައޫދީ ސަރުކާރުން 2024 ވަނަ އަހަރު ލަފާކޮށްފައިވާ ގޮތުގައި އެ ގައުމުގައި ގާތްގަނޑަކަށް 2.2 މިލިއަން ޖަމަލު އުޅޭނެ އެވެ. 

ސައޫދީގައި ޖަމަލަށް ހަދައިދޭ ޕާސްޕޯޓް
ސައޫދީގައި ޖަމަލަށް ހަދައިދޭ ޕާސްޕޯޓް

ޖަމަލަކީ ދަތުރުފަތުރު ކުރުމަށް އަރަބި ގައުމުގައި ޒަމާނުންސުރެ ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އަދ ޖަމަލެއްގެ ވެރިޔަކަށް ވުމަކީ ޝަރަފެއްގެ ގޮތުގައި ބެލެވިފައި އޮންނައިރު ޖަމަލު އާލާކުރުމުގައި މި ފަހުން މީހުންގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވެ އެވެ. 

ސައޫދީގައި ކޮންމެ އަހަރަކު، ޖަމަލުގެ ރީތީގެ މުބާރާތް ވެސް ފެސްޓިވަލެއްގެ ގޮތުގައި ބާއްވަ އެވެ. މި މުބާރާތަކަށް ޖަމަލުތައް ނަލަހައްދަން ބައިވެރިން އެތައް ހާސް ޑޮލަރެއް ހޭދަކުރެ އެވެ. މިކަމުގައި ވެސް ވާދަވެރިކަން ބޮޑުވެ ޖަމަލުގެ ކޮސްމެޓިކް ސާޖަރީތައް ހަދައިގެން މުބާރާތުގައި ބައިވެރިކުރުން ވަނީ މައްސަލައަކަށް ވެފަ އެވެ. އެހެން މިފަދަ ކަންކަން ކުރާ މީހުންނަށް، މުބާރާތްތަކުގައި ބޮޑެތި އަދަބު ވެސް ދެ އެވެ. 

ޖަމަލަކީ ސައޫދީގައި ހާއްސަ އެއްޗަކަށް ވާއިރު، 2021 ވަނަ އަހަރު ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސައުދީ އަރަބިޔާގައި ޖަމަލުތަކާއި އަސްތަކުގެ ކުރެހުންތައް 7،000 އަހަރު ކުރިން ހިލަތަކުގައި ކުރަހާފައި އެބަ ހުއްޓެވެ.