އިންޑިއާގެ އަވަށެއްގައި، އުމުރުން 24 އަހަރުގެ އަންހެނަކު ހަރުފައަކަށް ބަދަލުވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ބެލި އިރު އެއީ އެހެން މީހަކާ ކައިވެނިކުރުވަން އުޅުމުން ލޯބިވެރިޔާއާ އެކު ފިލައިގެން ގޮސް އުޅޭ މީހެއްކަން އެނގިއްޖެ އެވެ. 

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުއްތަރްޕްރަދޭޝްގެ އެކަހެރި އަވަށެއް ކަމަށްވާ ސިންގަންޕޫރުގައި، ރީނާ ކިޔާ މި އަންހެން މީހާ ހަރުފައަކަށް ބަދަލުވި ކަމަށް ބުނެ ރިޕޯޓްކުރީ އޭނާ ނުފެނިގެން ހޯދި އިރު އެނދުމަތީގައި ފަސް ފޫޓު ދިގު، ހަރުފަ ދުލިގަނޑެއް އޮތުމުންނެވެ. 

އާދީއްތަ ދުވަހުގެ ރެޔަށް ފަހު ރީނާ ގެއްލިގެން ހޯދި އިރު އޭނާގެ އެނދުމަތިން ހަރުފަ ދުލިގަނޑުގެ އިތުރުން އުޅާ، އަނގޮޓި އަދި ލައިގެން ހުރި ހެދުން ވެސް ފެނުނެވެ. އެހެންވެ އިންޑިއާގައި އޮންނަ ބޯދާ ވިސްނުމުގައި އާއިލާއިން ގަބޫލުކުރި އަންހެން މީހާ "ނާގިން" އަކަށް ބަދަލުވީ ކަމަށެވެ. 

އާއިލާގެ މީހުންނަށް ހޯމަ ދުވަހު ހެނދުނު މިކަން އެނގި އަވަށަށް ވާހަކަ ފެތުރުމާ އެކު އަވަށު މީހުން ހައިރާންކަމާ އެކު އެއްވެ މަންޒަރު ބެލި އެވެ. އަދި ފުލުހުންނަށް ރިޕޯޓްކުރީ އެވެ. 

ރީނާ ހަރުފައަކަށް ބަދަލުވީ ކަމަށް އާއިލާއިން ނިންމައިގެން ތިއްބާ ފުލުހުން ވަނީ އޭނާގެ ފޯނު ޓްރޭސްކޮށްގެން ހޯދައިފަ އެވެ. އެ ހިސާބުން އެނގުނު ގޮތުގައި އޭނާ ފިލައިގެން ދިޔައީ ހަމަ އެ އަވަށުން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޒުވާނަކާ އެކުގަ އެވެ. އޭނާ ވެސް ވަނީ ގެއްލިގެން ރިޕޯޓްކޮށްފަ އެވެ. މިކަން ކުރީ އެހެން މީހަކާ ރީނާގެ ކައިވެނިކުރަން މީގެ ދުވަސްކޮޅެއް ކުރިން ނިންމުމުން ކަމަށް ވެސް މިހާރު ވަނީ އެނގިފަ އެވެ. 

ރީނާ ފިލީ ވަރަށް ދުރާލައި ރާވައިގެން އެކި ކަންކަން ކުރަމުން ދިއުމަށް ފަހުގަ އެވެ. މީގެ ތިން މަސް ކުރިން އޭނާ ފައްޅިއަކަށް ގޮސް "ހަރުފަ ބުދެއް" ގެޔަށް ގެންދިޔަ އެވެ. އަދި ފަހުން ވަނީ ހުވަފެނުުގައި ހަރުފަ ފެންނަ ވާހަކަ ދައްކައިފަ އެވެ. ފިލައިގެން ދިޔައިރު ރީނާ ދިޔައީ އެ ބުދު ހިފައިގެންނެވެ. 

ޓައިމްސް އޮފް އިންޑިއާއިން އަންހެން މީހާގެ ބައްޕައާ ހަވާލާދީ ބުނީ އޭނާގެ ދަރިފުޅު ހަރުފައަކަށް ބަދަލުވި ކަމަށް އާއިލާއިން ގަބޫލުކުރި ކަމަށް ރިޕޯޓްކޮށްފައިވަނީ މީހުން ދައްކާ ޔޯލަ ވާހަކައަށް ބަލައިގެން ކަމަށާއި އާއިލާއިން އެންމެ ފުރަތަމަ ވެސް އެއީ އެހެން ފިރިހެނަކާ ގުޅުން އޮތް ހާދިސާއެއް ކަމަށް ގަބޫލުކުރި ކަމަށެވެ. އަދި އެ ފިރިހެން މީހާގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ވެސް ބުންޏެވެ.