އާދަޔާ ހިލާފް ގަދަ ވަޔާ އެކު މަޑަކަސްކަރައަށް އެރި ތޫފާނެއްގައި،  ދެ ވަނައަށް އެންމެ ބޮޑު ސިޓީގެ 75 ޕަސެންޓް ހަލާކުވެ މަދުވެގެން 20 މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ނެޝަނަލް އޮފީސް ފޯ ރިކްސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް (ބީއެންއާރްޖީސީ) މިއަދު ބުނެފި އެވެ. 

އިންޑިއާގެ ކަނޑުގެ މި ގައުމުގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޓޯމަސީނާއަށް ތޫފާން ގެޒާނީ އެރީ މިއަދު ކަމަށާއި އެ ތޫފާނުގައި ގަޑިއަކު 250 ކިލޯމީޓަރު (155 މޭލު) ބާރުމިނުގައި ވައިޖެހުނު ކަމަށް ބީއެންއާރްޖީސީން ބުންޏެވެ. 

އެ އިދާރާއިން ބުނީ 20 މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. 

ތޫފާނަށް ފަހު 15 މީހަކު ގެއްލިފައިވާ ކަމަށާއި 33 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ވެސް ބުންޏެވެ. 

މަޑަކަސްކަރައިގެ ޓޯމަސީނާއަށް އެރި ތޫފާނުގައި ފެން ބޮޑުވެ ރުއްގަސްތައް ވެރިފައި. -- ފޮޓޯ: ބީއެންއާރްޖީސީ
މަޑަކަސްކަރައިގެ ޓޯމަސީނާއަށް އެރި ތޫފާނުގައި ފެން ބޮޑުވެ ރުއްގަސްތައް ވެރިފައި. -- ފޮޓޯ: ބީއެންއާރްޖީސީ

"މި ދިމާވީ ކާރިސާއެއް. ޓޯމަސީނާގެ 75 ޕަސެންޓް ވަނީ ސުންނާފަތިވެފައި،" ތޫފާނު އެރުމުގެ ކުރިން ޓޯމަސީނާއަށް އެތަނުގެ އާންމުންނަށް އެހީވާން ވަޑައިގަތް، ގައުމުގެ އާ ލީޑަރު ކާނަލް މައިކެލް ރަންޑްރިއަނިރިނާ ވިދާޅުވި އެވެ. 

"މިހާރު ކުރިމަތިވެފައިވަނީ މަޑަކަސްކަރައަށް އެކަނި އަރައިގަނެވޭނެ ހާލަތެއް ނޫން،" މިދިޔަ އޮކްޓޫބަރު މަހު ބަޣާވާތަކުން ވެރިކަން ހޯއްދެވި ރަންޑްރިއަނިރިނާ ބައިނަލްއަގުވާމީ އެހީއަށް އިލްތިމާސްކުރައްވަމުން ވިދާޅުވި އެވެ. 

ބީއެންއާރްޖީސީން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޑްރޯން ފުޓޭޖުން ފެންނަ ގޮތުގައި 400،000 މީހުންގެ އާބާދީއެއް އޮންނަ އިރުމަތީ އައްސޭރިފަށުގެ އެ ސިޓީގައި ފެންބޮޑުވެ އާންމުން ފެނުގެ ތެރޭގައި ބަންދުވެފައި ތިބި އިރު އެތައް އިމާރާތެއްގެ ފުރާޅު ވަނީ އެއްލާލައިފަ އެވެ. އަދި މަގުތައް ވަނީ މުލުން ލުހިގެން ވެއްޓިފައިވާ ގަސްތަކާއި ކުނިބުނިން ފުރިފަ އެވެ. 

މަޑަކަސްކަރައިގެ ޓޯމަސީނާއަށް އެރި ތޫފާނުގައި ފެން ބޮޑުވެފައި. -- ފޮޓޯ: ބީއެންއާރްޖީސީ
މަޑަކަސްކަރައިގެ ޓޯމަސީނާއަށް އެރި ތޫފާނުގައި ފެން ބޮޑުވެފައި. -- ފޮޓޯ: ބީއެންއާރްޖީސީ

"މިއީ ވަރަށް ބޮޑު ހާދިސާއެއް: 90 ޕަސެންޓް ގެތަކުގެ ފުރާޅު ވަނީ އެއްކޮށް ނުވަތަ ބައެއް ނަމަވެސް ހަލާކުވެފައި،" އެކްޝަން އެގެއިންސްޓް ހަންގާ ހިއުމެނިޓޭރިއަން ގްރޫޕްގެ ޑިޒާސްޓާ މެނޭޖްމަންޓް ހެޑް ރިޖާ ރެންޑްރިއަނަރިސޯއާ ވިދާޅުވި އެވެ.

ނޭޝަނަލް ސްޓެޓިސްޓިކްސް އިންސްޓިޓިއުޓުން ބުނާ ގޮތުގައި މަޑަގަސްކަރަގެ 70 ޕަސެންޓަށް ވުރެ ގިނަ ގެ ބިނާކޮށްފައިވަނީ މައްޓާއި ދަނޑިފަނުން ނުވަތަ އެފަދަ ބަލި ތަކެތި ބޭނުންކޮށްގެންނެވެ.  

އޭނާ އޭއެފްޕީއަށް ވިދާޅުވީ މަގުތަކަށް އެޅިފައިވާ ކުނިބުންޏާއި ވެއްޓިފައިވާ ގަސްތަކުގެ ސަބަބުން މަގުތައް ވެސް ބޭނުން ނުކުރެވޭ ކަމަށެވެ. 

މި ތޫފާނަކީ 1994 ވަނަ އަހަރުގެ ފެބްރުއަރީ މަހު 200 އަށް ވުރެ ގިނަ މީހުން މަރުވެ ބައި މިލިއަން މީހުންނަށް ގެއްލުންވި ތޫފާނަށް ފަހު އެ ގައުމަށް އެރި އެންމެ ވަރުގަދަ ތޫފާނު ކަމަށް ވަނީ ބެލެވިފަ އެވެ.