އެކި ސަބަބުތަކާ ހެދި އޭޝިއާގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ގެ ސަޕްލައި ތާށިވެ އާންމުންނަށް ދަތިތަކާ ކުރިމަތިވާން ފަށައިފި އެވެ.
މި މައްސަލަ އެންމެ ބޮޑުވެފައި ވަނީ ބަންގްލާދޭޝްގަ އެވެ. އެ ގައުމަށް ގޭސް އިމްޕޯޓްކުރާ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިހާރު ވަނީ 150،000 ޓަނު މަދުވެފަ އެވެ. އެކަމަކު ގޭހަށް އޮތް ޑިމާންޑް 10 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
މި ތާށިކަމާ އެކު މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ 12 ކިލޯގެ ގޭސް ސިލިންޑަރެއްގެ އަގު 1،356 ޓާކާ (ގާތްގަނޑަކަށް 170ރ.) އަށް ބޮޑުކޮށްފަ އެވެ. އެކަމަކު ގޭސް ލިބުން ދަތިވެފައި ވާތީ ކަޅުބާޒާރުގައި މީގެ ސިލިންޑަރެއްގެ އަގު 2،300 ޓާކާއާ ހިސާބަށް ވަނީ އުފުލިފަ އެވެ.
އެ ގައުމަށް ގޭސް ސަޕްލައިިކުރާ ބޮޑެތި ކުންފުނިތަކުން ވަނީ ސަޕްލައި މަދުކޮށް ނުވަތަ އެއްކޮށް ހުއްޓާލައިފަ އެވެ. މިހެން ކަންތައް ކުރަންޖެހެނު އެއް ސަބަބުގެ ގޮތުގައި ބުނަނީ ބޭންކުތަކުން ލެޓާސް އޮފް ކްރެޑިޓް (އެލްސީ) ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައި ވުމެވެ. އަދި ގޭސް ސަޕްލައިކޮށްދޭނެ އުޅަނދުތައް ނުލިބޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.
ބަންގްލާދޭޝްގެ ވެރިރަށް ޑާކާ އާއި އެހެން ބައެއް ހިސާބުތަކުގައި ވެސް ގޭސް ވިއްކާ ތަންތަނުން ސިލިންޑަރުތަކަށް ގޭސް އަޅައިނުދޭތީ އާންމުން އެ ތަންތަނަށް ދޫކޮށްލާފައި ދާ ސިލިންޑަރުތައް މިހާރު ވަނީ ފުނިޖެހިފަ އެވެ.
ޕާކިސްތާނުގައި ވެސް މި މައްސަލަ ބޮޑުވެފައި ވާއިރު އެ ގައުމުގެ އޮއިލް އެންޑް ގޭސް ރެގިއުލޭޓަރީ އޮތޯރިޓީ އިން މި މަހު ވަނީ ތިން ވަނަ ފަހަރަށް ގޭހުގެ އަގު ބޮޑުކޮށްފަ އެވެ. އެ ގައުމުގައި މިހާރު 11.8 ކިލޯގެ ގޭސް ސިލިންޑަރެއްގެ އަގު ހުރީ 2،667 ރުޕީސް (ގާތްގަނޑަށް 147ރ.) ގަ އެވެ.
ޕާކިސްތާނުގައި ގޭހުގެ އަގު މަތިވުމުގެ މައިގަނޑު ސަބަބެއް ކަމަށް ވެފައިވަނީ ފައިސާގެ އަގު ދަށްވުމާއި ސައޫދީގެ އަރަމްކޯ އިން ގޭހުގެ ކޮންޓްރެކްޓް އަގު ބޮޑުކުރުމެވެ. ރޯދަ މަސް ފެށެން ކައިރިވާއިރު ޕާކިސްތާނުގައި ގޭހުގެ ޑިމާންޑު ބޮޑުވުމުން އަގުތައް އިތުރަށް އުފުލި އާންމުންނަށް ވަނީ ދަތިކަމާ ކުރިމަތިވެފަ އެވެ.
އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވާ ނޭޕާލްގައި ގޭސްފުޅިއެއް ރިފިލްކުރުމަށް މިހާރު 4-5 ދުވަސް ހޭދަވެ އެވެ. މި ލަސްވުން ކުރިމަތިވެފައިވަނީ އިންޑިއާގެ ރިފައިނަރީސްތަކަށް ދިމާވެފައިވާ އޮޕަރޭޝަނަލް މައްސަލަތަކާ ހެދި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ލޮޖިސްޓިކަލް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އިންޑިއާ އިން ދަނީ ހަކަތައިގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. މި އަހަރު އިންޑިއާ އިން ވަނީ އެމެރިކާ އިން 2.2 މިލިއަން ޓަނުގެ އެލްޕީޖީ އެތެރެ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
- ބޯޓުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން
އީރާނުގެ ތެޔޮ ވަގަށް ވިއްކުން ހުއްޓުވުމުގެ ނަމުގައި އެމެރިކާއިން އެންމެ ފަހުން ދަތިކުރުމުގެ ފިޔަވަޅު އެޅި އުޅަނދުތަކުގެ ތެރޭގައި ގޭސް އުފުލާ އުޅަނދުތައް ވެސް ހިމެނެ އެވެ. މި މަހުގެ ހަ ވަނަ ދުވަހު 14 އުޅަނދަކާއި 30 ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވާއިރު އެލްޕީޖީ ޓްރާންސްޕޯޓްކުރުމަށް އޭޝިއާގެ އެކި ސަޕްލަޔަރުން ބޭނުންކުރާ އެތައް އުޅަނދެއް އޭގެ ތެރޭގައި ހިމެނެ އެވެ.
އެމެރިކާއިން 2025 ވަނަ އަހަރުގެ ފަހުކޮޅާއި މި އަހަރުގެ ކުރީކޮޅު ވަނީ އީރާންގެ އެލްޕީޖީ ވިއްކުމާއި އުފުލުމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އުޅަނދުތަކާއި އަމިއްލަ ފަރުދުންގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މި ފިޔަވަޅުތަކުގައި، އީރާންގެ ތެލާއި ގޭސް އުފުލުމުގައި ބައިވެރިވާ "ޝެޑޯ ފްލީޓް" އަށް ނިސްބަތްވާ ކަމަށް ބުނާ އުޅަނދުތަކާއި ކުންފުނިތައް ވެސް ހިމެނެ އެވެ.
އީރާނުގެ ތެލާއި އެލްޕީޖީ އުފުލުމުގައި ހަރަކާތްތެރިވާ ކަމަށް ބުނެ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދުތަކުގެ ތެރޭގައި 14 އެލްޕީޖީ ކެރިއާ ހިމެނެ އެވެ. މީގެ ތެރެއިން 11 އުޅަނދަކީ އެތައް ބަޔަކަށް ސަޕްލައިކޮށްދޭ ވަރަށް ބޮޑު 11 ކެރިއަރެވެ.
- ސަރަހައްދީ ތާށިކަން
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ޕާކިސްތާނާއި ބަންގްލާދޭޝް ފަދަ ގައުމުތަކަށް ގޭސް ލިބުން ވަނީ ދަތިވެފަ އެވެ. އެހެންވެ ކެޕޭސިޓީ ޝޯޓޭޖާއި ފްރައިޓް ބޮޑުވުން ފަދަ އެތައް މައްސަލައަކާ ދަނީ ކުރިމަތިވަމުންނެވެ. ކުއްލިއަކަށް ދިމާވި ތާށިކަމާ އެކު ސަރަހައްދީ ގައުމުތަކުން ގޭސް ހޯދަން ކުރަން ފަށާފައިވާ މަސައްކަތާ އެކު އަގުތައް އުފުލުމުން، ނިސްބަތުން މަދުން އިމްޕޯޓްކުރާ ގައުމުތަކަށް ގޭސް ހޯދުމުގައި ވަކިން ބޮޑަށް ވަނީ ދަތިވެފަ އެވެ.
ދިރާސާކުރާ މީހުން ލަފާކުރާ ގޮތުގައި އެމެރިކާ އާއި މެދުއިރުމަތީގެ އެކްސްޕޯޓް ކެޕޭސިޓީ އިތުރުވަމުންދާ ވަރަކަށް މި އަހަރު ދުނިޔޭގެ އެލްޕީޖީ ސަޕްލައި ސާޕްލަސް ވާނެ އެވެ. ނަމަވެސް އޭޝިއާއަށް މި ސަޕްލައި ނުފޯރައި ތާށިވުމުގައި އެތައް ސަބަބެއް މެދުވެރިވެފައިވެފައި އެވެ.