އިޒްރޭލުން ހިފާފައިވާ، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވެރި ކުރުވަން ކުރަމުންދާ މަސައްކަތް އިސްލާމީ ގައުމުތަކުން ކުށްވެރި ކޮށްފި އެވެ.

ސައުދީ އަރަބިއްޔާ، އުރުދުން، ޔޫއޭއީ، ގަތަރު، އިންޑޮނީޝިއާ، ޕާކިސްތާން، ތުރުކީ އަދި މިސްރުގެ ހާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ވަޒަންވެރިން އިތުރުކޮށް، ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ބޭރުކޮށް، އެ ސަރަހައްދަށް އަތްގަދަކުރުމަށް ކުރާ މަސައްކަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.

އަދި އިޒްރޭލުގެ އިސްތިއުމާރީ ބާރު ހިންގަމުންދާ ހުޅަނގު އައްސޭރީގެ މައްޗަށް އިޒްރޭލުގެ ސިޔާދަތީ އެއްވެސް ބާރެއް ނެތް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިގޮތުން، ހުޅަނގު އައްސޭރި އިސްތިއުމާރުކުރަން އިޒްރޭލުން ކުރަމުންދާ މަސައްކަތުގެ ސަބަބުން، އެ ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެ، ސުލްހަ ގާއިމުކޮށްފައި ބޭއްވުމަށް ހުރަސް އެޅޭ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެހެންކަމުން، އިޒްރޭލުގެ މި ގާނޫނާ ހިލާފު އަމަލުތައް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަގުތުން ހުއްޓުވައިދިނުމަށް އެ ބަޔާނުގައި ގޮވައިލި އެވެ.

އިޒްރޭލުން 1967 އިން ފެށިގެން ހުޅަނގު އައްސޭރި ހިފައިގެން ތިބޭއިރު އެއީ ފަލަސްތީނުގެ ތިން މިލިއަނެއްހާ މީހުންގެ ވަޒަނެވެ. އެތަނުގައި އިޒްރޭލުގެ 500،000 މީހުން އުޅޭއިރު ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއީ ޣައިރު ގާނޫނީ އާބާދީތަކެކެވެ.