ކުޑަކުދިންނާ ބެހުމާއި އެކި ގައުމުތަކުން ޖިންސީ ބޭނުމަށް އަންހެނުން ޓްރެފިކްކޮށް ހުތުރު އެތައް އަމަލުތަކެއް ހިންގިކަން ސާބިތުވެ ޖަލަށް ލާފައި ވަނިކޮށް މަރުވި ޖެފްރީ އެޕްސްޓީންގެ މެއިލްތަކުން ޔޫކޭ ސަރުކާރުގެ އެތައް ބަޔަކު ބޭޒާރުވެ ސަރުކާރު ހޫނު ފެނަށް ވެއްޓިއްޖެ އެވެ. 

ނުފޫޒު ގަދަ ފައިނޭސަރެއް ކަމަށްވާ އެޕްސްޓީންގެ އީމެއިލްތަކާއި އޭނާގެ މައްސަލައާ ގުޅުން ހުރި އެތައް މިލިއަން ޑޮކިއުމެންޓެއް އެމެރިކާ ސަރުކާރުން ހާމަކުރި އިރު ޔޫކޭގެ ވެރިކަންކުރާ ލޭބާ ޕާޓީއަށް ނިސްބަތްވާ ކުރީގެ ޑިޕްލޮމެޓް ޕީޓާ މަންޑެލްސަން އެޕްސްޓީންގެ ހުތުރު އަމަލުތަކުގައި ބައިވެރިވިކަން ވަނީ ހާމަވެފަ އެވެ. އެމެރިކާއަށް ޔޫކޭއިން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަގާމު އަދާކުރެއްވި މަންޑެލްސަން ސަރުކާރުގެ ސިއްރު ލިޔުންތައް އެޕްސްޓީންއާ ހިއްސާކުރިކަމާއި އެޕްސްޓީންގެ އަތުން އެތައް ހާސް ޑޮލަރެއް ހޯދާފައިވާކަން ވަނީ ފަޅާއަރައިފަ އެވެ. 

މި މައްސަލާގައި ކުރިމަތިވި ފިއްތުންތަކާ ހުރެ އޭނާ ވަނީ ގާނޫނު ހަދާ މަޖިލީހުންނާއި ލޭބާ ޕާޓީން މި މަހު އިސްތިއުފާ ދެއްވައިފަ އެވެ. 

އޭގެ ފަހުން އިއްޔެ ވަނީ ބޮޑުވަޒީރު ކިއާ ސްޓާމާގެ ޗީފް އޮފް ސްޓާފް މޯގަން މެކްސްވީނޭ ވެސް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ މަންޑެލްސަން މަގާމަށް އައްޔަންކުރުމުގައި މެކްސްވީނޭ އަދާކުކުރައްވާފައިވާ ދައުރާ ގުޅިގެން އޭނާއަށް އަމާޒުވި ފާޑުކިޔުމާ އެކުގަ އެވެ. 

މިއަދު ވަނީ ބޮޑުވަޒީރުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޓިމް އެލަން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. މީގެ ފަސް މަސް ކުރިން އެ މަގާމަށް އައްޔަންކުރި އެލަން އަކީ މިދިޔަ އެއް އަހަރު ތެރޭ އެ މަގާމަށް އައްޔަންކުރި ހަތަރު ވަނަ މީހާ އެވެ. 

"އަޅުގަނޑު އިސްތިއުފާ ދޭން ނިންމީ ބޮޑުވަޒީރުގެ ޓީމު އަލުން އެކުލަވާލުމަށް ފުރުސަތު ދިނުމަށް. އަޅުގަނޑު އެދެނީ ބޮޑުވަޒީރާއި ޓީމަށް ކާމިޔާބީ،" އެލަން އިސްތިއުފާ ދެއްވައި ނެރުއްވި ބަޔާނުގައިވެ އެވެ. 

ފިއްތުންތައް އިތުރުވަމުން ދާއިރު މަންޑެލްސަންގެ މައްސަލަ ބަލައި ސީރިއަސްކަމާ އެކު ގެންދަނީ ތަހުގީގުކުރަމުންނެވެ. 

ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ އިސްތިއުފާއަށް ފަހު ބޮޑުވަޒީރު ކިއާމާގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ކިއާމާ ހުންނެވީ މަގާމުގެ ޒިންމާތަކައިގެން ކުރިއަށް ވަޑައިގަންނަވާ ގޮތަށް ކަމަށާއި އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. 

މަގާމުގައި އަދި 19 މަސް ދުވަސްވީ ކިއާމާގެ އިސްތިއުފާއަށް ގޮވާލަމުންދަނީ މަންޑެލްސަން އެމެރިކާ ސަފީރުކަމަށް އައްޔަންކުރެއްވި އިރު ވެސް އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވިކަން އެނގި ހުރެ އެ ނިންމުން ނިންމެވި ކަމަށް ބުނެ އެވެ.